Roadha Mihaaru
ޕެލޭގެ ޖަނާޒާގައި އިންފަންޓީނޯ ނެގިސެލްފީ މައްސަލައަކަށް

ޕެލޭގެ ޖަނާޒާގައި ފީފާގެ ރައީސް ސެލްފީ ނެންގެވުމުން ބޮޑު މައްސަލައަކަށް

04 ޖެނުއަރީ 2023

ސަންޓޯސް (ޖެނުއަރީ 4) - ދުނިޔޭގެ ފުޓުބޯޅައިގެ ލެޖެންޑް ޕެލޭ ގެ ޖަނާޒާގައި އޭނާގެ ސަންދޯއް ކައިރީގައި ސެލްފީއެއް ނެންގެވުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފާޑުކިޔު އަމާޒުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސަންޓޯސް (ޖެނުއަރީ 4) - ދުނިޔޭގެ ފުޓުބޯޅައިގެ ލެޖެންޑް ޕެލޭ ގެ ޖަނާޒާގައި އޭނާގެ ސަންދޯއް ކައިރީގައި ސެލްފީއެއް ނެންގެވުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފާޑުކިޔު އަމާޒުވެއްޖެ އެވެ.

ބްރެޒިލްގައި ގައުމީ ހިތާމަައިގެ ތިން ދުވަސް ފާހަގަ ކުރުމަށް ފަހު، ޕެލޭ ކުޅުނު ކުލަބް ސަންޓޯސްގެ ވިލަ ބެލްމީރޯ ސްޓޭޑިއަމް ގައި 24 ގަޑިއިރަށް އާއްމުންނަށް ޕެލޭގެ މޫނު ދެއްކުން ކުރިއަށް ގެންދިޔަ އެވެ. އެއަށް ފަހު އޭނާ ވަޅުލީ ރޭގެ ވަގުތެއްގަ އެވެ. ޖަނާޒާގައި ބައިވެރިވެ ވަޑައިގެން އިންފަންޓީނޯ ވަނީ ސެލްފީއެއް ނަގައިފަ އެވެ. އެކަމާ ގުޅިގެން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި އިންފަންޓީނޯގެ އެ ފޮޓޯ އަށް ފާޑު ކިޔަމުން މީހަކު ބުނީ ހިތާމަވެރި ހާލަތެއްގައި ވެސް އިންފަންޓީނޯ އުޅުއްވަނީ އަމިއްލަ އަށް ޕްރަމޯޓް ވާން ކަމަށެވެ.

"އަނެއްކާ ވެސް އިންފަންޓީނޯ. އަބަދު އުޅޭނީ މިހެން،" އެހެން މީހަކު ޓްވިޓާގައި ލިޔެފައި ވެއެވެ.

އޭނާ އަށް ކުރިމަތި ވަމުންދާ ފާޑުކިޔުންތަކަށް އިންފަންޓީނޯ ވަނީ ރައްދު ދީފަ އެވެ. އިންސްޓަގްރާމް ގައި ކުރި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ފާޑުކިޔުންތަކާމެދު މާޔޫސް ވާކަމަށާއި ނަމަވެސް އެއީ އަމިއްލަ ބޭނުމަށް ކުރި ކަމެއް ނޫން ކަން ހާމަ ކުރައްވައިފަ އެވެ.

"އަހަރެން ސާފުކޮށްދޭން ބޭނުންވަނީ ޕެލޭގެ ޓީމުގެ ކުޅުންތެރިންނާއި އާއިލާގެ މެމްބަރުން އަހަރެންނާ އެކު ފޮޓޯ ކޮޅެއް ނަގާފާނަންތޯ އެދުމުން އެއީ އަހަރެންނަށް ލިބުނު ޝަރަފެއް. އެކަމަށް އަހަރެން ވަގުތުން އެއްބަސް ވީން،" އިންފަންޓީނޯގެ އިންސްޓަގްރާމް ޕޯސްޓުގައި ލިޔެފައި ވެއެވެ.

"ޕެލޭގެ ބައެއް ޓީމްމޭޓުން އަހަރެން ކައިރީ އެދުނީ އެކުގައި ސެލްފީ އެއް ނަގަން، އެކަމަކު އެކަން ކުރަންވީ ގޮތެއް ނޭނގުނީމައި އެހީވުމުގެ ގޮތުން އަހަރެން އެއިން މީހެއްގެ ފޯނު ނަގައި އެންމެންގެ ފޮޓޯއެއް ނަގައިދިނީ.

"ޕެލޭގެ ޓީމްމޭޓަކަށް އެހީތެރި ވެގެން ފާޑުކިޔުންތައް ލިބޭނަމަ އަހަރެން އެކަމާ އުފާކުރަން، އަދި ފުޓްބޯޅައިގެ ތާރީހުގައި ލެޖެންޑަރީ ސަފްހާތަކެއް ލިޔުމަށް ކޮންޓްރިބިއުޓް ކޮށްފައިވާ ބަޔަކަށްށް ކޮންމެ ތަނެއްގައި ވެސް އެހީތެރިވެދޭނަން.

"ޕެލޭއަށް އަދި އިއްޔެގެ އެ ރަސްމިއްޔާތަށް އަހަރެން ވަރަށް ބޮޑަށް އިހުތިރާމު ކުރަން، އެއްވެސް ހާލެއްގައި އިހުތިރާމް ކުޑަވާނެ ކަމެއް ދުވަހަކުވެސް ނުކުރާނަން.

"އަހަރެން އުއްމީދު ކުރަން، ނޭނގި ނުވަތަ މައުލޫމާތު ނުހޯދައި އެއްޗެހި ޝާއިއުކުރި ނުވަތަ ބުނި ބަޔަކު، އެމީހުންގެ ވާހަކަތައް ގޯސްކަން ގަބޫލުކޮށް ދެއްކި ވާހަކަ އިސްލާހު ކުރުމުގެ ހިތްވަރު ހުންނާނެ ކަމަށް."

މޫނު ދެއްކުން ނިންމާލުމަށް ފަހު ސްޓޭޑިއަމް ކައިރީގައި ހުރި ދުނިޔޭގެ އެންމެ އުސް ސަހަރާގައި ގައި ޕެލޭ ވަޅުލާން ގެންދިޔައީ ސަންޓޯސްގެ މަގުތަކުގައި ކުރިއަށް ގެންދިޔަ ތިން ގަޑިއިރުގެ ޕެރޭޑަކަށް ފަހު އެވެ.

ޕެލޭގެ 100 އަހަރުގެ މަންމަ، ސެލެސްޓޭ އަރަންޓޭސް، މަޝްހޫރު ނަމުން ނަމަ ޑޯނާ ސެލެސްޓޭ ދިރިއުޅޭ ގޭގެ ކުރިމަތިން ވެސް އެ ޕެރޭޑް ކުރިއަށް ދިޔަ އެވެ. ނަމަވެސް އޭނާގެ މަންމަގެ ބަލީގެ ސަބަބުން ކަންކަން ދެނެގަތުމުގައި އުނދަގޫ ކުރިމަތި ވާތީ މަންމަ އަށް، ޕެލޭ މަރުވި ކަން އަދިވެސް ނޭނގޭ ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ. . އެކަމަކު މަންމަ އާއެކު ދިރިއުޅޭ ޕެލޭގެ އަންހެން ކޮއްކޮ މާރިއާ ލޫސިއާ، 78، ގޭގެ ބެލްކަނިން ޕެރޭޑު ބަލާލި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި އެވެ.