Roadha Mihaaru
ފަސް މިނެޓް: ތިޔަ ހީފުޅު ކުރެއްވުނީ ރަނގަޅަކަށް ނޫން

ކޮލަމް ފަސް މިނެޓް: ނޫން، ތިޔަ ހީފުޅު ކުރެއްވުނީ ރަނގަޅަކަށް ނޫން

17 ޖެނުއަރީ 2017

ހިޔާ ބޮޑު ގަހެއްގެ ދަށަށް ވަދެވުމުން ކޮންމެ މީހަކަށް ވެސް ހީވަނީ ތިމަންނާ އަށް މި ހުރީ ނިކަން ބޮޑު ހިމާޔަތެއް ލިބިފައި ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ބޮޑެތި ނުފޫޒުތަކާ އެކު މަތީ މަގާމުތަކުގައި މަތިހަށި ނަގާފައި އުޅުނު ކިތަންމެ މީހަކު، ހިނދު ކޮޅެއްގެ ތެރޭގައި ބޮކި ޖަހާފައި އަޑި އަށް ދިޔަތަން ވެއަތުވެ ދިޔަ ދެ އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން ދުށީމެވެ. އެ މީހުން މަގާމުގެ ނުފޫޒާއި ބާރުގައި އުޅުނު ގޮތާއި، އެމީހުންގެ ނަސީބުގެ ތަރި މެދު އުޑުން ލަނބައިލި ގޮތާއި، އެ ތަރި އޮއްސިގެން ދިޔަ ގޮތް އަޅުގަނޑުމެންގެ ހަނދާނުން ފުހެވޭހާ ދުވަހެއް އަދި ނުވެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ހިޔާ ބޮޑު ގަހެއްގެ ދަށަށް ވަދެވުމުން ކޮންމެ މީހަކަށް ވެސް ހީވަނީ ތިމަންނާ އަށް މި ހުރީ ނިކަން ބޮޑު ހިމާޔަތެއް ލިބިފައި ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ބޮޑެތި ނުފޫޒުތަކާ އެކު މަތީ މަގާމުތަކުގައި މަތިހަށި ނަގާފައި އުޅުނު ކިތަންމެ މީހަކު، ހިނދު ކޮޅެއްގެ ތެރޭގައި ބޮކި ޖަހާފައި އަޑި އަށް ދިޔަތަން ވެއަތުވެ ދިޔަ ދެ އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން ދުށީމެވެ. އެ މީހުން މަގާމުގެ ނުފޫޒާއި ބާރުގައި އުޅުނު ގޮތާއި، އެމީހުންގެ ނަސީބުގެ ތަރި މެދު އުޑުން ލަނބައިލި ގޮތާއި، އެ ތަރި އޮއްސިގެން ދިޔަ ގޮތް އަޅުގަނޑުމެންގެ ހަނދާނުން ފުހެވޭހާ ދުވަހެއް އަދި ނުވެ އެވެ.

ވަގުތުގެ ޝިކާރައަކަށް ވެ، އޭގެ ތެރެއިން ކިތަންމެ ބަޔަކު މިހާރު ތިބީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގަ އެވެ. މިއަދު އެ މީހުންގެ ވާހަކަ ދައްކާނެ ދުލެއް ނެތެވެ. އެ މީހުންގެ ދިފާއުގައި ނުކުންނާނެ ބަޔަކު ނެތެވެ. އެމީހުންނަށް ފާޅުކުރެވޭ ހަމްދަރުދީއެއް ނުފެނެ އެވެ. ޖަލުގެ ކުޑަ ގޮޅިން އެ މީހުން ސަލާމަތް ކޮށްގެން ނެރެދޭން ކުރެވޭ މަސައްކަތެއް ނެތެވެ. އެހެންވީމާ، މިއަދު މަތީ މަގާމެއްގައި ހުރެ، އެއަށް ވުރެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅެއްގެ ރުހުމާއި ތާއީދު ލިބުމަކީ، ގުދުރަތުގެ މަތިވެރި ރޭވުންތަކާ މެދު ޣާފިލުވާންވީ ކަމެއް ނޫނެވެ. ދުލުން ބަޔާން ނުކުރެވޭހާ ފޮނި ތަދުބީރުތަކުގައި ޣާފިލުވެ ތިބޭ އިރު، ތަދުބީރުގެ ރޭވުން ކުރިމަތިން ހުރަސް އަޅާނީ ކޮން އިރަކުކަމެއް ނޭނގޭނެ އެވެ.

ބަޔަކު ކުރާ ކަމަކަށް ނޫސްވެރިން ފާޑުކިޔުމަކީ އެއްވެސް ބަޔަކަށް ގަބޫލު ކުރެވޭ ކަމެއް ނޫނެވެ. އަދި އަމުދުން، ކޮރަޕްޝަނާ ގުޅޭ ވާހަކައެއް ނުވަތަ ނާޖާއިޒު ނުފޫޒަކަށް ތުހުމަތުކުރެވޭ ކަމެއްގެ ވާހަކައެއް ވެސް މީޑިއާގައި އާންމު ކޮށްފި ނަމަ، އެ ނޫސްވެރިން އެ އުޅެނީ އެ އިދާރާއަކާ ނުވަތަ އެ މުވައްޒަފަކާ ޖައްސާލައިގެންނެވެ. ތިމާމެންނަކީ، ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް ފައިސާ، އަމާނާތްތެރިކަމާ އެކު ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ޒިންމާއާ ހަވާލުވެ ތިބި ބައެއް ކަން އިހްސާސް ވެސް ނުކުރެވެ އެވެ. ދައުލަތުގެ ޚަޒާނާގެ އެންމެ ލޯ ލާރިއެއްގައި ޖެހުނަސް އެ ކަމާ އެމީހަކު ޒިންމާވާން ޖެހޭނެ ކަމެއް ހަނދާނެއް ނުހުރެ އެވެ.

ދައުލަތުގެ ކުންފުންޏެއްގެ އިސް ވެރިޔަކު ދާދި ފަހުން ވިދާޅުވި ވާހަކަކޮޅެއް މިތާނގައި ނަކަލު ކޮށްލާނަމެވެ. އެއީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ ވާހަކަ ކޮޅެކެވެ. ނޫސްވެރިން ލިޔާ ލިޔުންތަކަށް ފާޑުކިޔުމާއި ރައްދު ދިނުމަކީ ކުރަން ޖެހޭނެ ކަންކަމެވެ. ނަމަވެސް ތިމާމެން ކުރާ ކޮންމެ ކަމެއް ކުރާނީ ތިމާމެން ހިތު ހުރި ގޮތަކަށޭ، އެއީ އެހެން މީހަކާ ބެހޭ ކަމެއް ނޫނޭ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ވެރިންނަށް ހިވާ ނަމަ، އެ ބޭފުޅުންނަށް މަގާމުގައި ހެއްދެވޭނެ އެންމެ ބޮޑު ގޯހަކީ އެއީ އެވެ.

އޭނާގެ ޝަކުވާއަކަށް ވީ، ސަރުކާރުގެ ކުންފުނިތަކުގައި ހިނގާ ނުރަނގަޅު ކަންތައް މީޑިއާގައި ރިޕޯޓްކުރާ އިރު، އެ ތަންތަނުން ކުރާ ރަނގަޅު ކަންކަމަށް މަދަހަ ކިޔައި ތައުރީފު ކޮށްފައި މީޑިއާތަކުގައި ނުލިޔާތީ އެވެ. ދިވެހި މުހާވަރާއެއްގައި އޮވެ އެވެ. "ބެދޭ މަޅިއެއް ނުފެންނާނެ އެވެ." އެހެންވީމާ ނޫސްވެރިން ވެސް އަދި އާންމު ރައްޔިތުން ވެސް ފާޑު ކިޔާނީ، އެ ތަނެއްގައި ހުންނަ ނުރަނގަޅު ކަންކަމަށެވެ. އެއީ އެ ކަންކަން އިސްލާހު ކުރުމުގެ ނިޔަތުގަ އެވެ. ނުވަތަ އެ ފަދަ ކަމެއް ތަކުރާރު ނުވުމުގެ އުންމީދުގަ އެވެ.

އެމްޕީއެލުން ބޮޑުއަގުގައި ގަތް ކަމަށް ބުނާ ދޯނި އެހެލާފައި. އެ ވާހަކަތައް އެމްޕީއެލުން ދޮގު ކުރޭ.

އެމްޕީއެލުން ބޮޑުއަގުގައި ގަތް ކަމަށް ބުނާ ދޯނި އެހެލާފައި. އެ ވާހަކަތައް އެމްޕީއެލުން ދޮގު ކުރޭ.

"މިއީ ވެސް ހަމަ އެމްޕީއެލްގެ ޑޮކިއުމަންޓްތަކުން މިހާރު ވެސް ފެންނަން ހުރި ކަންކަން. ކީއްވެގެންތޯ އެވާހަކަ މީޑިއާގައި ނުގެނެވެންވީ؟ މިބޭފުޅުން މިއަދު އަޅުގަނޑުގެ އަގު ވައްޓާލައި ޖޫގޯ ވިއްކާ މީހެކޭ އެހެން އެއްޗެކޭ، ޖޫގޯ ވެސް ވިއްކާނަން، އައިސް ކްރީމް ވެސް ވިއްކާނަން، ހެދިކާ ވެސް ވިއްކާނަން، ހަމަ ތިބެން ޖެހޭނީ."

މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޮޑު އަގުގައި ދޯންޏެއް ގަތް ކަމަށް ބުނެ ބަޔަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ވާހަކަ، މީޑިއާގައި ރިޕޯޓްކުރުމުން އެ ކަމަށް ރައްދު ދެއްވައި ޖުނައިދު، މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި ވާހަކަތަކުން އެއް ބައެވެ. ޖުނައިދު ކޯފާވީ އެ މައްސަލަ އޭސީސީ އަށް ހުށަހެޅުމަކުން ނޫނެވެ. އެ މައްސަލަ އޭސީސީ އަށް ހުށަހެޅުމުން އެ ވާހަކަ މީޑިއާގައި ރިޕޯޓް ކުރުމުންނެވެ. ހުރިހާ ރުޅިއެއް ބޭލީ މީޑިއާތަކަށެވެ.

ޖުނައިދު ދައުލަތުގެ ފައިސާތަކަކަށް ޚިޔާނާތްތެރިވި ވާހަކައެއް އެކަކު ވެސް ނުބުނެ އެވެ. ނޫސްވެރިން ވެސް ނުބުނެ އެވެ. އަދި ބޮޑު އަގުގައި ޖުނައިދު ބާ ދޯންޏެއް ބައްލަވައިގަތް ކަމަކަށް ވެސް ނުބުނެ އެވެ. ނޫސްވެރިން ބުނިހާ ވެސް އެއްޗަކީ، އެމްޕީއެލް އިން ބޮޑު އަގުގައި ދޯންޏެއް ގަތް ކަމަށް ބުނެ ބަޔަކު އޭސީސީ އަށް މައްސަލައެއް ހުށަހެޅި ވާހަކަ އެވެ.

ނަމަވެސް ޖުނައިދަށް ހީފުޅުވީ، އޭނާގެ އިސްތަށިފުޅުގައި ދޮގު އިލްޒާމެއް އެޅުވީ ހެނެވެ. އަދި އެއީ ތެދަކަށް ނުވަތަ ދޮގަކަށް ވިޔަސް، އެ ވާހަކަ މީޑިއާތަކުގައި ޖެހުމުގެ މިނިވަންކަމެއް ނޯންނާނެ ކަމަށް އޭނާ އަށް ހީފުޅުވީ ކަހަލަ އެވެ. އޭގެ އިތުރުން ހީފުޅުވީ، ތިމަންނާ ބޭނުން ގޮތަކަށް ކަންތައް ކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވާ ކަހަލަ އެވެ؛ "ނޫސްވެރިން ކޮންމެ އެއްޗެއް ލިޔުނަސް އަހަރެން ހަދާނީ ހަދާނެ އެއްޗެކެވެ. ކަލޭމެން ހަމަ ޖެހޭނީ ތިބޭށެވެ. ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެ އެވެ!"

ނޫނެކެވެ! ތިޔަ ވިދާޅުވެވުނީ ރަނގަޅަކަށް ނޫނެވެ! ތިޔަ ހުންނެވީ އަމިއްލަ ވިޔަފާރިއެއް ހިންގަވާކަށް ނޫނެވެ. ހަވާލުވެވަޑައިގެން ތިޔަ ހުންނެވީ ދައުލަތުގެ ކުންފުންޏަކާ އެވެ. ޒިންމާވެވިފައި ތިޔަ ވަނީ ދައުލަތުގެ މުދަލާ އެވެ. އެމްޕީއެލްގެ ބަޖެޓްގައި ކިތަންމެ ފައިސާއަކާއި ކިތަންމެ މުދަލެއް ހުއްޓެއް ކަމަކު އެއީ ހަމަ އާންމު ރައްޔިތުންގެ މުދަލާއި ފައިސާ އެވެ. ބާރާއި މަގާމާއި ނުފޫޒު ލިބިފައި އޮތުމުން ހިތު ހުރިހާ ގޮތަކަށް ބަޔަކު ކަންތައް ކުރި ނަމަވެސް، އެ ގޮތަށް އެ ކަން ކުރުމުގެ ހައްގެއް އެކަކަށް ވެސް ނޯންނާނެ އެވެ.

އެމްޕީއެލުން ބޮޑުއަގުގައި ގަތް ކަމަށް ބުނާ ދޯނީގެ އެތެރެ. އެ ތުހުމަތުތައް އެމްޕީއެލުން ދޮގު ކުރޭ.

އެމްޕީއެލުން ބޮޑުއަގުގައި ގަތް ކަމަށް ބުނާ ދޯނީގެ އެތެރެ. އެ ތުހުމަތުތައް އެމްޕީއެލުން ދޮގު ކުރޭ.

މިއީ ތިޔަ ހީފުޅުކުރައްވާ ޒަމާނެއް ވެސް ނޫނެވެ. މިއީ ޚިޔާލު ފާޅުކޮށް ފާޑު ކިޔައި ވާހަކަ ދައްކާ ޒަމާނެވެ. ސަރުކާރުން ދުލުގައި ތަޅު އެޅުވި ޒަމާން ފާއިތުވެއްޖެ އެވެ. ނޫސްތަކުގައި އެ ވާހަކަ ނުލިޔެވޭ ހިސާބަށް ހިނގައްޖެއްޔާ އެހެން ތަންތަނުގައި ވެސް އެ ވާހަކަ ދައްކާނެ އެވެ. ކެފޭތަކާއި ހޮޅުއަށިތަކާއި ހޮޓާތަކަކީ ޚިޔާލު ފާޅުކޮށް ފާޑުކިޔުމުގެ ސްޓޭޖްތަކެވެ. މިއަދު މިއީ ސޯޝަލް މީޑިއާގެ ނަމުގައި، ޚިޔާލު ފާޅުކުރުމުގެ ފުރޭތަ އަރާފައިވާ ޒަމާނެވެ. އެ ފުރޭތަ ނައްތައިލުން މިއަދު އެއީ މުސްތަހީލު ކަމެކެވެ.

ރައީސް އަބްދުﷲ ޔާމީނަކީ ޚިޔާނަތާއި ފަސާދަ އާއި ކޮރަޕްޝަނަށް ޖާގަ ދެއްވާނޭ ބޭފުޅެއް ނޫނެވެ. ދައުލަތުގެ ފައިސާ އަށް ޚިޔާނަތްތެރިވާ ނަމަ، ކިތަންމެ އަރިސް ބޭފުޅަކަށް ވިޔަސް، ތިމާގެ ބޭފުޅަކަށް ވިޔަސް، މޫނަކަށް ކަނދުރާއަކަށް ނުބައްލަވާނެ ކަން، މިދިޔަ ދެ އަހަރުގެ ތެރޭގައި ކަން ހިނގި ގޮތަށް ބައްލަވައިލެއްވުމުން ކަށަވަރުވާނެ އެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަކީ ތިޔަށް ވުރެ މާ ގަދަބަސް ވިދާޅުވި ބޭފުޅެއް ނޫންތޯ އެވެ. ޒިޔަތާއި ހާމިދު ސޭޓަކީ މާ ގިނަ ފައިސާ އާއި ނުފޫޒުގައި އުޅުއްވި ބޭފުޅުންނެވެ. އެ ބޭފުޅުންނާ މެދު ކަންތައް ހިނގައި ދިޔަ ގޮތް އެއީ، ދިރި ތިބީންނަށް ހުރި އިބްރަތްތެރި ފިލާވަޅުތަކެކެވެ.

ދައުލަތުގެ މުއައްސަސާތަކާއި ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ނާޖާއިޒު ކަމެއް ހިނގާ ކަމަށް ޝައްކު ކުރެވުނަސް އެ ވާހަކަ ދައްކާނެ އެވެ. ދައްކަން ވެސް ޖެހޭނެ އެވެ. އެއީ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ. ޑިމޮކްރެސީއަކީ ރައްޔިތުންގެ ވެރިކަމޭ ބުނަނީ ހަމައެކަނި، ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖަހާލަށް ރައްޔިތުންގެ އަތަށް ލިބޭތީކީ ނޫނެވެ. ދައުލަތުގެ ކޮންމެ ކަމަކަށް ބަސް ބުނުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް އޮންނާނެ އެވެ. ގާނޫނުތައް ހަދައިގެން އެ ހައްގު ހަނިކުރި ކަމުގައި ވިޔަސް، ޚިޔާލު ފާޅު ކުރުމެއް ވެސް، ފާޑު ކިޔުމެއް ވެސް ނުހުއްޓުވޭނެ އެވެ.

އިންސާނާގެ ހަށިގަނޑަށް ވަންނާނެ އެންމެ ވިހަގަދަ ޒަހަރަކީ ކިބުރުވެރިކަމެވެ. އެ ޒަހަރުން ހަލާކު ކުރަނީ ވެސް އިންސާނާގެ އެންމެ އަގު ބޮޑު ގުނަވަން ކަމުގައިވާ ހިތެވެ. އަޅުގަނޑުމެންގެ މެދުގައި އާންމުކޮށް ދެކެވޭ ވާހަކަތަކުގައި ވެސް، އަނެކާ އަށް ވުރެ ތިމާގެ އަތުގައި ބާރާއި ނުފޫޒު ހުރި ކަން ދައްކާލަން އާންމުކޮށް ބުނެ އުޅެ އެވެ؛ ހަދާނީ ހަދާނެ އެއްޗެއް. ހަމަ ތިބެން ޖެހޭނީ. އެއް ކަމެއް ވެސް ނުކުރެވޭނެ." ތިމާއަކީ އަނެކާ އަށް ވުރެ މާ ބާރުގަދަ އަދި މާ ކެރޭ މީހެއް ކަމުގެ އިހްސާސް ކުރެވެން ފަށައިފި ނަމަ، އެ މީހެއްގެ ހަލާކު އައިސް ޖެހުނީ ކަމުގައި ހިތާށޭ މުސްކުޅިން ބުނެ އުޅެ އެވެ.