Roadha Mihaaru
އެމެރިކާ އިން ޔޫކްރޭންގެ ސިފައިން ތަމްރީންކުރަނީ

އެމެރިކާ އިން ޔޫކްރޭންގެ ސިފައިން ތަމްރީންކުރަނީ

11 ޖެނުއަރީ 2023

އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާ މިސައިލުން ދިފާއުވާ (ޕެޓްރިއޮޓް) މިސައިލް ނިޒާމުތައް ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމުގެ ގޮތުން ޔޫކްރޭންގެ ސިފައިން އެމެރިކާގައި ތަމްރީން ކުރުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.

އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާ މިސައިލުން ދިފާއުވާ (ޕެޓްރިއޮޓް) މިސައިލް ނިޒާމުތައް ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމުގެ ގޮތުން ޔޫކްރޭންގެ ސިފައިން އެމެރިކާގައި ތަމްރީން ކުރުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން އިއްޔެ ބުނި ގޮތުގައި، ޕެޓްރިއޮޓް މިސައިލް ނިޒާމުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް ޔޫކްރޭން ސިފައިންނަށް ދޭނީ، އޮކްލަހޯމާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގަ އެވެ. އެ ތަމްރީންތަކުގައި ބައިވެރިވާން ހަމަޖެހިފައިވާ ޔޫކްރޭންގެ 100 އެއްހާ ސިފައިން މިއަންނަ ހަފުތާގައި އެ މަރުކަޒަށް ގޮސް ތަމަރީންތަކުގައި ބައިވެރިވާން ފަށާނެ އެވެ.

މަސްތަކަކަށް ދެމިގެންދާނެ މި ތަމްރީންތަކުގައި ޔޫކްރޭން ސިފައިންގެ 90-100 ސިފައިން ބައިވެރިވާނެ އެވެ. އެމީހުންނަށް ދޭން ހަމަޖެހިފައިވާ ތަމްރީންތަކުގައި ތެރޭގައި ޕެޓްރިއޮޓް މިސައިލް ނިޒާމުތައް ބޭނުންކުރާނެ ގޮތާއި، އެ ނިޒާމުތައް ރައްކާތެރިކަމާއެކު ބަލަހައްޓާނެ ގޮތް ވެސް ދަސްކޮށްދޭނެ އެވެ.

ސިފައިން ތަމްރީންކޮށް ނިމުނުހާ އަވަހަކަށް، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުގައި ބޭނުންކުރުމަށް، ޕެޓްރިއޮޓް މިސައިލް ނިޒާމުތައް ޔޫކްރޭނަށް ފޮނުވާނެ ކަމަށް، ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ބްރިގޭޑިއާ ޖެނެރަލް ޕެޓް ރައިޑާ ވިދާޅުވި އެވެ. އެ ނިޒާމުތައް ޔޫކްރޭންގައި ބޭނުންކުރަން ފެށުމުން، ރަޝިޔާ އިން ދޭ އުދުވާނީ ހަމަލާތަކުން ދިފާއުވުމުގެ ގާބިލުކަން ޔޫކްރޭނަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި އުފައްދައި، ކުވައިތު ހަނގުރާމަ އާއި އިރާގު ހަނގުރާލައިގައި ވެސް، ކާމިޔާބުކަމާ އެކު އަޖުމަ ބަލާފައިވާ ޕެޓްރިއޮޓް މިސައިލް ނިޒާމު އުފައްދާފައިވަނީ، ވައިގެ މަގުން އަންނަ ކޮންމެ ހަމަލާއަކަށް ރައްދު ދެވޭ ގޮތަށެވެ. ހަނގުރާމަމަތީ މަތިންދާބޯޓުތައް ވައްޓައިލުމަށާއި، ކްރޫޒް މިސައިލާއި ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް ވައިގެ ތެރެއަށް ގޮއްވައިލުމަށް ވެސް ޕެޓްރިއޮޓް މިސައިލް ނިޒާމުގެ ބޭނުން ހިފޭނެ އެވެ.

ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމުގައި ބޭނުންކުރުމަށް، ޕެޓްރޮއިޓް މިސައިލް ޔޫކްރޭނަށް ދިނުމަށް ނިންމައި އެމެރިކާ ސަރުކާރުން އެކަން އިއުލާންކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެމެރިކާ އަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ. ހުސްވި އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަންނަނީ، ޔޫކްރޭނަށް އަސްކަރީ ގޮތުން ވަރަށް ގިނަ އެހީތައް ފޯރުކޮށްދެމުންނެވެ.

ނަމަވެސް އެ ހަތިޔާރުގެ ބޭނުންކޮށްގެން ވެސް، ރަޝިޔާ ސިފިއިން ފަހަތަށް ޖައްސައި، ޔޫކްރޭންގެ ބިންތައް މިނިވަންކުރެވޭ ގޮތެއް އަދި ނުވެ އެވެ. އޭގެ ބަދަލުގައި ރަޝިޔާގެ ހަމަލާތައް އިތުރަށް ވަރުގަދަވެ، ޔޫކްރޭނުން ހުޅަނގުގެ ހަތިޔާރަށް އެދި އާދޭސްކުރުން ދަނީ އިތުރުވަމުންނެވެ.