30 ޑިސެމްބަރ 2022
ފުޓްބޯޅަ އަކީ ދިރިއުޅުމުގެ ބައެއް ކަމުގައި ދެކޭ ބްރެޒިލުން 1950 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ހޯދީ އެންމެ މަގުސަދެއްގަ އެވެ. ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް ދެކެމުން އައި ހުވަފެން އަމިއްލަ ބިމުގައި ސީދާކުރަން ފަސޭހަވާނެތީވެ އެވެ.
ފުޓްބޯޅަ އަކީ ދިރިއުޅުމުގެ ބައެއް ކަމުގައި ދެކޭ ބްރެޒިލުން 1950 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ހޯދީ އެންމެ މަގުސަދެއްގަ އެވެ. ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް ދެކެމުން އައި ހުވަފެން އަމިއްލަ ބިމުގައި ސީދާކުރަން ފަސޭހަވާނެތީވެ އެވެ.
އެ މުބާރާތާ ކުރިމަތިލިއިރު ބްރެޒިލްގައި އޮތީ އާދަޔާހިލާފު ވަރުގަދަ ސްކޮޑެކެވެ. ސަޕޯޓަރުން ތިބީ ތަށި ލިބޭނެކަން ކަށަވަރުކޮށްގެންނެވެ. ވެރިން ތިބީ އުފާފާޅުކުރަން ކާނިވާތައް ރާވައިގެންނެވެ. ނޫސްވެރިން ތިބީ ކާމިޔާބީގެ ސުރުހީތައް ލިޔެގެންނެވެ.
ލީގު ބުރުގެ ފަހު މެޗުގައި ޖުލައި 16، 1950 ގައި އުރުގުއޭއާ ދެކޮޅަށް ބްރެޒިލުން ނުކުތީ ބަލިނުވެ ފަރުޖައްސާލައިފި ނަމަ ތަށި ލިބޭނެކަން އެނގިތިބެ އެވެ. ކާމިޔާބީގެ މަންޒަރު ދެކެން ރިއޯ ޑި ޖެނީރޯގެ މަރަކާނާ ސްޓޭޑިއަމަށް ދެ ލައްކައަށް ވުރެ ގިނަ މީހުން ވަދެ ތިއްބެވެ. އެކަމަކު އެ އެންމެންގެ ކުރިމަތީގައި ތަމްސީލްވެގެން ދިޔައީ ބޮޑު ހިތާމައެކެވެ. ފަހަތުން އަރައި 2-1 އިން އުރުގުއޭ މޮޅުވެ ތަށި ހޯދީ އެވެ. ބްރެޒިލްގެ ސަޕޯޓަރުންނަށް ކުރިމަތިވީ ތަހައްމަލުކުރަން އުނދަގޫ ހިތާމައެކެވެ. ބައެއް ސަޕޯޓަރުން ދަނޑުގެ ސިޑިބަރީގެ ބެލްކަނީން ތިރިއަށް ފުންމާލި އެވެ.
ބްރެޒިލް ބަލިވުމުން، ޓީވީ ދޮށުގައި ރޯން ހުރި އެކަކަކީ، އެ ގައުމުގެ އޭރުގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޑޮންޑީނިއޯ އެވެ. އެ ވަގުތު ޑޮންޑީނިއޯ ކައިރީގައި ހުރި އުމުރުން ނުވަ އަހަރުގެ ދަރިފުޅު އެޑްސަން އަރަންޓެސް ޑި ނަސިމެންޓޯ، ބައްޕަ ގައިގައި ފިރުމާލާފައި ބުންޏެވެ.
"އަހަރެން ގައުމަށް ވޯލްޑް ކަޕް ހޯދައިދޭނަން،"
ދަރިފުޅުގެ އެ ބުނުމަކީ އޭގައި އެއްވެސް މާނައެއް ހުރި ބުނުމެއް ކަމަށް ޑޮންޑީނިއޯ ހިއެއް ނުކުރެ އެވެ.
ޕެލޭ (ވ) އޭނާގެ ބައްޕަ (މ) އާ އެކު.
އެކަމަކު ޕެލޭގެ ނަމުން ފަހުން މަޝްހޫރުވި، އެ ދަރިފުޅަކީ، އޭރު ވެސް ފުޓްބޯޅައިގެ ހުނަރުވެރިއެކެވެ. އޭގެ ހެއްކަކީ ބްރެޒިލްގެ އެންމެ ވަރުގަދަ ކްލަބް ކަމަށްވާ ސަންތޯސް އިން 1956 ގައި ޕެލޭގެ އުމުރުން 15 އަހަރުގައި އޭނާ އަށް ޕްރޮފެޝަނަލް ކޮންޓްރެކްޓެއް ދިނުމެވެ. ޕެލޭގެ ޔޫތު ކޯޗުން ސަންތޯސްގެ ޑިރެކްޓަރުންނަށް ޔަގީންކަން ދެމުން ބުނީ "މިއީ ކުރިމަގުގައި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ވާނެ" ޒުވާނެއް ކަމަށެވެ.
އުމުރުން، 82 އަހަރުގައި، ކެންސަރު ބަލީގައި ރޭ މަރުވި ޕެލޭގެ ފެށުމަކީ ސެޕްޓެމްބަރު 7، 1956 ގައި ކޮރިންތިއަންސް އަތުން 7-1 ސަންތޯސް މޮޅުވި މެޗެވެ. އުމުރުން 15 އަހަރުގެ ޕެލޭ ކުޅުނު ޕްރޮފެޝަނަލް ފުރަތަމަ މެޗުގައި ގޯލެއް ޖެހި އެވެ. ނަތީޖާއަކަށްވީ ޖެހިގެން އައި އަހަރު ޕެލޭގެ އުމުރުން 16 އަހަރުގައި ބްރެޒިލްގެ ގައުމީ ޓީމުން ކޯޗު އޭނާ އަށް ފުރުސަތު ދިނުމެވެ. ރީނދުލާއި ނުލުގެ ޖާޒީގައި ޕެލޭ ކުޅުނު ފުރަތަމަ މެޗަކީ، 1950 ގެ ވޯލްޑް ކަޕުގައި ބްރެޒިލް ހިތްދަތިކޮށްލި މަރަކަނާ ސްޓޭޑިއަމުގައި، ވާދަވެރި އާޖެންޓީނާ އަތުން 2-1 އިން ބަލިވި މެޗެވެ. އެކަމަކު އެ މެޗުގައި ޕެލޭ ލަނޑެއް ޖަހައި ބްރެޒިލް ގައުމީ ޓީމަށް ގޯލެއް ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ހޯދި އެވެ.
ގައުމީ ޓީމުން ފުރުސަތު ދިނަސް، އެހާ ޅަ އުމުރުގައި، އޭނާ ވޯލްޑް ކަޕަށް ގެންގޮސްދާނެ ކަމަށް ގިނަ ބަޔަކު ހިޔެއް ނުކުރެ އެވެ. އެކަމަކު 1958 ގައި ސްވިޑަންގައި އޮތް މުބާރާތަށް ބްރެޒިލްގެ ކޯޗު ވިސެންޓޭ ފެއޯލާ އުމުރުން 17 އަހަރުގެ ޕެލޭ ގެންދިޔަ އެވެ. އޭނާގެ ފުރަތަމަ ފެނިލުމަކީ، ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކުޅުނު ފަހު މެޗެވެ. ސޯވިއެޓް ޔޫނިއަން އަތުން 2-0 އިން ބްރެޒިލް މޮޅުވި މެޗުގައި ވާވާ އަށް ގޯލެއް ޖަހަން ޕެލޭ އެސިސްޓްކުރި އެވެ. އެ މެޗާ އެކު ޕެލޭ ވެގެންދިޔައީ ވޯލްޑް ކަޕުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.
ޕެލޭ ވަނީ ކުއާޓާ ފައިނަލުން ވޭލްސް އަތުން 1-0 އިން ބްރެޒިލް މޮޅުވި މެޗުގައި، ވޯލްޑް ކަޕުގައި އޭނާގެ ފުރަތަމަ ގޯލް ޖަހައިފަ އެވެ. އެކަމަކު އޭނާގެ ޖާދޫ ފެނިގެންދިޔައީ ސެމީ ފައިނަލުން 5-2 އިން ފްރާންސް އަތުން ބްރެޒިލް މޮޅުވި މެޗުގަ އެވެ. ޕެލޭ އެ މެޗުގައި ހެޓްރިކެއް ހަދައި ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ އެއް މެޗެއްގައި ތިން ގޯލް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހެދި އެވެ.
ފައިނަލުގައި ބްރެޒިލުން ނުކުރީ މުބާރާތުގެ ހޯސްޓް އަދި ޔޫރަޕުގެ ފުޓްބޯޅައިގެ އޭރުގެ ގަދަބާރެއް ކަމަށްވާ ސްވިޑަންއާ ދެކޮޅަށެވެ. އެކަމަކު މާބޮޑު އުނދަގުލެއް ނެތި 5-2 އިން މޮޅުވެ ބްރެޒިލުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި އެވެ. އެންމެ ބޮޑު އުފަލެއް ލިބުނީ ފައިނަލުގައި ދެ ގޯލް ޖެހި ޒުވާން ޕެލޭ އަށެވެ. އޭގެ އަށް އަހަރު ކުރިން އޭނާގެ ބައްޕަ އަށް ވީ ވައުދު ފުއްދައިދެވުނީ އެވެ. މެޗު ނިމުމާ އެކު، އުފަލުގެ ޖަޒުބާތުތައް ކޮންޓްރޯލް ނުވެ ޕެލޭގެ ލޮލުން ހޯސްލާފައި ކަރުނަ އަ އެވެ. އަދި އޭނާ ގައިން ވަރުދޫވެގެން ދަނޑު މައްޗަށް ވެއްޓުނެވެ.
ފައިނަލް މެޗަށް ފަހު ޕެލޭ ރޮނީ.
އެ މުބާރާތުގައި ޕެލޭގެ ހަމައެކަނި ހާސިލްކުރެވުމަކީ ބައްޕައަށް ވީ ވައުދު ފުއްދައިދެވުމެއް ނޫނެވެ. އޭނާ އެ މުބާރާތުގެ ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅުު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. ޕެލޭ ވެގެންދިޔައީ، ނަސްލީ ތަފާތުކުރުން އިންތިހާ އަށް އޮތް އެ ޒަމާނުގައި، ކުޅިވަރުގެ އެންމެ މަތީ ފަޑިއަށް އެރި ކަޅު ނަސްލުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
އޭގެ ހަތަރު އަހަރު ފަހުން ޗިލީގައި، 1962 ގައި އޮތް ވޯލްޑް ކަޕަށް ބްރެޒިލާ އެކު ޕެލޭ ނުކުތީ ދުނިޔޭގަ އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބާ އެކު އެވެ. ފުރަތަމަ މެޗުން މެކްސިކޯ އަތުން 2-0 އިން ބްރެޒިލް މޮޅުވިއިރު ޕެލޭ ގޯލެއް ޖަހައި އެއް ގޯލު ޖަހަން އެސިސްޓްކުރި އެވެ. އެކަމަކު ދެ ވަނަ މެޗުގައި އަނިޔާވެގެން އޭނާ އަށް މުބާރާތުގައި އިތުރަށް ކުޅެވޭ ގޮތެއް ނުވި އެވެ. އެހެންވިޔަސް ގަރިންޗާގެ މޮޅު ކުޅުމާ އެކު ބްރެޒިލުން ތަށި ހޯދި އެވެ. އޭރު އޮންނަ ގޮތުން ރަން މެޑަލް ލިބެނީ ފައިނަލުގައި ކުޅޭ ކުޅުންތެރިންނަށް އެކަނި ކަމަށްވާތީ ޕެލޭ އަށް ޗެމްޕިއަނެއްގެ ޝަރަފް ނުލިބުނެވެ. އެކަމަކު ފީފާ އިން 1978 ގައި އެ ގަވާއިދު ބަދަލުކޮށް ސްކޮޑުގެ ހުރިހާ ކުޅުންތެރިންނަށް ރަން މެޑަލް ދޭން ނިންމުމުން، އެ ތަށި ޕެލޭގެ ކާމިޔާބެއްގެ ގޮތުގައި ގުނަން ފެށުނެވެ.
ޖެހިގެން އައި 1966 ގެ ވޯލްޑް ކަޕުގައި ވެސް ޕެލޭ އަށް އަނިޔާގެ މައްސަލަތައް ކުރިމަތިވި އެވެ. އެކަމަކު ފުރަތަމަ މެޗުގައި ބަލްގޭރިއާ ކޮޅަށް ގޯލެއް ޖަހައި، ޖެހިޖެހިގެން ތިން ވޯލްޑް ކަޕުގައި ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ޕެލޭ ހޯދި އެވެ. އެހެންވިޔަސް ގްރޫޕް ސްޓޭޖުން ބްރެޒިލް ކެޓުމުން އެ މުބާރާތް ވެގެން ދިޔައީ ޕެލޭގެ އެންމެ ނާކާމިޔާބު ވޯލްޑް ކަޕަށެވެ.
މެކްސިކޯގައި 1970 ގައި އޮތް ވޯލްޑް ކަޕަށް ބްރެޒިލުން ނެރުނީ، މިހާތަނަށް އެ މުބާރާތުގައި ވާދަކުރި އެންމެ ވަރުގަދަ އެއް ޓީމެވެ. އަމުދުން ޕެލޭ ވެސް ފިޓްކޮށް ހުރުމުން ބްރެޒިލުން ފަސޭހަކަމާ އެކު މުބާރާތް ކާމިޔާބުކުރާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ފުރަތަމަ މެޗުން ޗެކްސްލޮވާކިއާ އަތުން 4-1 އިން ބްރެޒިލް މޮޅުވި މެޗުގައި ޕެލޭ ގޯލް ޖެހި އެވެ. އަދި ރޫމޭނިއާ އަތުން 3-2 އިން މޮޅުވި މެޗުގައި ދެ ގޯލް ޖެހި އެވެ. ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި ޕެލޭ އަށް ގޯލެއް ނުޖެހުނު ނަމަވެސް މޮޅު ކުޅުމެއް ދެއްކި އެވެ.
ބްރެޒިލުން މެކްސިކޯ ސިޓީގެ އެޒްޓެކާ ސްޓޭޑިއަމުގައި އޮތް ފައިނަލުގައި ނުކުތީ އިޓަލީއާ ދެކޮޅަށެވެ. އެއީ އޭރު ގަދަބާރެކެވެ. އެކަމަކު ބްރެޒިލްގެ ވަރުގަދަކަމުގައި އިޓަލީ އަށް އެއް ކަމެއް ވެސް ނުކުރެވުނެވެ. ފަސޭހަކަމާ އެކު 4-1 އިން ބްރެޒިލް މޮޅުވި މެޗުގައި ޕެލޭ އެއް ގޯލް ޖަހައި ދެ ގޯލް ޖަހަން އެސިސްޓްކުރި އެވެ. މީގެ ތެރެއިން ޕެލޭގެ އެސިސްޓްކުރި، ކެޕްޓަން ކާލޯސް އަލްބާޓޯ ޓޮރޭޒް ޖެހި ލަނޑަކީ، ވޯލްޑް ކަޕުގެ ފައިނަލެއްގައި މިހާތަނަށް ފެނުނު އެންމެ މޮޅު ގޯލެވެ. އޭނާ މި މެޗުގައި ޖެހި ގޯލަކީ ބްރެޒިލުން ވޯލްޑް ކަޕުގައި ޖެހި 100 ވަނަ ގޯލެވެ. އެ ލަނޑަށް ފަހު ޖައިޒީނިއޯ، އުފާފާޅުކުރުމުގެ ގޮތުން ޕެލޭ އުރާލުމުން، އޭނާ އަތުން ދެއްކި ކާމިޔާބީގެ ނިޝާނަކީ، ވޯލްޑް ކަޕް ތާރީހުގެ އެންމެ އައިކޮނިކް އެއް މަންޒަރެވެ.
ޕެލޭ 1970 ގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ.
އެ ކާމިޔާބީއާ އެކު ޕްލޭ ވެގެންދިޔައީ، މިއަދާ ހަމައަށް ވެސް ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. އަދި އެ ކާމިޔާބީއާ އެކު ބްރެޒިލަށް، އޭރު ދެމުން އައި ޖޫލްސް ރިމޭ ޓްރޮފީ މިލްކުވި އެވެ. އެއާ އެކު، މިހާރު ޗެމްޕިއަނުންނަށް ދޭ ޓްރޮފީ ފީފާ އިން ތައާރަފުކޮށް 1974 އިން ފެށިގެން ޗެމްޕިއަނުންނަށް ދޭން ފެށި އެވެ.
އެ މުބާރާތަށް ފަހު ޕެލޭ ގައުމީ ޓީމާ ދުރަށް ދިޔަ ނަމަވެސް، ކްލަބް ކެރިއަރު ކުރިއަށް ގެންދިޔަ އެވެ. އޭނާ އޭރު ވެސް ކުޅެމުން އައި ސަންތޯސް އަށެވެ. އޭނާ އެ ޓީމަށް ރަސްމީ 643 ގޯލް ޖަހައިދީ އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހެދި އެވެ. ފަހުން އާޖެންޓީނާގެ ލިއޮނަލް މެސީ ވަނީ ބާސެލޯނާއާ އެކު އެ ރެކޯޑް މުގުރާލައިފަ އެވެ. އެކަމަކު، ޕެލޭ ވަނީ އޭނާ 1000 އަށް ވުރެ ގިނަ ގޯލް ޖެހި ކަމަށް ދައުވާކޮށްފަ އެވެ.
ޕެލޭ ގެންދަން ޔޫރަޕުގެ ބޮޑެތި ޓީމުތައް ކަމަށްވާ ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތްކުރި އެވެ. މީގެ ތެރެއިން އިންޓަ އިން ކޮންޓްރެކްޓް ވެސް އެއް ފަހަރު ހަވާލުކުރި އެވެ. އެކަމަކު ސަންތޯސްގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގާނެކަން އިއުލާންކުރުމުން، އިންޓަގެ އޭރުގެ ޗެއާމަން އެންހެލޯ މޮރާޓީ ވަނީ ކޮންޓްރެކްޓް ވީދާލައިފަ އެވެ.
ޕެލޭ އަށް ޔޫރަޕަށް ނުދެވުނު އެންމެ ބޮޑު އެއް ސަބަބަކީ، އެ ގައުމުގެ ސަރުކާރުން ވެސް އޭނާ ދޫކުރަން ދެކޮޅު ހެދުމެވެ. އެކަމަކު 1974 ގައި ސަންތޯސްއާ އެކު ޕެލޭ ރަސްމީ ކެރިއަރު ނިންމާލުމަށް ފަހު، އޭރު ފުޓްބޯޅައިގެ މަގުބޫލުކަމެއް ނެތް ގައުމެއް ކަމަށްވާ އެެމެރިކާގެ ނިއު ޔޯކް ކޮސްމޯސް އަށް ކުޅުނެވެ. ޕެލޭ އެމެރިކާގައި ކުޅުންވީ އެ ގައުމުގައި ފުޓްބޯޅަ މަގުބޫލުވި ސަބަބަށެވެ. ހޮލީވުޑްގެ ސުޕަސްޓާރުންނަށް ނުލިބޭ ތަރުހީބު އޭރު ޕެލޭ އަށް އެމެރިކާ ގައި ލިބުނެވެ. އޭނާގެ އޮޓޯގްރާފް ހޯދަން އެއްވި ބައެއްގެ ތެރޭ ތާށިވެ އެއް ފަހަރު ޕެލޭ އަށް އަނިޔާ ވެސް ވި އެވެ.
ކޮސްމޯސްގެ ކުޅުންތެރިއެއްގެ ގޮތުގައި ޕެލޭ ތައާރަފުވަނީ.
ޔޫރަޕުގައި ނުކުޅުނަސް، ވޯލްޑް ކަޕާއި ބްރެޒިލް ލީގުގައި ދެއްކި ޖާދުލާ އެކު ޕެލޭ އަކީ އޭރު ވެސް މުޅި ދުނިޔެ ދަންނަ މީހެކެވެ. އޭނާގެ މަޝްހޫރުކަމާއި މަގުބޫލުކަން ދުނިޔޭގެ ހަތަރު ބިތަށް އޮތީ ފެތުރިފަ އެވެ. ނައިޖީރިއާގައި މަދަނީ ހަނގުރާމައެއް ހިނގަމުން ދިޔަ ދުވަސްވަރު، ސަންތޯސް އިން އެ ގައުމުގެ ލޭގޯސްގައި ކުޅުނު މެޗެއް ބަލަން ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން ހަނގުރާމައިގެ ދެ ފެކްޝަނުން 48 ގަޑިއިރަށް ހަތިޔާރު ބަހައްޓަން އެއްބަސްވި އެވެ.
ޕެލޭ ކުޅުން ހުއްޓާލީ 1977 ގައި ކޮސްމޯސް އާއި ސަންތޯސް އިން ކުޅުނު އެކުވެރިކަމުގެ މެޗަކުންނެވެ. ޕެލޭ ދެ ހާފުގައި ދެ ޓީމަށް ކުޅުނު އެ މެޗު ހިނގަމުން ދިޔައިރު ވާރޭ ވެސް ވެހުނެވެ. އެހެންވެ އަނެއް ދުވަހު ބްރެޒިލްގެ ނޫސްތަކުގެ ސުރުހީގައި އޮތީ ޕެލޭ ފުޓްބޯޅައާ ވަކިވާތީ، އުޑު ވެސް ކަރުނަ އެޅި ކަމަށެވެ.
ޕެލޭގެ ފެށުމަކީ 1950 ގައި އޭނާގެ ބައްޕަގެ ލޮލުން އައި ހިތާމައިގެ ކަރުނަ އެވެ. ޕެލޭގެ ވިދުމަކީ 1958 ގައި އޭނާގެ ލޮލުން އައި އުފަލުގެ ކަރުނަ އެވެ. އެކަމަކު އޭނާގެ ޖާދުލަކީ، ފުޓްބޯޅައިން ދެއްކި އާދަޔާހިލާފު ހުނަރުން އެތައް ބައެއްގެ މޫނުމައްޗަށް ގެނުވި ހިނިތުންވުމެވެ.
ޕެލޭގެ ހާލު ގޯސްވުމުން އާއިލާ ހޮސްޕިޓަލަށް ޖަމާވެއްޖެ
ބްރެޒިލަކަށް ނުވި، ކްރޮއޭޝިއާ އަތުން ބަލިވެ ކަޓައިފި
ދިވެހިންގެ ބޮޑު ޕަސެންޓެއް ބްރެޒިލާއި އާޖެންޓީނާ އަށް
ޕެލޭ ހަމަ ލޮލުން، ދެން ދެވުނީ ފުޓްބޯޅަ އަށް ހިތް
ބްރެޒިލުން ކޮރެއާ ބަލިކޮށް ކުއާޓާ ފައިނަލަށް
އަރާމުކުރަން ވަގުތު މަދުވުމުން ކޮރެއާ ކޯޗު ޝަކުވާކޮށްފި
ޓީޓޭގެ އާއިލާއަށް އެހީވި ފަލަސްތީނުގެ ޒުވާނާއަށް ޝަރަފް
ބްރެޒިލަށް އަނިޔާގެ ހިޔަނި، އެކަމަކު ނޭމާ އުއްމީދުގައި
ކެންސަރު ބަލީގައި ޕެލޭ ހާލު ވަރަށް ބޮޑަށް ގޯސްވެއްޖެ
މުޅި ބްރެޒިލް ނޭމާ އާމެދު މިފަހަރު ބޮޑު އުއްމީދެއްގައި