Roadha Mihaaru
މެޗުން ބަލިވުން ރެފްރީ ބޮލަށް ޖެހޭކަށް ނެތް

މެޗުން ބަލިވުން ރެފްރީ ބޮލަށް ޖެހޭކަށް ނެތް: އަންޗެލޮއްޓީ

08 ޖެނުއަރީ 2023

ވެލެންސިއާ (ޖެނުއަރީ 8) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން ބަލިވީ ރެފްރީ އާއި ވީއޭއާރްގެ ސަބަބުން ނޫން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮއްޓީ ބުނެފި އެވެ.

ވެލެންސިއާ (ޖެނުއަރީ 8) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން ބަލިވީ ރެފްރީ އާއި ވީއޭއާރްގެ ސަބަބުން ނޫން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮއްޓީ ބުނެފި އެވެ.

ވިޔަރެއާލް އަތުން ރޭ ރެއާލް ބަލިވީ 2-1 އިންނެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ޖެހީ ކެޕްޓަން ކަރީމް ބެންޒެމާ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އަންޗެލޮއްޓީ ބުނީ އެހެން ބަޔަކަށް ފާޑު ނުކިޔައި އަމިއްލަ ޓީމުން ހެދި ގޯސްތާކާ މެދު ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.

"އެއީ ވަރަށް އުނދަގޫ މެޗެއް. އަހަރެމެން ރަނގަޅަކަށް ޑިފެންސެއް ނުކުރަން. މެޗު ފެށިގެން އަހަރެމެން ވަރަށް ގިނަ ގޯސްތަކެއް ހެދުނު. މެޗު އަހަރެމެންނަށް ފަސޭހައެއް ނުވި. މިދިޔަ އަހަރު ރަނގަޅަށް ފެށި ނަމަވެސް މި އަހަރު މިދިޔައީ ގޯސްކޮށް،" މިދިޔަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް އަށް ހޯދައިދިން ކޯޗު ބުންޏެވެ.

މެޗުގެ ފުރަތަމަ ލީޑް ވިޔަ ރެއާލުން ނެގީ 47 ވަނަ ވަނަ މިނެޓްގަ އެވެ. އޭގެ ފަހުން ޕެނަލްޓީން ބެންޒެމާ ނަތީޖާ ހަމަހަމަ ކުރި އެވެ. ތިން މިނެޓު ފަހުން އަލުން ވިޔަރެއާލް ލީޑް ނަގައި ދިނީ ޖެރާޑް މޮރޭނޯ އެވެ. އޭނާ ވެސް ލަނޑު ޖެހީ ޕެނަލްޓީންނެވެ.

ޕެނަލްޓީ އޭރިއާގެ ތެރެއިން އދިކޮޅު ކުޅުންތެރިޔާގެ އަތުގައި ޖެހުމުން ދިން އެ ދެ ޕެނަލްޓީ އާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

އަންޗެލޮއްޓީ ބުނީ ޕެނަލްޓީ އޭރިއާގެ ތެރެއިން ބޯޅަ އަތުގައި ޖެހުމުން ޕެނަލްޓީ ދޭން ޖެހޭނެ ކަމަށާއި އޭނާގެ ޓީމާ ދެކޮޅަށް ވިޔަސް އެކަމަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ޑެނީ ކަވާހާލް އަށް އަނިޔާވެގެން ކަނާތު ބެކް ރޯލް ދިނީ އާންމު ގޮތެއްގައި ސެންޓްރަލް މިޑްފީލްޑަރަކަށް ކުޅޭ އެޑާ މިލިޓާއޯ އަށެވެ. ކާވަހާލް ނެތް ނަމަ މީގެ ކުރިން މެޗުތަކުގައި ކަނާތު ބެކަށް ކުޅުވަނީ ކަނާތު ވިންގަށް ކުޅުވާ ލޫކަސް ވަޒްކުއޭޒް އެވެ.

"ލީކަސް [ވަޒްކުއޭޒް] ދާދި ފަހުން ވަނީ މެޗު ފުލުކޮށް ކުޅެފައި. އަހަރެން ވިސްނީ ފްރެޝް ކުޅުންތެރިޔަކު ލާން،" އަންޗެލޮއްޓީ ބުންޏެވެ.

"ޓީމުގައި މައްސަލަ ޖެހުނީ ޑިފެންސަށް ގޯސް ހެދުމުން. ރަނގަޅަށް މަގާމުތައް ފީނުބެއްނުނު އެއީ އަހަރެމެން ސަމާލުކަން ދޭން ޖެހޭނެ ކަމެއް."

އެއް ވަނައިގައި އޮތް ވާދަވެރި ބާސެލޯނާ މިރޭ ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.