Roadha Mihaaru
އިންޓަ ކަޓުވާލައި ޔުވެންޓަސް އިޓާލިއަން ކަޕް ފައިނަލަށް

އިންޓަ ކަޓުވާލައި ޔުވެންޓަސް އިޓާލިއަން ކަޕް ފައިނަލަށް

10 ފެބުރުއަރީ 2021

ޓިއުރިން (ފެބްރުއަރީ 10) - އިޓާލިއަން ކަޕް ސެމީ ފައިނަލުގައި އެގްރިގޭޓް ނަތީޖާއިން އިންޓަ މިލާން ކަޓުވާލުމަށް ފަހު ޔުވެންޓަސް ރޭ މުބާރާތުގެ ފައިނަލުން ޖާގަ ޙޯދައިފި އެވެ.

ޓިއުރިން (ފެބްރުއަރީ 10) - އިޓާލިއަން ކަޕް ސެމީ ފައިނަލުގައި އެގްރިގޭޓް ނަތީޖާއިން އިންޓަ މިލާން ކަޓުވާލުމަށް ފަހު ޔުވެންޓަސް ރޭ މުބާރާތުގެ ފައިނަލުން ޖާގަ ޙޯދައިފި އެވެ.

މިދިޔަ ހަފްތާގައި އިންޓަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޔުވެންޓަސް މޮޅުވީ 2-1 އިންނެވެ. ރޭ ޔުވެންޓަސް ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންވެ އެގްރިގޭޓް ނަތީޖާ އަށް ބަލާއިރު ޔުވެންޓަސް މޮޅުވީ އެވެ.

ރޭގެ މެޗުގައި ޔުވެންޓަސް ގޯލު ބެލެހެއްޓި އުމުރުން 43 އަހަރުގެ ޖިއަންލުއީޖީ ބުފޮން ކައިރިން އިންޓަގެ ރޮމެލޫ ލުކާކޫ އާއި އަޝްރަފް ހަކީމީ ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ޔުވެންޓަސް އިން ލަނޑު ޖަހަން ރޭ އެންމެ ރަނގަޅު ހަަމަލާތަކެއް ފޮނުވާލީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ޖެހި ދެ ޝޮޓް ވެސް ހުއްޓުވީ އިންޓަގެ ކީޕަރު ސާމިރު ހަންޑަނޯވިޗް އެވެ.

މިދިޔަ މަހު ލީގުގައި އިންޓަ ދަނޑުގައި ޔުވެންޓަސް ބަލިވި އެވެ. އެކަމަކު އެ މާޔޫސްކަމުން އަރައިގަނެ އެ ފަހުން ޔުވެންޓަސް އިން އަންނަނީ ކުޅުނު މެޗުތަކުން މޮޅުވެ ރަނގަޅު ރެކޯޑެއް ދަމަހައްޓަމުންނެވެ. ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ ކުޅުންތެރިއެއްގެ ގޮތުގައި މެޗުތަކުން މޮޅުވުމުން ކުރެވޭ އިހުސާސާއި ކޯޗެއްގެ ގޮތުގައި އެ ލިބޭ އުފާ ތަފާތު ކަމަށެވެ.

އިޓާލިއަން ލީގު ދިފާއުކުރުމަކީ ވެސް މި ސީޒަނަށް ޔުވެންޓަސް އިން ކަނޑައަޅާފައިވާ ޓާގެޓެކެވެ. ޕިރްލޯ ބުނީ މި ވަގުތަށް ބަލާއިރު އެއް ވަނައިގައި އޮތް އޭސީ މިލާނާއި ދެ ވަނައިގައި އޮތް އިންޓަ ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި ޔުވެންޓަސް އަށް އޮތީ މެޗަކަށް ފަހު މެޗަކުން މޮޅުވެގެން ކޮންފިޑެންސް ރަނގަޅުކުރުން ކަމަށެވެ.

އަންނަ މެއި މަހު ކުޅޭ އިޓާލިއަން ކަޕް ފައިނަލުގައި ޔުވެންޓަސް ނުކުންނާނީ މިރޭ ދެ ވަނަ ސެމީގައި އެޓަލަންޓާ އާއި ނަޕޯލީ ކުޅެގެން މޮޅުވާ ޓިމަކާ ދެކޮޅަށެވެ. ފުރަތަމަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިދިޔަ ސީޒަނުގެ އިޓާލިއަން ކަޕް ފައިނަލުގައި ނަޕޯލީ ވަނީ ޕެނަލްޓީ ޖަހައިގެން ޔުވެންޓަސް ބަލިކޮށްފަ އެވެ.