Roadha Mihaaru
ނޭޓޯގައި ބައިވެރިވާން ތުރުކީ ބުނާހާ ކަމެއް ނުކުރެވޭނެ

ނޭޓޯގައި ބައިވެރިވާން ތުރުކީ ބުނާހާ ކަމެއް ނުކުރެވޭނެ: ސްވިޑްން

09 ޖެނުއަރީ 2023

ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ސްވިޑްން އިން ހުށަހަޅާފައިވާ ހުށަހެޅުން ގަބޫލުކުރުމަށް ތުރުކީ ވިލާތުން ކުރިމަތިކޮށްފައިވާ ޝަރުތުތައް މާ ހަރުކަށި ކަމަށާއި، ނޭޓޯގެ މެމްބަރުކަން ހޯދުމަށް ސްވިޑްން އިން ކުރަމުން އަންނަ މަސައްކަތަށް ތުރުކީން އެއްބާރުލުން ދިނުމަށް އެދޭ ކަމަށް ސްވިޑުން އިން ބުނެފި އެވެ.

ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ސްވިޑްން އިން ހުށަހަޅާފައިވާ ހުށަހެޅުން ގަބޫލުކުރުމަށް ތުރުކީ ވިލާތުން ކުރިމަތިކޮށްފައިވާ ޝަރުތުތައް މާ ހަރުކަށި ކަމަށާއި، ނޭޓޯގެ މެމްބަރުކަން ހޯދުމަށް ސްވިޑްން އިން ކުރަމުން އަންނަ މަސައްކަތަށް ތުރުކީން އެއްބާރުލުން ދިނުމަށް އެދޭ ކަމަށް ސްވިޑުން އިން ބުނެފި އެވެ.

ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓެރްސޯން އިއްޔެ ވިދާޅުވި ގޮތުގައި ނޭޓޯގެ މެމްބަރުކަން ހޯދުމަށް ހުށަހެޅި ހުށަހެޅުން ގަބޫލުކުރުމަށް ތުރުކީން ކުރިމަތިކުރި ހުރިހާ ޝަރުތުތަކެއް ފުރިހަމަ ކުރެވޭކަށް ނެތެވެ. ތުރުކީން ހުށަހެޅި ބައެއް ކަންކަން ސްވިޑްން އިން ފުރިހަމަކޮށްފި ކަމަށާއި، ދެން ހުރި ކަންކަމަކީ، ސްވިޑްން އަށް ވެސް ކުރެވެން ނެތް ނުވަތަ ނުކުރާނެ ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ސްވިޑްން އާއި ފިންލޭންޑުން ހުށަހެޅުމުން ތުރުކީ ވިލާތުން ވަނީ، އެ ދެ ގައުމުގެ ސިޔާސަތުތައް ހުރި ގޮތުން އެ ހުށަހެޅުންތައް ގަބޫލުނުކުރަން ނިންމައިފަ އެވެ. އެ މައްސަލައިގައި ތުރުކީ ވިލާތުން ކަންބޮޑުވާ ކަންތައް ހައްލުކުރުމުގެ ގޮތުން، އެ ދެ ގައުމުން ވަނީ ތުރުކީ ވިލާތާ އެކުގައި 2022 ވަނަ އަހަރު އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ.

އެ ދެ ގައުމުން ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ހުށަހެޅި، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، މެއި 2022 ގަ އެވެ. އެ ދެ ގައުމުގެ ހުށަހެޅުމަށް ތުރުކީ ވިލާތުން ދެކޮޅު ހެދީ، ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ތުރުކީ ވިލާތުން ކަނޑައަޅާފައިވާ ކުރުދީ ހަނގުރާމަވެރިންނަށް އެ ދެ ގައުމުން އަސްކަރީ އަދި ސިޔާސީ މަދަދު ފޯރުކޮށްދޭތީ އެވެ.

ތުރުކީ ވިލާތުން ބުނެފައިވަނީ ކުރުދީ ހަނގުރާމަވެރިންނަށް މަދަދު ފޯރުވުން ހުއްޓާލައި، ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީ ވިލާތުން ކުރަމުންދާ މަސައްކަތުގައި އެ ދެ ގައުމު ބައިވެރިވުމުން ނޫނީ، ނޭޓޯގެ މެމްބަރުކަން ދިނުމަށް، ތުރުކީ ވިލާތުން ރުހުން ނުދޭނެ ކަމަށެވެ. ކުރުދީ ހަނގުރާމަވެރިންނަކީ އެމެރިކާ އާއި ވިލާތުގެ އިއްތިހާދުން ކަނޑައަޅާފައި އޮންނަ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނޭ ބައެކެވެ.

ތުރުކީ ސަރުކާރާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާ އެ ގައުމުގެ ބައެއް މީހުންނަށް ސްވިޑްން ސަރުކާރުން ވަނީ ހިމާޔަތް ދީފަ އެވެ. އެފަދަ މީހުން ސްވިޑްން އިން ބޭރުކޮށް ތުރުކީ ސަރުކާރާ ހަވާލުކުރުމަށް ވެސް ތުރުކީ ވިލާތުން ވަނީ ސްވިޑްން ސަރުކާރަށް ހުށަހަޅައިފަ އެވެ.

އޭގެ ތެރެއިން އެކަކީ، ސްވިޑްން ސަރުކާރުން ހިމާޔަތް ދީގެން އެ ގައުމުގައި އުޅެމުންދާ، ތުރުކީ ވިލާތުގެ ނޫސްވެރިޔާ ބުލެންޓް ކެނީސް އެވެ. އޭނާ ތުރުކީ ސަރުކާރާ ހަވާލުކުރުމަށް އެދި ތުރުކީ ވިލާތުން ކުރަމުންދާ މަސައްކަތްތައް ސްވިޑްން ސަރުކާރުން އެއްބާރުލުން ދިނުން، ސްވިޑްންގެ ސުޕްރީމް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ވަނީ ހުއްޓުވައިފަ އެވެ.

ތުރުކީ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ރައީސް ރަޖަބު ތައްޔިބު އުދުރުޣާންގެ ސަރުކާރު ވައްޓައިލުމަށް 2016 ވަނަ އަހަރު ސިފައިން ގެންނަން އުޅުނު ބަޣާވާތުގައި އެ ނޫސްވެރިޔާގެ ބައިވެރިވުން ވެސް އެބަ އޮތެވެ. އެ ފަހަރުގެ ބަޣާވާތުގެ އަޑީގައި ތިބި ކަމަށް ތުރުކީން ތުހުމަތުކުރާ ގިނަ މީހުން މިހާރު ދިރިއުޅެމުން އަންނަނީ ސްވިޑްން އާއި ފިންލެންޑުން ހިމާޔަތް ހޯދައިގެން އެ ދެ ގައުމުގަ އެވެ.

އެފަދަ 33 މީހަކު ތުރުކީ ވިލާތާ ހަވާލުކުރުމަށް އެ ގައުމުން ވަނީ ސްވިޑްން އާއި ފިންލޭންޑްގައި އެދިފަ އެވެ. ތުރުކީ ވިލާތުން ބުނާ ގޮތުގައި ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެ ދެ ގައުމުން ކުރަމުން އަންނަ މަސައްކަތަށް ތުރުކީ ވިލާތުން ރުހުން ދޭނީ، ތުރުކީގެ ހުށަހެޅުންތަކަށް އެ ދެ ގައުމުން އިޖާބަ ދިނުމުންނެވެ.