Roadha Mihaaru
ޕުޓިން ފަސް ވަނަ ދައުރަކަށް ރައީސްކަމަށް

ޕުޓިން ފަސް ވަނަ ދައުރަކަށް ރައީސްކަމަށް؛ ވިދާޅުވީ ރަޝިޔާ ނުހުއްޓުވޭނޭ

18 މާޗް 2024

ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ފަސް ވަނަ ދައުރަކަށް ރައީސްކަމަށް އިންތިހާބުވެފައިވާކަން އިއުލާނުކުރައްވައި ރަޝިޔާ ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ އެމެރިކާ އަށް ބަހުގެ ހަމަލާ ދެއްވައިފި އެވެ.

ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ފަސް ވަނަ ދައުރަކަށް ރައީސްކަމަށް އިންތިހާބުވެފައިވާކަން އިއުލާނުކުރައްވައި ރަޝިޔާ ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ އެމެރިކާ އަށް ބަހުގެ ހަމަލާ ދެއްވައިފި އެވެ.

މިދިޔަ 200 އަހަރު ތެރޭ ރަޝިއާގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރުގެ ލަގަބު ޕުޓިން އަށް މިހާރު ލިބިވަޑައިގެންފައި މި ވަނީ ވާދަވެރިންގެ ގޮތުގައި ތިއްބެވި ހުރިހާ ލީޑަރުން މަރުވެ، ޖަލަށް ލައި ނުވަތަ ގައުމުން ބޭރުކޮށްލުމަށް ފަހު ބޭއްވި އިންތިހާބުގަ އެވެ.

"ރައްޔިތުން ތި ކުރާ އިތުބާރާއި ދޭ ޔަގީންކަމަށްޓަކައި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ވޯޓުގެ 87 ޕަސެންޓަށް ވުރެ މަތިން ޕުޓިން ކާމިޔާބުކުރެއްވި ކަމަށް އިއުލާނުކޮށްފައި ވަނިކޮށް ދެއްވި ތަގުރީރުގައި ޕުޓިން ވިދާޅުވި އެވެ.

"އަހަރެމެންނަށް ބިރުދައްކަން ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިޔަސް، އަހަރެމެން ފިއްތާނުލެވޭނެކަން އެއީ ތާރީހުގައި ފެންނަން އޮތް ކަމެއް. މިހާރު އަދި... ކުރިއަށް އޮތްތަނުގައި ވެސް އެކަމެއް ނުވާނެ. ދުވަހަކުވެސް ކާމިޔާބެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ރަޝިޔާގައި ބޭއްވި އިންތިހާބުގައި ވޯޓުލާ މަރުކަޒެއްގެ ބޭރުގައި ކެންޑިޑޭޓުންގެ ފޮޓޯ ޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ރަޝިޔާގައި ބޭއްވި އިންތިހާބުގައި ވޯޓުލާ މަރުކަޒެއްގެ ބޭރުގައި ކެންޑިޑޭޓުންގެ ފޮޓޯ ޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ޔުކްރެއިނާ ދެކޮޅަށް ރަޝިޔާއިން ވަރުގަދަ ހަނގުރާމައެއްގެ ތެރޭގައި އޮއްވައި ބޭއްވި އިންތިިހާބުގައި ޕުޓިން އަށް ލިބިވަޑައިގަތް ކަމަށް ބުނާ 87.33 ޕަސެންޓުގެ ކާމިޔާބީ އަކީ މިހާތަނަށް ލިބިވަޑައިގަތް އެންމެ ބޮޑު ކާމިޔާބީ އެވެ.

ބޮޑު ވާދަވެރިއަކު ނެތި ބޭއްވި އިންތިހާބުގެ ވޯޓުލުން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔައިރު ހަނގުރާމަ އިތުރަށް ވަރުގަވެ ޔުކްރެއިން ސިފައިން ރަޝިޔާ ތެރެއަށް ވަންނަން އުޅުމާއި ވޯޓުލާ ބައެއް މަރުކަޒުތަކަށް ގެއްލުން ދިނުން ފަދަ އެތައް ހަމަނުޖެހުމެއް ހިނގި އެވެ. -- އޭއެފްޕީ