Roadha Mihaaru
ހަމާސް ނައްތައިލަށް އިޒްރޭލަށް 10 އަހަރު ބޭނުންވާނެ

ހަމާސް ނައްތައިލަށް އިޒްރޭލަށް 10 އަހަރު ބޭނުންވާނެ: މެކްރޯން

03 ޑިސެމްބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމަކީ އިޒްރޭލަށް ކުރެވިދާނެ ކަމެއްތޯ ޝައްކު އުފެދޭ ކަމަށް ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޯން އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމަކީ އިޒްރޭލަށް ކުރެވިދާނެ ކަމެއްތޯ ޝައްކު އުފެދޭ ކަމަށް ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޯން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމިރޭޓްސްގައި މިހާރު ކުރިއަށް ދާ ދުނިޔޭގެ ތިމާވެއްޓާ ބެހޭ މަހާސިންތާގެ ހަވާސާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މެކްރޯން ވިދާޅުވީ އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގެ އަމާޒަކީ ހަމާށް ނައްތައިލުން ކަމުގައި ހެދުމުން، އެ ހަނގުރާމަ އެތައް އަހަރަކަށް ދެމިގެން ދިއުމުގެ ނުރައްކާ ވަރަށް ބޮޑެވެ. އަދި މިހާރު އެ ހަނގުރާމައިގެ ކަންތައް ގޮސްފައިވާ ހިސާބަށް ބަލާއިރު، އިޒްރޭލުގެ އަމާޒަކީ ކޮބައިކަން މިހާރަށް ވުރެ ސާފުކޮށް ކަނޑައަޅަންޖެހޭ ކަމަށް ވެސް މެކްރޯން ވިދާޅުވި އެވެ.

އިޒްރޭލުގެ ހިސާރުގައި އޮންނަތާ 16 އަހަރުވެފައިވާ ޣައްޒާ އަށް އިޒްރޭލު ސިފައިން އެއްގަމާއި ވަޔާއި ކަނޑު މަގުން ހަމަލާ ދީ ވަރުގަދަ ހަނގުރާމައެއް އިއުލާން ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އެއީ، އެ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ޣައްޒާގެ ރަށް ބޭރުގައިވާ ޔަހޫދީ އާބާދީތަކަށް އަރައިގަނެ 1200 އެއްހާ މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެން އެކަމަށް ބަދަލު ހިފުމަށް ކަމަށް ބުނެ އެވެ.

އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 15300 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 7500 އަށް ވުރެ މަތިވެފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ އުތުރުކޮޅު އެކުގައިހެން ސުންނާފަތިކޮށް، އެ ސަރަހައްދުގެ ބޮޑު ބަޔަކުން ވަނީ ފަލަސްތީނުގެ ރައްޔިތުން ފައްސާލައިފަ އެވެ.

"ހަމާސް ޖަމާއަތް އެކުގައި ނައްތައިލުމަކީ ކޮބާ، އަދި އެއީ ކުރެވިދާނެ ކަމެއް ކަމަށް އެކަކަށް ވެސް ގަބޫލުކުރެވޭތަ؟ އެކަން އެ ގޮތަށް ކުރެވޭނެ ނަމަ، އެކަމަށް އެންމެ މަދުވެގެން ވެސް 10 އަހަރު ނަގާނެ،" މެކްރޯން އިއްޔެ ވިދާޅުވި އެވެ.

ހަތް ދުވަހުގެ މުއްދަތަށް ހަމަލާތައް މެދުކަނޑައިލުމަށް ފަހު، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މި ފާއިތުވި ތިން ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ބާރު ގަދަ ބޮމާއި މިސައިލްތަކުން ޣައްޒާގެ އެކި ސަރަހައްދުތަކަށް 400 އަށް ވުރެ ގިނަ ހަމަލާ ދީފަ އެވެ. އޭގެ ބަދަލުގައި ހަމާސް ޖަމާއަތުން ވަނީ އިޒްރޭލުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ރޮކެޓްތަކެއް ފޮނުވާލައިފަ އެވެ.

ނަމަވެސް އޭގެ ތެރެއިން އިޒްރޭލުގެ އަމާޒަކަށް ފޯރީ ވަރަށް މަދު ރޮކެޓެކެވެ. އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުގައި ހިމެނޭ މިސައިލްތަކުން ދިން ހަމަލާތަކުގައި ހަމާސްގެ ގިނަ ރޮކެޓްތައް ވަނީ ވައިގެ ތެރެއަށް ގޮއްވާލައިފަ އެވެ.