Roadha Mihaaru
2022: ރަހުމެއް ނެތް އަމަލާއި ޑީލަރުންގެ އުދުހުން!

ކުށުގެ ހާލިތައް: ރަހުމެއް ނެތް ގަތުލާއި ޑީލަރުންގެ އުދުހުން!

01 ޖެނުއަރީ 2023

މުޅި ގައުމު ސިއްސުވާލައި, ހިތްކުދިކުދިވި އެތައް ހެޑްލައިނެކެވެ! ނިމިދިޔަ އަހަރުގައި ވެސް އަނިޔާވެރި މަރުތަކެވެ. ގެވެށި އަނިޔާގައި ހައްދުފަހަނައެޅުމެވެ. ޖިންސީ ހުތުރު އަމަލުތަކުތަކެވެ. ޑްރަގްސްގެ ވިޔަފާރިން މިލިއަނަރުންނަށް ވެ ޑީލަރުންގެ އުދުހުމެވެ. މަސްތުވާތަކެއްޗާއި ފައިސާގެ އަވާގައި ކުޑަކުދިން ޖައްސައި ކުށްކުރަން ނެރުމެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މުޅި ގައުމު ސިއްސުވާލައި, ހިތްކުދިކުދިވި އެތައް ހެޑްލައިނެކެވެ! ނިމިދިޔަ އަހަރުގައި ވެސް އަނިޔާވެރި މަރުތަކެވެ. ގެވެށި އަނިޔާގައި ހައްދުފަހަނައެޅުމެވެ. ޖިންސީ ހުތުރު އަމަލުތަކުތަކެވެ. ޑްރަގްސްގެ ވިޔަފާރިން މިލިއަނަރުންނަށް ވެ ޑީލަރުންގެ އުދުހުމެވެ. މަސްތުވާތަކެއްޗާއި ފައިސާގެ އަވާގައި ކުޑަކުދިން ޖައްސައި ކުށްކުރަން ނެރުމެވެ.

އަހަރު ނިމުނީ ކުށުގެ ހާލިތަކުން ފެންމަތިވި މިފަދަ އިޖުތިމާއީ ސީރިއަސް އެތައް މައްސަލައަކުންނެވެ. ހައްލު ނުހޯދޭ ކަމުގެ ޝަކުވާތަކެވެ. ގާނޫނީ ނިޒާމުގެ ތެރެއިން ކުށްކުރުން ނުހުއްޓުވޭ ކަމުގެ ކަންބޮޑުވުންތަކެވެ. ކޮންމެ މައްސަލައަކާ ހަމައިން ނިންމާލައިގެން އަޅާނުލައި ތިބުމުގެ މާޔޫސްކަމެވެ. ވަށައިގެން ހުރި ކަންކަމުގައި ހޯދަން ޖެހޭ ހައްލުތަކަށް މަސައްކަތް ނުކުރެވޭ ކަމުގެ ބިރުވެރި މާހައުލެކެވެ.

ޝިއާއު މަރާލީ ކީއްވެ؟

އޮގަސްޓް, 7 , 2022 ގައި މާލޭގެ ގެއެއްގެ ތެރޭގައި ހިނގީ ރަހުމްކުޑަ ގަތުލެކެވެ. އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދުގެ ކަރުބުރިކޮށް މަރާލައި ހަށިގަނޑުގެ ގުނަވަންތައް އޮތީ ވަކިކޮށްފަ އެވެ.

މި މައްސަލާގައި ތުހުމަތުކުރަނީ ޒުވާން ސްކޭޓަރު އަލީ ސާހިލް ,23 އަށެވެ. ޝަރީއަތް ނިމެންދެން އޭނާގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެކަމަކު މި މަރުގެ ފަހަތުގައި ވަނީ ނުރައްކާތެރި ކޮން ކަންތައްތަކެއް ހެއްޔެވެ؟ ޒުވާން އުމުރުގައި ޝިއާއުގެ ފުރާނަ ދުއްވާލި ސަބަބު ފުލުހުން މިހާތަނަށް އާއްމެއް ނުކުރެ އެވެ. މި މަރާ ގުޅިގެން ހޭލުންތެރިވާން ޖެހެނީ ކޮން ކަމަކަށް ވެސް އަދި ނޭނގެ އެވެ.

Police in PPE working on the scene of the murder of Shiau Mohamed Saeed --

Police in PPE working on the scene of the murder of Shiau Mohamed Saeed --

ކުށުގެ ވެށިން މީހަކު ހައްޔަރުވުމުން ތަހުގީގު ނިމި ދައުވާ އުފުލާފައި ވިޔަސް މޯޓިވް ސިއްރުކޮށްފައި އޮތުމުންނެވެ.

ފިރިމީހާ އަށް ތުހުމަތުވާ މަރު!

ޑިސެމްބަރު 10 ގައި ހދ. ނޮޅިވަރަމްގައި ތިން ކުދިންގެ މަންމަ, ނިޝާމާ މުހައްމަދު މަރާލީ އެވެ. ޕޯސްޓްމޯޓަމް ރިޕޯޓުގައި ފެންނަން އޮތީ ހަރު އެއްޗެއް ކަރުގައި އަޅައި ބާރުކޮށް ނޭވާ ހާސްކޮށްލައިގެން މަރާލި ކަމެވެ. ތުހުމަތުކުރަނީ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލްއަށެވެ.

ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭނާ ވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފަ އެވެ.

ދެ މީހުން މަރުވެ ތަހުގީގު ހިނގަމުން ދިޔައަސް މި މަރުގައި ވެސް ވަށައިގެން ހުރީ ކަންބޮޑުވާން ޖެހޭ އެތައް ކަމެކެވެ. ނިޝާމާ މަރުވީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެގެން ހެއްޔެވެ؟

ކޮޓަރި ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު

ކޮޓަރި ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު

މަސްތުވާތަކެއްޗާއި ބިރު ދެއްކުމާއި އިންޒާރުދިނުމާއި މާރާމާރީ ހިންގުން ފަދަ ކުށްތަކުގެ ރެކޯޑު ފައިސަލްގެ އޮވެ އެވެ. އެންމެންގެ ތުހުމަތަކީ ނިޝާމާ މަރުވީ އޭނާގެ ވަކިތަކުގެ ދަށުވެގެންނެވެ. އަނިޔާ ކުރި ނަމަ އެކަން އެނގޭ, އެ މަންޒަރު ފެނުނު މީހުންގެ ފަރާތުން ނިޝާމާއަށް ރައްކާތެރިކަން ލިބުނު ކަމެއް ޔަގީނެއް ނޫނެވެ.

ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށް ނިޝާމާ މައްސަލައެއް ރިޕޯޓްކޮށްފައެއް ނުވެ އެވެ. އެހެންކަމުން މަރުވުމާ ހަމައަށް އަނިޔާކުރި ނަމަ އެކަން އޮތީ ދެމަފިރިންގެ އަމިއްލަ ކަމެއްގެ ގޮތުގައި ދޫކޮށްލެވިފަ އެވެ!

އައި ރުޅީގައި ޝެފު މަރާލުން!

މި އަހަރުގެ ރޯދަ މަހު އެންމެން ސިއްސުވާލީ ހުޅުމާލެ ރެސްޓޯރަންޓެއްގެ ތެރޭގައި ހިނގި މަރުންނެވެ. ޚާންޖީ ރެސްޓޯރަންޓުގެ ޝެފު މުހައްމަދު އާބިދު މަރާލީ އޭނާއެކު މަސައްކަތްކުރާ އެތަނުގެ ވެއިޓަރު މުހައްމަދު އާބިދެވެ.

ޝެފު މަރާލި ކަަމަށް ތުހުމަތުކުރާ އާބިދު، ޝަރީއަތުގެ އަޑުއެހުމެއްގައި ބައިވެރިވަނީ

ޝެފު މަރާލި ކަަމަށް ތުހުމަތުކުރާ އާބިދު، ޝަރީއަތުގެ އަޑުއެހުމެއްގައި ބައިވެރިވަނީ

އޭނާ ހައްޔަރުކޮށް ދައުވާ ކުރިއަށް އެބަދެ އެވެ. ދެ ބިދޭސީންގެ ދެމެދުގައި ހިނގި ޒުވާބަކަށް ފަހު އެކަކު މަރާލީ އައި ރުޅީގައި ކަން ފުލުހުން މިހާތަނަށް އާއްމުކުރި މައުލޫމާތުގައިވެ އެވެ.

އައްޑޫގައި ހިންގި މާރާމާރީއެއްގައި ޖޫން މަހުގެ ތެރޭގައި ވަނީ މުހައްމަދު ޒަޔާން މޫސާ 21 މަރާލައިފަ އެވެ. ގްރޫޕަކުން ރާވައިގެން އޭނާ މަރާލީ ކުޑަކުދިންތަކެއް ބައިވެރިކޮށްގެންނެވެ. މި މައްސަލާގައި 10 މީހެއްގެ މައްޗަށް ތުހުމަތުކުރާއިރު އޭގެތެރޭގައި 18 އަހަރު ނުފެރޭ ހަ ކުދިން ހިމެނޭ ކަމަށޤ ފުލުހުން ބުނެ އެވެ.

ގުރައިދޫ މަރުކަޒަށް މައިންބަފައިން "އުކާލާފައި"!

އެއީ މުޅިން އެހެން ދުނިޔެއެކެވެ. ހަތަރު ފަރާތުން އިވެނީ ރުއިމާއި އާދޭހުގެ އަޑެވެ. ދިރިއުޅުމުގެ ހާލަތާ ގުޅުވައި ބެލެން ނެތިގެން ދައުލަތާ ހަވާލުކުރާ މައިންބަފައިންނާއި ގާތްތިމާގެ މީހުން ތިބެނީ އެތަނަށް "އެއްލާލައިފަ" އެވެ. އޭގެތެރެއިން ގިނަ ބަޔަކު ކޮންމެ ދުވަހެއްގެ އިންތިޒާރު ނިމެނީ ފޯނު ކޯލަކުންނެވެ. އެއީ އެ ހިތްދަތި ދުނިޔޭގައި އާއިލާގެ ފަރާތުން އެދޭ އެންމެ ކުޑަ މިންވަރެވެ.

އެތަނުގެ ތެރޭގައި ހިތްކުދިކުދި ވެފައި ތިބި މީހުންގެ އަނގައިން އެ ހިތްދަތި އިހްސާސްތައް އާއްމުންނާ ހިސާބަށް ތިލަވީ "މިހާރު"ގެ ނޫސްވެރިޔާ އިފްރާޒް އަލީ އެތަނަށް ކުރި ޒިޔާރަތުންނެވެ. ރޮއެ އާދޭސްކޮށް، އެތަނުގައި ތިބި އެދުނީ އާއިލާތަކުން އޯގާތެރިވުމަށެވެ.

އެ ރިޕޯޓްތަކުން އެނގުނީ މުޅިން ބާކިކޮށް އެކަހެރިކޮށްލާފައި ބަޔަކު ތިބުން މާބޮޑު މައްސަލައަކަށް މުޖުތަމައުގައި ނުވާ ކަމެވެ. މަރުކަޒު ތެރޭގައި އެ މީހުން ބެލެހެއްޓުން ފިޔަވައި ދައުލަތަށް ކުރެވޭނެ މާ ބޮޑު ކަމެއް މި މައްސަލާގައި އޮތް ކަމަކަށް އަދި ނުވެ އެވެ.

ޑްރަގްސް: ބޮއްސުންލާފައި!

ގޭންތައް މައިތިރިވެއްޖެ އެވެ. ލޭ އޮހޮރުވުމުގެ ބަދަލުގައި މަސްތުވާތަކެތިން މިލިއަނަރުންނަށް ވުމުގަ އެވެ. ކުޑަކުޑަ ހިޔާލުތަފާތުވުމެއްގައި ތަޅާފޮޅުން ހިންގައިފި ނަމަ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކަށް ބުރޫއަރައި ގެއްލުން އެ މީހުންނަށް އޮތުމުންނެވެ.

މަސްތުވާތަކެތި އެތެރެކޮށް މިލިއަނަރުންނަށް ވުމުގައި އެ މީހުން ގިނަ އުކުޅުތަކެއް ގެންގުޅެ އެވެ. އެ މީހުންގެ އެ އުކުޅުތަކަށް ފުލުހުން ފަރިތަ އެވެ. އެތެރެކުރާ މަގުތަކާއި އުޅަނދުތަކާއި ގެންދާ ރަށްތަކާއި ވިއްކަން ހަވާލުކުރާ މީހުންނާއި އޭގެ ފައިދާވާ މީހުން ވެސް އެނގޭކަން ދެ ފަހަރެއްގެ މަތިން މިދިޔަ އަހަރު އާއްމުކުރި މައުލޫމާތުން އެނގެ އެވެ.

ފެބުރުއަރީ, 21, 2022 ގައި ފުލުހުން ވަނީ މަސްތުވާތަކެތީގެ ތެރޭގައި ތިބި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އަދަދު ހާމަކޮށްފަ އެވެ.

އެންމެ ގިނަ ގޭންގުތައް ހަރަކާތްތެރިވާ ރަށްތަކެވެ. އެ ގޭންގުތަކުގައި ކުޑަކުދިން ބައިވެރިކޮށް ނުރައްކަލަށް ހުށަހަޅާ ގޮތެވެ.

މި މައުލޫމާތުތަކުގެ މައްޗަށް ފުލުހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ އެވެ. އޮޕަރޭޝަންތަކުގައި 100 ކިލޯއަށް ވުރެން މަތިން ވެސް އަތުލައިގަނެފައި އެބަހުއްޓެވެ. ތުހުމަތުވާ ބޮޑުން ހައްޔަރު ކުރެ އެވެ.

އެކަމަކު އެ މީހުން ޖެހެނީ ވަކި ހިސާބަކުން ދޫކޮށްލާށެވެ. އެ މީހުންގެ ގަޔަކު އަތެއް ނުލެވެ އެވެ. މި ކަންބޮޑުވުން ގޮސް ގުޅެނީ ތަހުގީގީ އިދާރާތަކާއި ކޯޓުތަކުގައި ހުރި ނުފޫޒުތަކާ އެވެ. އަހަރު ނިމުނުއިރު އެކަށީގެންވާ ހައްލެއް ނުލިބޭ ކަމުގެ އަޑު ގަދަ އެވެ. ޖީލެއް ހަލާކުކޮށް އުދުހޭ ޑީލަރުންނަށް އަދަބު ލިބޭނެ ކަމުގެ އިތުބާރެއް އާއްމުންނަކަށް ނެތީ އެވެ.

ޖިންސީ ހުތުރު އަމަލުތަކުގެ ތެރޭގައި އެތައް ބަޔަކު!

ލީކުކޮށްލަން ފެށީ އެއް ޖިންސުން ގުޅުން ހިންގާ ހުތުރު އަމަލުގެ ވީޑިއޯތަކެކެވެ. މައްސަލައިގެ ތަހުގީގު ފެށިއިރު, ހައްދުފަހަނާޅާފައި އޮތް ކަމެކެވެ. ރާއްޖެއަށް މަސައްކަތްކުރަން އައި ބިދޭސީ ފިރިހެނަކު, ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއް ޖިންސުން ގުޅުން ހިންގައި އެ އަމަލު ވަނީ ރެކޯޑު ވެސް ކޮށްފަ އެވެ.

އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް އާންމުވި ބަންގްލަދޭޝްގެ އަލަމްގީރު

އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް އާންމުވި ބަންގްލަދޭޝްގެ އަލަމްގީރު

އޭނާ އެކު އެ އަމަލު ހިންގި މީހުންގެ ތެރޭގައި ސަރުކާރުގެ އެކި އޮފީސްތަކުގެ ޒިންމާދާރު މަގާމްތަކުގައި ތިބި މީހުން ވެސް ހިމެނެ އެވެ. ފަންސާހަށް ވުރެން ގިނަ މީހުންނާ އެކު އޭނާ އެ އަމަލު ހިންގި މައްސަލައިގައި މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެކަމުގެ ބައިވެރިންގެ ތަހުގީގާއި ޝަރީއަތް ނުފޫޒެއް ނެތި ހިނގާފާނެތޯ އެއީ އުފެއްދި ސުވާލެކެވެ.

މައްސަލައަކީ ވަކި ބަޔަކަށް އަދަބު ދޭ އުސޫލު ނިޒާމުގެ ތެރޭގައި އޮތް ކަަމަށް ކުރާ ތުހުމަތަށް ބާރު ލިބޭ ކަންކަން ހިނގުމެވެ.

ބޮން ގޮއްވާލަން ތައްޔާރުވުމުގައި!

މާލެ އާއި އައްޑު އާއި ކ. ގުރައިދޫގައި ނޮވެމްބަރު, 2022 ގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުން ތައްޔާރުވީ ނުރައްކާތެރި ހަމަލާއަކަށެވެ. އައިއެސްއަށް ތާއީދުކުރާ އެ 14 މީހުން ދިޔައީ ގިނަ ބަޔަކު މަރާލަން ބޮމުގެ ހަމަލާއެއް ދިނުމަށް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

ގޮވާތަކެތި ބޭނުންކޮށްގެން ގިނަ ތަންތަނަށް ހަމަލާދީ ގިނަ ބައެއްގެ ފުރާނަ ދުއްވާލަން ރާވާފައި އޮތް ކަމަށް ފުލުހުން ބުންޏެވެ.

ހައްދުފަހަނައެޅި ފިކުރުގައި މީހުން މަރަން ފަސްނުޖެހޭ އެތައް ބަޔަކު އާއްމުގެ ތެރޭގައި އުޅޭ ކަން ރަސްމީ އިދާރާތަކުން އޮތީ އާއްމުކޮށްފަ އެވެ. އެހެންވެ އަހަރު ނިމުނުއިރު ސިއްސުވާލި އެއް ކަމަކީ ފޮރުވިގެން ތިބެ އެފަދަ ކަންކަމަށް ތައްޔާރުވަމުން އަންނަ ކަމެވެ.

މައްސަލައަކީ އިދާރާތައް ވެސް އާއްމުން ވެސް ސީރިއަސް ނުވުމެވެ. ބިރެއް ޖެހިލުމެއް ނެތި އާއްމު ތަނެއްގައި ބޮމެއް ގޮއްވާލަފާނޭ ބުންޏަސް އެ ނަގަނީ ޖޯކެއްގެ ގޮތުގަ އެވެ.

އެ ކަހަލަ މައްސަލަތައް ސިޔާސީކޮށް, ވަކި ކަމެއް އަނބުރާލަން އުޅެނީ ކަމުގެ ތުހުމަތާ އެކު ނިންމާލަނީ އެވެ. ނުރައްކާތެރި އެތައް ހަމަލައެއް ހުއްޓުވައިފި އެވެ. އައްޑޫން ޓެރަރިޒަމްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރީ ބާރުގަދަ ގޮވުންތަކެއް ގޮއްވާލަން ތައްޔާރުވަމުން ދަނިކޮށެވެ.

ދިވެހިރާއްޖޭގައި ހަރުކަށި ފިކުރި މޫލައި ފެތުރިފައި އޮތް މިންވަރަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަން މިދިޔަ އަހަރު ފެންމަތިވި ހާދިސާތަކުން ވެސް އޮތީ ސާފުކޮށް ފެންނާށެވެ.

އަހަރު ނިންމާލަން ޖެހުނީ މިފަދަ އެތައް މައްސަލަތަކަކާ އެކު އަހަރެމެންގެ ރަހުމާއި ކުލުނާއި އިންސާނިއްޔަތުކަން ކޮބައިތޯ އުފެދުނު ސުވާލުތަކާ އެކުގަ އެވެ. ނިޒާމުގެ ތެރެއިން ހައްލު ލިބޭނެތޯ އުފެދޭ ޝައްކުތަކާއި ޝަކުވާތަކާއި ކަންބޮޑުވުންތަކުންނެވެ.

ދެން އޮތީ މި ސުވާލެވެ؛ ކުށުގެ ހާލިތަކުން, މިފެށޭ އަހަރު އުފަންވާން ހުރީ ކޮން މައްސަލަތަކެއް ހެއްޔެވެ؟