Roadha Mihaaru
ޓީއެމްއޭގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުވެއްޖެ

ޓީއެމްއޭގެ ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުވެއްޖެ

02 ޖެނުއަރީ 2023

ޓީއެމްއޭގެ ޗެކިން ސިސްޓަމަށް މިދިޔަ ހޮނިހިރުދުވަހު ދިމާވި މައްސަލަ ހައްލުވެ، ޝެޑިއުލާއެއްގޮތަށް ދަތުރުތައް ކުރިއަށްދާ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓީއެމްއޭގެ ޗެކިން ސިސްޓަމަށް މިދިޔަ ހޮނިހިރުދުވަހު ދިމާވި މައްސަލަ ހައްލުވެ، ޝެޑިއުލާއެއްގޮތަށް ދަތުރުތައް ކުރިއަށްދާ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

ޓީއެމްއޭގެ ޗެކިން ސިސްޓަމަށް ދިން "މެލްވެއާ އެޓޭކެއް"ގެ ސަބަބުން ދަތުރުތައް ހުއްޓި، ރިސޯޓުތަކަށް ފުރަން ގޮސް ތިބި ޓޫރިސްޓުން އެއާޕޯޓުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނެވެ.

ޓީއެމްއޭގެ އޮފިޝަލަކު ވިދާޅުވީ އެ އެއާލައިނުގެ ޗެކިން ސިސްޓަމަށް މައްސަލަ ދިމާވި ނަމަވެސް ފާއިތުވި ދެ ދުވަހު ވެސް މެނުއަލްކޮށް މަސައްކަތްތައް ކުރި ކަމަށެވެ. ސިސްޓަމަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށާއި، މިއަދު ހެނދުނުން ފެށިގެން ޓީއެމްއޭގެ ޗެކިން ސިސްޓަމުން މަސައްކަތްތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީއެމްއޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. ރާއްޖެއަށް އަންނަ ގިނަ ޓޫރިސްޓުން ރިސޯޓުތަކަށް ދަނީ ޓީއެމްއޭގެ ސީޕްލޭނުތަކުގަ އެވެ.