Roadha Mihaaru
އިންޓަ މިލާނުން އިޓާލިއަން ކަޕް ކާމިޔާބު ކޮށްފި

އިންޓަ މިލާނުން އިޓާލިއަން ކަޕް ކާމިޔާބު ކޮށްފި

25 މެއި 2023

މި ސީޒަނުގެ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ފައިނަލްގައި 2-1 އިން ފިއޮރެންޓީނާ ބަލިކޮށް، އިންޓަ މިލާނުން ހޯދައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މި ސީޒަނުގެ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ފައިނަލްގައި 2-1 އިން ފިއޮރެންޓީނާ ބަލިކޮށް، އިންޓަ މިލާނުން ހޯދައިފި އެވެ.

އިންޓަ އާއި ފިއޮރެންޓީނާ އަކީ ވެސް މި ސީޒަންގައި އެ ދެ ޓީމު ވާދަކުރި ޔޫރަޕްގެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފައިވާ ދެ ކްލަބެވެ. އިންޓަ އިން ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނައިރު، ޔޫއެފާ ކޮންފަރެންސް ލީގު ފައިނަލުގައި ފިއޮރެންޓީނާ ނުކުންނާނީ އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.

އިޓަލީގެ ރޯމްގައި އޮންނަ އެންމެ ބޮޑު ދަނޑު، ސްޓޭޑިއޯ އޮލިމްޕިއޯގައި ކުޅުނު މެޗުގެ ތިން ވަނަ މިނިޓުގައި ފިއޮރެންޓީނާގެ ނިކޯ ގޮންޒާލޭޒް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓަ އިން ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލި އެވެ.

އިންޓަގެ ދެ ގޯލު ވެސް ކާމިޔާބު ކޮށްދިނީ ރަނގަޅު ފޯމެއްގައި ހުރި އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓީނޭޒް އެވެ. މާޓީނޭޒް 29 ވަނަ މިނިޓުގައި ފުރަތަމަ ގޯލު ޖެހީ މާސެލޯ ބްރޮޒޮވިޗްގެ އެހީގަ އެވެ. އިންޓަ މޮޅުވި ގޯލު ނިކޮލާ ބަރެއްލާ ދިން ބޯޅައަކުން މާޓީނޭޒް ޖެހީ 37 ވަނަ މިނިޓުގަ އެވެ.

އިޓާލިއަން ކަޕް އެންމެ ގިނައިން ކާމިޔާބުކުރީ 14 ފަހަރު ޗެމްޕިއަންކަން ހޯދައިފައިވާ ޔުވެންޓަސް އެވެ. ރޭގެ ކާމިޔާބީއާ އެކު އިންޓަ އިން ވަނީ އިޓާލިއަން ކަޕް ނުވަ ފަހަރު ހޯދައިފައިވާ ރޯމާއާ އެއްވަރު ކޮށްފަ އެވެ. އިންޓަ އިން ވަނީ މިދިޔަ ސީޒަނުގައި ވެސް އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އިޓާލިއަން ކަޕްގެ ޗެމްޕިއަން ކަމަށް ފަހު ޗެމްޕިއަންސް ލީގު ފައިނަލުގައި ސިޓީއާ ދެކޮޅަށް އިންޓަ ނުކުންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.