Roadha Mihaaru
އަލިފުށީގައި ކެންސަރު ގިނަ: ދިރާސާ ކުރަން އެދިއްޖެ

އަލިފުށީގައި ކެންސަރު ޖެހޭ މީހުން ގިނަ: ދިރާސާއެއް ކުރަން އެދިއްޖެ

05 ޖެނުއަރީ 2023

ރ. އަލިފުށީގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް އެ ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން މިއަދު އެދިވަޑައިގެންފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރ. އަލިފުށީގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް އެ ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން މިއަދު އެދިވަޑައިގެންފި އެވެ.

މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އަލިފުއްޓަށް ވަޑައިގެން ހުންނެވި ރައީސް ވަނީ މިއަދު އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި އަލިފުށީ އަންހެން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެދުނީ އެ ރަށު ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމްކޮށްދިނުމަށެވެ. އަދި އަލިފުށީގައި ކެންސަރުބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއްކޮށްދޭން ވެސް ހުށަހެޅި އެވެ.

ރައީސް ސޯލިހު އަލިފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އަލިފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އަލިފުށީ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ޒަހީން "މިހާރު"އަށް ވިދާޅުވީ، ކެންސަރު ޖެހިގެން މާލެ އާއި ރާއްޖެއިން ބޭރަށް ފުރަން ޖެހޭ މީހުންގެ އަދަދުތައް އިތުރުވާކަން ފާހަގަކުރެވޭ ކަމަށެވެ. އާބާދީގެ ނިސްބަތުން އެ ރަށުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ މަހެއްގެ ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ކޮންމެވެސް ބަޔަކު ފުރާ. އަޅުގަނޑުމެންނަށް މި ފަހަކަށް އައިސް އަދި ތަންކޮޅެއް ގިނަ ކަމަށް ފާހަގަކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

ޒަހީން ވިދާޅުވީ ކެންސަރު ބަލި ޖެހޭ މީހުން ގިނަވާތީ ދިރާސާއެއް ހަދަން އެދުމުން، ވަރަށް އަވަހަށް އެކަމައިގެން ކުރިއަށްވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި ކެންސަރު ބަލި އިތުރުވާ މައްސަލައަކީ މިހާރު ފާހަގަކުރެވިގެން އުޅޭ ކަމެއް ނޫނެވެ. އެކަމުގެ މައުލޫމާތު މިއަދު ރަައީސް ސޯލިހާ ހިއްސާ ކުރެއްވި ނަމަވެސް، ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވާތީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއާ ވެސް އެކަން ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަހީން ވިދާޅުވީ މީގެ ކުރިން އެންސްޕާއިން ވެސް ވަނީ އަލިފުށީގައި ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ރެކޯޑުތައް އެއްކޮށްފައި ކަމަށެވެ.

ރ. އަލިފުށީ މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް.

ރ. އަލިފުށީ މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް.

ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. ރައީސް ވިދާޅުވީ މިިހާރު އެ ހޮސްޕިޓަލަށް ބޭނުންވާ ފަންޑު ހަމަޖެހިފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 3000އެއްހާ މީހުންގެ އާބާދީއެއް އޮންނަ އަލިފުއްޓަކީ ކިއްސަރު ވަޑާމަށް މަޝްހޫރު ރަށެކެވެ. އަދި ބޯޓުފަހަރު ބަނުމަށް ވެސް މަޝްހޫރު އެ ރަށުގައި ފައިބަރުގެ މަސައްކަތް ވަރަށް ބޮޑަށް އޮވެ އެވެ.

ރާއްޖޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އިންޑިއާގެ އެހީގައި އެ ހޮސްޕިޓަލް ގާއިމް ކުރަން ނިންމާފައި ވަނީ ލ. ގަމުގަ އެވެ. އެހެންނަމަވެސް، އެތަނުގެ މަސައްކަތް އަދި ނުފެށެ އެވެ.