Roadha Mihaaru
މެދުއިރުމަތީގެ ހަމައެކަނި ހައްލަކީ ދެ ދައުލަތް

މެދުއިރުމަތީގެ ހަމައެކަނި ހައްލަކީ ދެ ދައުލަތް ގާއިމް ކުރުން: އޮލާންޑް

16 ޖެނުއަރީ 2017

އިޒްރޭލާއި ފަލަސްތީނުގެ ކޯޅުން ހުއްޓުމަކަށް ގެނެސް، މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރުމަށް މިހާރު އޮތް ހަމައެކަނި މަގަކީ ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުން ކަމަށް ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑް ވިދާޅުވެއްޖެ އެވެ.

އިޒްރޭލާއި ފަލަސްތީނުގެ ކޯޅުން ހުއްޓުމަކަށް ގެނެސް، މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރުމަށް މިހާރު އޮތް ހަމައެކަނި މަގަކީ ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުން ކަމަށް ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑް ވިދާޅުވެއްޖެ އެވެ.

ހަތްދިހަ އަށް ވުރެ ގިނަ ގައުމުގެ މަންދޫބުންނާއި މަދަނީ ޖަމިއްޔާތައް ބައިވެރިވާ، މެދުއިރުމަތީގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮލާންޑް ވިދާޅުވީ މެދުއިރުމަތީގައި ސުލްހަ ގާއިމުކުރެވޭނެ ހަމަ އެކަނި ގޮތަކީ ފަލަސްތީނާއި އިޒްރޭލާ ދެމެދު ސީދާ މަޝްވަރާތައް ކުރެވިގެން ކަމަށެވެ.

އިރާގާއި ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ އަށް އަލިއަޅުއްވާލައްވަމުން އޮލާންޑް ވިދާޅުވީ މެދުއިރުމަތީގެ އެންމެ ޒަމާންވީ މައްސަލަ އަށް ހައްލެއް ނުހޯދައި މެދުއިރުމަތީގައި ސުލްހަ ގާއިމު ނުކުރެވޭނެ ކަމަށެވެ.

މި މަހާސިންތާގެ ބޭނުމަކީ އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމުކުރެވޭނެ ގޮތްތަކަކާ ބެހޭ ގޮތުން މަޝްވަރާ ކުރުން ކަމުގައި ވިޔަސް، މި މަހާސިންތާގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވެސް އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ބައިވެރިވެވަޑައެއްނުގަނެ އެވެ.

އެއް ދުވަހުގެ މުއްދަތަށް ބޭއްވި މި މަހާސިންތާގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ މަދަނީ ޖަމިއްޔާތައް މެދުވެރިކޮށް ވެދެވިދާނެ އިގްތިސޯދީ އެހީތަކާއި، ކުރިމަގުގައި ގާއިމުކުރާ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ގާބިލްކަން އިތުރުކުރުމާ ބެހޭ ގޮތުންނެވެ.

ވިލާތުގެ ގައުމުތަކުގެ ތެރެއިން ފަރަންސޭސި ވިލާތަކީ ފަލަސްތީނަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެވެ. އެ ގައުމުން 2015 ވަނަ އަހަރު ވެސް 43 މިލިއަން ޑޮލަރުގެ ހިލޭ އެހީ ފަލަސްތީނަށް ދީފައިވެ އެވެ.

މި މަހާސިންތާގައި އޮލާންޑް ވިދާޅުވީ މި މަހާސިންތާގައި ފަލަސްތީނާއި އިޒްރޭލުގެ 150 އަށް ވުރެ ގިނަ މަދަނީ ޖަމާއަތް ބައިވެރިވުމަކީ ހާސިލު ކުރެވުނު ރަނގަޅު ނަތީޖާއެއް ކަމަށެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލު ކުރުމަށް 2014 ވަނަ އަހަރު ފަރަންސޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ވޯޓެއް ވެސް ނެގި އެވެ. ނަމަވެސް އެ ކަމަށް އެކަށީގެންވާ އަޣުލަބިއްޔަތެއް ނުލިބުނެވެ. އދ. މަޖިލީހުގައި 193 ގައުމު ހިމެނޭ އިރު، އޭގެ ތެރެއިން 137 ގައުމުން ރަސްމީ ސިފައިގައި ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ގަބޫލު ކޮށްފަ އެވެ.