Roadha Mihaaru

ގެއްލިގެން އުޅޭ އެކަކު މާލޭ މަގުމަތީގައި!

ވިލިމާލެ އިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އޭގެ ތެރެއިން އެކަކު މާލޭގައި ހުރި ކަމަށްބުނެ އާންމުންގެ މީހަކު ފޮޓޯއެއް އާންމުކޮށްފި އެވެ.

ގެއްލިގެން އުޅޭ އެކަކު މާލޭ މަގުމަތީގައި!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

02 ޖެނުއަރީ 2023

ވިލިމާލެ އިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އޭގެ ތެރެއިން އެކަކު މާލޭގައި ހުރި ކަމަށްބުނެ އާންމުންގެ މީހަކު ފޮޓޯއެއް އާންމުކޮށްފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ގދ. ތިނަދޫ މަނާރު، މުހަންމަދު ނިޒާމް، 45، އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން، 35، އެވެ. މާލޭގައި ހުރި ކަމަށް ބުނެ، އާންމު މީހަކު އޭނާއާ އެކު ނަގާފައިވާ ފޮޓޯ އާންމުކޮށްފައި ވަނީ ދިވެހި މީހާ އެވެ.

ފޮޓޯ އާންމުކުރި އިބްރާހިމް މުހައްމަދު "މިހާރު" އަށް ބުނީ އޭނާ ފެނުނީ މާލޭ މަގުމަތިން، ޝީޝާ ސާވިސް ސެންޓަރު ކައިރިން ކަމަށެވެ. އޭނާ އިނީ އެ ހިސާބުގައި ހުރި ކޮފީ ޝޮޕެއްގައި ކަމަށާއި އެއީ ގެއްލިގެން ހޯދާ މީހެއްކަން އެނގިގެން އެ ވާހަކަ އޭނާ ކައިރީގައި އެހި ކަމަށް އިބްރާހިމް މުހައްމަދު ބުންޏެވެ.

"އަޅުގަނޑު އެހީމަ ބުނީ މި އައީއޭ ފުލުހަށް ގޮސްފައޭ. އެ މީހުން ބުންޏޭ ހޯދާކަށް ނޫޅެމޭ،" އޭނާ އާ އެކު ނަގާފައިވާ ފޮޓޯއެއް އާންމު ކުރުމަށްފަހު، އިބްރާހިމް މުހައްމަދު ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު ފުލުހުން މިއަދު ހެނދުނު ބުނީ ގެއްލުނު ދެ މީހުން މާލޭގައި ތިބިތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.

ދެ މީހުން ގެއްލިގެން ހޯދަމުން ދާކަން ފުލުހުން އިއުލާންކުރީ އިއްޔެ ރެ އެވެ. އެ މީހުން ގެއްލުނީ ކޮން ބޯޓަކުން، ކިހާ ހިސާބަކުން ކަމެއް އަދި މިކަމާ ގުޅޭ އެއްވެސް އެހެން މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ދެ މީހަކު ގެއްލިގެން ހޯދަމުން އަންނަ އިރު، ކާކުކަން ނޭނގޭ މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު ވ. އަތޮޅު ވެންފަރު ނަމަކަށް ކިޔާ ފަޅުރަށެއް ކައިރިން ވަނީ ފެނިފަ އެވެ.