Roadha Mihaaru
ކޮއްކޯފުޅުގެ ޖަނާޒާ އަށް ރައީސް ދުބާއީ އަށް

ކޮއްކޯފުޅުގެ ޖަނާޒާ އަށް ރައީސް ދުބާއީ އަށް

21 ޖޫން 2021

ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދުބާއީ އަށް ފުރާވަޑައިގެންފި އެވެ.

ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދުބާއީ އަށް ފުރާވަޑައިގެންފި އެވެ.

އަހުމަދު، 54 އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ދުބާއީގައި ފަރުވާ ހޯއްދަވަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ރައީސްގެ ހަގަށް ތިއްބެވި އަށް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހުމަދުގެ ޖަނާޒާ އަށް ރައީސްގެ އިތުރުން އާއިލާގެ އެހެން ބައެއް ބޭފުޅުން ވެސް ވަނީ މިއަދު ދުބާއީ އަށް ފުރާވަޑައިގެންފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް އެނބުރި ވަޑައިގަންނަވާނީ ބުދަ ދުވަހު ކަމަށެވެ.

އަހުމަދު، އޮގަސްޓް 2018 ގައި އޭނާގެ ރަށް ހިންނަވަރުގައި "މިހާރު" ގެ ނޫސްވެރިން ބޭނުންވި ފޮޓޯއަކަށް ހިންގާލައްވަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

އަހުމަދު، އޮގަސްޓް 2018 ގައި އޭނާގެ ރަށް ހިންނަވަރުގައި "މިހާރު" ގެ ނޫސްވެރިން ބޭނުންވި ފޮޓޯއަކަށް ހިންގާލައްވަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލާގައި 12 ބޭފުޅުން ތިއްބަވާއިރު، ހަތަރު ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ. އޭގެ ތެރޭގައި ރޭ އަވަހަރާވި އަހުމަދު ހިމެނޭއިރު އަނެއް ތިން ބޭފުޅުންނަކީ ހާފިޒުން، ގާރީންނެވެ.

އަހުމަދު ވެސް ވަނީ ހާފިޒު ކޯހުގައި ކުރިން ބައިވެރިވެވަޑައިގެންފަ އެވެ. ނަމަވެސް ދިމާވި ސިއްހީ މައްސަލަތަކާ ހެދި ކޯސް މެދުކަނޑާލައްވަން ޖެހުނީ އެވެ.

އަހުމަދު ކެންސަރަށް ފަރުވާ ހޯއްދަވަން ފެއްޓެވީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. ކެންސަރު ޖެހިފައިވާ ކަން އެނގިވަޑައިގަތީ ރާއްޖެ އިން ހެދި ޓެސްޓުތަކުން ކަމަށް ވާއިރު، ލަންކާ އިން ވެސް ފަރުވާ ހޯއްދެވި އެވެ. ދުބާއީން ފަރުވާ ހޯއްދަވަން ފެއްޓެވީ އޭގެ ފަހުންނެވެ.