Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
މި އަހަރުގެ ހައްޖު، ކޮވިޑްގެ ކުރިން އޮތް އުސޫލަށް

މި އަހަރުގެ ހައްޖު، ކޮވިޑްގެ ކުރިން އޮތް އުސޫލަށް

10 ޖެނުއަރީ 2023

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ކޮވިޑް-19 ބަލިމަޑުކަން ފެށުމުގެ ކުރިން އޮތް އާންމު އުސޫލުން ކަމަށް ސައޫދީ އަރަބިއްޔާ އިން އިއްޔެ ބުނެފި އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ކޮވިޑް-19 ބަލިމަޑުކަން ފެށުމުގެ ކުރިން އޮތް އާންމު އުސޫލުން ކަމަށް ސައޫދީ އަރަބިއްޔާ އިން އިއްޔެ ބުނެފި އެވެ.

ހައްޖާއި އުމްރާގެ ކަންކަމާ ބެހޭ ގޮތުން، ހަތަރު ދުވަހުގެ މުއްދަތަށް ޖިއްދާގައި އިއްޔެ ފެށި މަހާސިންތާގައި އެ ގައުމުގެ ހައްޖާއި އުމްރާގެ ކަންކަމާ ބެހޭ ވަޒީރު ޑރ. ތައުފީގުއް ރަބީއާ ވިދާޅުވީ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި މީހުން ބައިވެރިކުރަން ނިންމާފައިވަނީ، ކޮވިޑްގެ ކުރިން ވެސް ބައިވެރިކުރާ އަދަދަށް ކަމަށެވެ. އަދި މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އެތެރެ ވުމަށް ވަކި އުމުރެއް ޚާއްސަނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ހައްޖުގެ އަޅުކަމަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ކޮންމެ ޖަމާއަތަކަށް އަދި ކޮންމެ ގުރޫޕަކަށް ވެސް، މިއަހަރުގެ ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ކޮވިޑަށް ފަހު އާންމު ހާލަތަކަށް ކަންތައް ބަދަލުވަމުން ދާތީއާ އެކު، ހައްޖާއި އުމްރާގެ ކަންކަމަށް ވެސް ލުއިތަކެއް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގޮތުން، އުމްރާގައި ބައިވެރިވާ މީހުންގެ އިންޝޫރެންސްގެ ގޮތުގައި ކުރިން ނަގަމުން އައި 235 ރިޔާލު މިހާރު ވަނީ 88 ރިޔާލަށް ކުޑަކޮށްފަ އެވެ. އަދި ހައްޖުވެރިންގެ އަތުން އިންޝޫރެންސްގެ ގޮތުގައި ނަގަމުން އައި 109 ރިޔާލުން 73 ޕަސެންޓް އުނިކޮށް، މިއަހަރުން ފެށިގެން ނަގާނީ އެންމެ 29 ރިޔާލެވެ.

މީގެ އިތުރުން އުމްރާގެ އަޅުކަމަށް ދޫކުރަމުން އައި ވިސާގެ މުއްދަތު މިހާރު ވަނީ 30 ދުވަހުން 90 ދުވަހަށް އިތުރުކޮށްފަ އެވެ. މީގެ ކުރިން ހަމަޖެހިފައި އޮންނަ ގޮތުން އުމްރާ ވިސާގައި އެތެރެވާ މީހުންނަށް، ސައޫދީ އަރަބިއްޔާގެ ތެރޭގައި ދަތުރުކުރެވޭނީ ހުއްދަ އޮންނަ ވަކި ސަރަހައްދުތަކަކަށެވެ.

ނަމަވެސް އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން، އުމްރާ ވިސާގައި އެތެރެވާ ކޮންމެ މީހަކަށް ވެސް 90 ދުވަހުގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ ކޮންމެ ސަރަހައްދަކަށް ދަތުރުކޮށް އުޅުމުގެ ހުއްދަ އޮންނާނެ އެވެ. އަދި ކޮންމެ ބާވަތެއްގެ ވިސާއެއްގެ ދަށުން ސައޫދީ އަށް އެތެރެވާ ކޮންމެ މުސްލިމަކަށް ވެސް، މިއަހަރުން ފެށިގެން އުމްރާގެ އަޅުކަން އަދާކޮށް މަދީނާ އަށް ވެސް ޒިޔާރަތް ކުރެވޭނެ އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް 2009 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު ހުއްދަ ދެމުން އައީ ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 2.3 މިލިއަން މީހުންނަށެވެ. އަދި 2019 ވަނަ އަހަރު އެކަނިވެސް، ދުނިޔޭގެ އެކި ގައުމުތަކުންނާއި ސައޫދީ ރައްޔިތުންނާއެކު، ޖުމްލަ 2.9 މިލިއަން މީހުން ހައްޖުގައި ބައިވެރި އެވެ.

ނަމަވެސް 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާ އިން އުފެދި މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ކޮވިޑް-19 ބަލިމަޑުކަން ސައޫދީގައި ވެސް ފެތުރެން ފެށުމާއެކު، 2020 ވަނަ އަހަރުގެ ހައްޖުގައި ބައިވެރިވުމަށް ބޭރުގެ އެއްވެސް ގައުމަކުން ސައޫދީ އަށް އެތެރެވުމަށް ފުރުސަތެއް ނުދެ އެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ ހައްޖުގައި ބައިވެރިކުރީ، ސައޫދީގައި އެވަގުތު ތިބި އެކި ގައުމުތަކުގެ ރައްޔިތުންނާއި ސައޫދީ ރައްޔިތުންގެ ތެރެއިން އެންމެ 1000 މީހުންނެވެ.

އަދި ޖެހިގެން އައި 2021 ވަނަ އަހަރުގެ ހައްޖުގައި ބައިވެރިކުރީ، ކޮވިޑުން ދިފާއުވުމަށް ބޭނުންކުރާ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ، ސައޫދީ ރައްޔިތުންނާއި، ސައޫދީގައި ތިބި އެކި ގައުމުތަކުގެ މީހުންގެ ތެރެއިން، ޖުމްލަ 60000 މީހުންނެވެ. ހުސްވި 2022 ވަނަ އަހަރުގެ ހައްޖުގައި ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންނާއި ސައޫދީ އަރަބިއްޔާގެ ރައްޔިތުންނާ އެކު ޖުމްލަ 899533 މީހުން ބައިވެރިވި އެވެ.

ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، މިދިޔަ ތިން އަހަރުގެ ހައްޖުގައި ވެސް ބައިވެރިކުރީ، އުމުރުން 65 އަހަރުން ދަށުގެ މީހުންނެވެ.