Roadha Mihaaru
44 އަހަރުގެ ބުފޮން ސެން ސީރޯ ގައި، އަދިވެސް ތަފާތު

44 އަހަރުގެ ބުފޮން ސެން ސީރޯ ގައި، އަދިވެސް ތަފާތު

11 ޖެނުއަރީ 2023

މިލާން (ޖެނުއަރީ 11) - އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ޕާމާ އިން އިޓާލިއަން ކަޕުގައި ރޭ އިންޓަ މިލާން އަތުން 2-1 އިން ސެން ސީރޯގައި ބަލިވި މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ އެ ގައުމުގެ ލެޖެންޑަރީ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިލާން (ޖެނުއަރީ 11) - އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ޕާމާ އިން އިޓާލިއަން ކަޕުގައި ރޭ އިންޓަ މިލާން އަތުން 2-1 އިން ސެން ސީރޯގައި ބަލިވި މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ އެ ގައުމުގެ ލެޖެންޑަރީ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އެވެ.

އުމުރުން 44 އަހަރުގެ ބުފޮން، މިދިޔަ ސީޒަނުން ފެށިގެން ކުޅެމުން އަންނަނީ އޭނާގެ ކެރިއަރު ފެށި ޕާމާ އަށެވެ. އިޓާލިއަން ކަޕްގެ ގަދަ 16 ގައި ރޭ ކުޅުނު މެޗަށް ބުފޮން ނުކުތީ މި ސީޒަންގެ ބޮޑު ބައެއް ފަލަމަސްގަނޑުގެ އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރެފަ އެވެ.

ބުފޮން ޕާމާގެ ޖޯޒީ ގައި އުމުރުން އެންމެ 17 އަހަރުގައި ކުޅެން ފެށީ ވެސް ސެން ސީރޯ ސްޓޭޑިއަމްގަ އެވެ. އެއީ މީގެ 27 އަހަރު ކުރިން 1995 ވަނަ އަހަރު އޭސީ މިލާނާ ދެކޮޅަށެވެ. އިޓާލިއަން ލީގުގެ އެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ޕާމާ އިން ވަނީ މެޗުގެ 26 ވަނަ މިނިޓުގައި ސްޓަންކޯ ޖޫރިޗް ޖެހި ގޯލުން ލީޑު ހޯދައިފަ އެވެ. އެ ޓީމު މެޗުން މޮޅުވާން ދަނިކޮށް އިންޓަ އިން ހުއްޓުވީ 88 ވަނަ މިނިޓުގައި ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުންންނެވެ. އޭގެ ފަހުން އެޑިން ޒެކޯ ފޮނުވާލި ނުރައްކާތެރި ހަމަލާ ބުފޮން ދިފާއުކޮށް މެޗު އިތުރު ވަގުތާ ހަމައަށް ގެންދިޔަ އެވެ.

އިންޓަ މޮޅުވި ގޯލު 110 ވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު ފްރެންޗެސްކޯ އަސާބީ އެވެ.

ރޭގެ މެޗަކީ ބުފޮން މި ސީޒަން ގައި ކުޅުނު ހަތަރު ވަނަ މެޗެވެ. އޭގެ ކުރިން ލީގުގައި އެންމެ ފަހުން އެޓީމު ކުޅުނު 12 މެޗުގައި ވެސް އަނިޔާގެ ސަބަބުން އޭނާ ޓީމުގައި ނުހިމެނެ އެވެ.

ޕާމާ މިވަގުތު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. ގިނަ ދުވަސްތަކަކަށް ފަހު ރޭ އެނބުރި ކުޅުމުގެ ތެރެއަށް އައި ބުފޮން، މި ހަފްތާ ބަންދުގައި އެޓީމު ލީގުގައި ކުޅޭ މެޗުގައި ކުޅޭނެ ކަމަށް ބެލެވެ އެވެ.