Roadha Mihaaru
ނޭޓޯ މަހާސިންތާގެ ބައިވެރިން ލިތުއޭނިއާ އަށް

ނޭޓޯ މަހާސިންތާގެ ބައިވެރިން ލިތުއޭނިއާ އަށް

12 ޖުލައި 2023

ލިތުއޭނިއާގައި މިއަދު ފަށާ ނޭޓޯގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް، އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުގެ ވެރިން، ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސް އަށް ވަޑައިގަންނަވަން ފައްޓަވައިފި އެވެ.

ލިތުއޭނިއާގައި މިއަދު ފަށާ ނޭޓޯގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް، އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުގެ ވެރިން، ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސް އަށް ވަޑައިގަންނަވަން ފައްޓަވައިފި އެވެ.

ނޭޓޯގެ 74 ވަނަ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވެސް މިއަދު ލިތުއޭނިއާ އަށް ވަޑައިގަންނަވާނެ އެވެ. މި މަހާސިންތާއަށް ތައްޔާރުވުމުގެ ގޮތުން، ރައީސް ބައިޑެން މި މަހުގެ 9 ވަނަ ދުވަހު އިނގިރޭސި ވިލާތަށް ވަޑައިގެން، އެ ގައުމުގެ ރަސްގެފާނު ޗާލްސް އާއި ބޮޑުވަޒީރު ރިޝީއާ އެކު މަޝްވަރާ ކުރެއްވި އެވެ.

ނޭޓޯގެ މި މަހާސިންތާ އަށް މެމްބަރު ގައުމުތަކުގެ ވެރިން ވަޑައިގަންނަވާ އިރު، މިފަހަރުގެ މަހާސިންތާގައި އެންމެ ބޮޑަށް މަޝްވަރާ ކުރެވޭނީ ޔޫކްރޭން ހަނގުރާމައާ ބެހޭ ގޮތުންނެވެ. އޭގެ އިތުރުން ނޭޓޯގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ގައުމުތަކަށް މެމްބަރުކަން ދިނުމުގެ މައްސަލައިގައި ވެސް މެމްބަރުންގެ މެދުގައި ބަހުސްކުރެވޭނެ އެވެ.

ހުޅަނގުގެ ރިޕޯޓްތައް ބުނާ ގޮތުގައި ނޭޓޯގެ މި މަހާސިންތާ މި ބާއްވަނީ، އެ ޖަމާއަތުގެ ތާރީޚުގައި ކުރިމަތިވި އެންމެ ހައްސާސީ ދަނޑިވަޅުގަ އެވެ. ރަޝިޔާ އިން ފެބްރުއަރީ 24، 2022 ގައި ޔޫކްރޭނާ ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމައިގެ ސަބަބުން، ނޭޓޯ އަށް ކުރިމަތިވާ ނުރައްކާތައް އިތުރުވެފައިވާތީ އެވެ.

ރަޝިޔާ އިން މި ހަނގުރާމަ ފަށާފައިވަނީ، އިރުމަތީ ޔޫރަޕަށް ނޭޓޯ ފުޅާ ކުރަމުން ގެންދާތީ، ރަޝިޔާގެ ސަލާމަތާއި އަމާންކަމަށް ނުރައްކާތެރިކަން އިތުރުވެފައިވާ ކަމަށް ބުނެ އެވެ. ރަޝިޔާގެ އުދުވާނީ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުން އަންނަ މަސައްކަތަށް، ނޭޓޯގެ މެމްބަރު ގައުމުތަކުން އަންނަނީ ވަރަށް ބޮޑު އެހީތެރިކަމެއް ދެމުންނެވެ.

މިއަދު ފަށާ މަހާސިންތާގައި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވެސް ޚާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވާނެ އެވެ. އަދި ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓެރްސޯން ވެސް މި މަހާސިންތާގައި ބައިވެރިވާނެ އެވެ. މި ދެ ގައުމަކީ ވެސް ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ހުށަހަޅާފައިވާ ދެ ގައުމެވެ.

ނޭޓޯގެ މެމްބަރު 31 ގައުމުގެ ވެރިންގެ އިތުރުން، ނޭޓޯއާ ގާތް ގުޅުމެއް ބާއްވާ، ނިއު ޒީލޭންޑާއި އޮސްޓްރޭލިޔާ އަދި ޖަޕާނާއި ދެކުނު ކޮރެއާގެ އިސް ވެރިން ވެސް ބައިވެރިވާނެ އެވެ.

ނޭޓޯގައި ސްވިޑްން ބައިވެރިކުރުމުގެ މައްސަލައި މިހާތަނަށް ކޮޅެއްގައި ނުޖެހިގެން އުޅެނީ، އެކަމަށް ތުރުކީ ވިލާތުން ދެކޮޅު ހަދަމުން ގެންދާތީ އެވެ. ނަމަވެސް ސްވިޑްންގެ އެ ހުށަހެޅުމަށް ތާއީދުކުރުމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މިހާރު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

ނޭޓޯގެ ޗާޓަރުގައިވާ ގޮތުން، އެ ޖަމާއަތުގައި އެއްވެސް ގައުމެއް ބައިވެރިކުރެވޭނީ، އެ ވަގުތަކު އެ ޖަމާއަތުގައި ހިމެނޭ ހުރިހާ ގައުމުތަކުން އެކަމަށް އެއްބަސްވު ރުހުން ދިނުމުންނެވެ. އެކަމަށް ރުހުން ދިނުމަކީ، އެ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުން އެކަމަށް ތާއީދުކޮށް ގަރާރެއް ފާސްކުރުމެވެ.

އެހެންކަމުން، ތުރުކީ ވިލާތުން އެކަމަށް ރުހުން ދިނުމަށް ނިންމައި، އެ މައްސަލަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް، ރައީސް އުރުދުޣާން ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށް ވެސް ސްޓޯލެންބާގް ވިދާޅުވި އެވެ. ތުރުކީގެ ރައީސް އުރުދުޣާން އެ ކަމަށް އެއްބަސްވެވަޑައިގެންނެވި ކަން، ނޭޓޯގެ ވެރިޔާ އިއުލާން ކުރެއްވީ، އުރުދުޣާން އާއި ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓެރްސޯންއާ އެކު ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.