Roadha Mihaaru

މަގުތަކުގައި ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ

މާލެ އަށް މިހާރު ވަރަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީ، އާއްމު ހާލަތަށް ބަދަލުވަންދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވަން ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.

ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

01 މާޗް 2025

މާލެ އަށް މިހާރު ވަރަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީ، އާއްމު ހާލަތަށް ބަދަލުވަންދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވަން ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.

މިއަދު ހަވީރުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރެއާ އެކު، މާލޭގެ ގިނަ މަގުތަކުގައި ވަނީ އާދަޔާ ހިލާފަށް ފެންބޮޑުވެފަ އެވެ. ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި މިވަގުތު ވެސް އެކި ސަރަހައްދުތަކުގައި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ދެންމެ ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެ އަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ.

އެހެންވެ، ފެންގަނޑު ހިނދި، އާއްމު ހާލަތަށް ބަދަލުވަންދެން ޒަރޫރީ ބޭނުމެއްގައި މެނުވީ ހަތަރު ފުރޮޅުލީ އުޅަނދުތައް ނުދުއްވަން ފުލުހުން ވަނީ އެދިފަ އެވެ.

މާލެ ހިމެނޭ ސަހަރައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، މެޓުން ވަނީ އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. މިރޭ 9:45 އިން ދަންވަރު 12 އަށް ނެރުނު އޮރެންޖު އެލާޓުގައިވާ ގޮތުން މި ވަގުތުތަކުގައި މި ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގައި މޫސުން ދަރަޖަ ކޮށްފައި އޮންނަ ގޮތުން ނެރެނީ ވައިޓް، ޔެލޯ، އޮރެންޖް، ރެޑް އަދި ވިއްސާރަ އަލިވުމުން، ގްރީން އެލާޓެވެ. އޮރެންޖް އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ.

ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ދަތިތަކާ ގުޅިގެން ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދެންމެ "އެކްސް" ގައި ވިދާޅުވީ ބޯކޮށް ވާރޭވެހި، މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތައް ގުޅިގެން ފެން ހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ހާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ކުރަމުން އަންނަ ކަމަށް ހީނާ ވިދާޅުވި އެވެ.