08 ޖެނުއަރީ 2023
ކޯލިޝަން ސަރުކާރެއް ނުވަތަ ގިނަ ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ނުކުރެއްވޭ ރައީސަކަށް ރާއްޖޭގެ ވެރިކަން ކުރަން ދެން ފަސޭހައެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކޯލިޝަން ސަރުކާރެއް ނުވަތަ ގިނަ ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ނުކުރެއްވޭ ރައީސަކަށް ރާއްޖޭގެ ވެރިކަން ކުރަން ދެން ފަސޭހައެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ އެ ޕާޓީގެ ފޯރިގަދަ ޕްރައިމަރީއާ ދިމާކޮށް އިމްރާން ގެންދަވަނީ ޓުވިޓާއިން ތަފާތު މެސެޖްތައް ދެއްވަމުންނެވެ. މި ވެރިކަމަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދި ހަތަރު ޕާޓީގެ ތެރޭގައި ހިމެނޭ އަދާލަތުގެ ރައީސް އިމްރާންގެ މައިގަނޑު މެސެޖަކީ ރާއްޖޭގައި ދެން ވެސް ކުރެވޭނީ ކޯލިޝަން ވެރިކަމެކެވެ.
އޭނާ ވިދާޅުވީ ގިނަ ސިޔާސީ ޕާޓީތައް ގޮވައިގެން މަސައްކަތް ނުކުރެވޭ ބޭފުޅަކަށް ދެން ރާއްޖޭގެ ވެރިކަން ފަސޭހައެއް ނުވާނެ ކަމަށެވެ. އެހެން ޕާޓީއެއްގެ އެތެރޭގެ އިންތިހާބާ ދިމާކޮށް، މި ވާހަކަ ދައްކަވާތީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ހިތްހަމަނުޖެހުން ވެސް އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.
އެކަމަކު މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރިއާ ދިމާކޮށް، އެ ވާހަކަ ދައްކަވާ ސަބަބެއްގެ ގޮތުގައި އިމްރާން ދެއްކެވީ، ރައްޔިތުންގެ މަސްލަހަތެވެ.
"ހުރިހާ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް ގިނަ ދިވެހިންގެ ވިސްނުމާ އެއްގޮތަށް ރާއްޖޭގެ ވެރިކަން ކުރާނެ ގޮތެއް ހޯދައިދިނުމަކީ ސިޔާސީ ލީޑަރުން ހޯދަން ޖެހޭ އަގެއް،" އިމްރާން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ވެރިކަމެއް ކުރެވޭނީ އެންމެ މޮޅަށް މީހުން މެނޭޖް ކުރެވޭ މީހަކަށެވެ. އެއީ ޒަމާނުއްސުރެ އިންސާނުން ގަބޫލުކުރަމުން އަންނަ ހަގީގަތެއް ކަމަށް ވިދާޅުވި އެވެ.
މި ވެރިކަމުގައި ހިމެނޭ ކޯލިޝަން ޕާޓީތަކުގެ ލީޑަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު: އިމްރާން ގެންދަވަނީ ކޯލިޝަން ވެރިކަމަކަށް އޭނާގެ އޮތް ތާއީދު ދައްކަވަމުން.
ކޯލިޝަން ދެމެހެއްޓޭ ރައީސަކަށް އިމްރާންގެ ތާއީދު އޮތް ކަަމަށް ވާހަކަ ދައްކަވާއިރު، ނުސީދާކޮށް އެ އިޝާރާތް ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ރާއްޖޭގައި ކޯލިޝަން ވެރިކަމެއް އެންމެ ގިނަ ދުވަހު ހިފެހެއްޓެވި ރައީސަކީ އެމަނިކުފާނެވެ.
މި ވެރިކަން އުފެއްދީ އެމްޑީޕީ މައި ޕާޓީއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތުގެ އިތުރުން އެމްއާރުއެމް ހިމެނޭ ގޮތަށެވެ.
އިއްތިހާދުގެ މި ސަރުކާރު ބަދަހިކުރަން ޕާޓީތަކުން ހިއްސާވާނެ ވަރު ކަނޑައަޅައި ގާނޫނީ ހައިސިއްޔަތު ދޭން ވައުދުތަކެއް ވެސް ވި އެވެ. އެކަމަކު ދައުރު ދެބައިވި އިރު މާ ބުރަދަން ހުރި އެއްބަސްވުންތަކަކަށް ނުވި ނަމަވެސް ރެކޯޑަކީ މިހާތަނަށް އެންމެ ގިނަ ދުވަހު ދެމިއޮތް ކޯލިޝަންގެ ލަގަބު ލިބުމެވެ.
މީގެ ކުރިން ވެރިކަމަށް ހެދި ކޯލިޝަންތައް މާ ގިނަ ދުވަހެއް ނުވެ ވަނީ ރޫޅިފަ އެވެ. އޭގެ ތެރޭގައި 2008 ގައި ކުރީގެ ރައީސް ނަޝީދު ހެއްދެވި ކޯލިޝަނާއި 2013 ގެ ވެރިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެއްދެވި ކޯލިޝަން ހިމެނެ އެވެ. އިއްތިހާދުވި ޕާޓީތައް ވަކިވެ މި ދެ ފަހަރު ވެސް ފެނުނީ ސަރުކާރާ ދެކޮޅަށް ތެދުވެ ސިޔާސަތުތަކަށް ފާޑުކިޔައި ވެރިކަމަށް ދަތިކޮށް ހެދި ތަނެވެ.
އިމްރާން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ކޯލިޝަން އެކުލަވާލި އިރު އެއްބަސްވެވުނު ގޮތަށް މުޅިން ނުދިޔަ ނަމަވެސް ކަންކަމުގައި ދެއްވާ މަޝްވަރާ އާއި ހިޔާލު އަޑުއައްސަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ އެ ޔަގީން ކަމަކީ މިހާތަނަށް ޕާޓީތަކަށް އެކުގައި ތިބެވުނު އެއް ސަބަބެވެ. ލީޑަރުންގެ ހިތްހަމަނުޖެހުންތަކާއި ހިޔާލުތަފާތުވުން އަދި ހިތްނޭދޭ ކަންކަން ހިނގާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވަނީ މި ކޯލިޝަން ވެރިކަމުގެ މަތީގައި ދައުރު ދެބައިވި ގޮތަށް ލީޑަރުންނަށް އެކުގައި ތިބެ ފަސް އަހަރު ނިންމާލެވޭނެ ކަމަށެވެ.
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
މުއިއްޒަށް ވޯޓު ލިބޭނީ ރައީސަށް ވުރެ މަދުން: އިމްރާން
ފައްޔާޒު މިހާރު ބޭނުންވަނީ އިތުރަށް ތިން ޕަސެންޓް
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން
ސަރުކާރުގެ ތެރެއިން ސަރުކާރާ ދެކޮޅަށް!
ސަރުކާރުގައި ކޯލިޝަން ހިއްސާވާ ގޮތް އެއްބަސްވެއްޖެ
ގާސިމް ގޮތް ނިންމާނީ މަސްލަހަތަށް ވިސްނާފައި: އިމްރާން
ނާކާމިޔާބުވުމަކީ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫން
އަދާލަތުން ކަމަކަށް އެއްބަސްވަނީ ވަރަށް ވިސްނުމަށްފަހު: އިމްރާން
ރިޔާސީ އިންތިހާބު: އަދާލަތު ޕާޓީގެ ތާއީދު ރައީސަށް