Roadha Mihaaru
"ދޯނި ގަތީ ފަސް މިލިއަނަށް ވުރެ ކުޑަ އަގަކަށް"

ދޯނި ގަތީ ފަސް މިލިއަނަށް ވުރެ މާ ކުޑަ އަގަކަށް: އެމްޕީއެލް

10 ޖެނުއަރީ 2017

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ގަތް ދޯނީގެ އަގު ފަސް މިލިއަން ރުފިޔާ އަށް ވުރެ މާ ކުޑަވާނެ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ގަތް ދޯނީގެ އަގު ފަސް މިލިއަން ރުފިޔާ އަށް ވުރެ މާ ކުޑަވާނެ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.

ބާ ދޯންޏެއް ފަސް މިލިއަން ރުފިޔާ އަށް އެމްޕީއެލް އިން ގަނެފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެކަން ދޮގުކޮށް އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ދޯނި ގަނެފައިވާނީ އެ ކުންފުނީގައި އޮންނަ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަމަށެވެ.

ދޯނި ގަތީ ފަސް މިލިއަން ރުފިޔާ އަށް ވުރެ މާ ކުޑަ އަގެއްގައި ކަމަށް އެމްޕީއެލް އިން ބުންޏަސް އެ އަގެއް ހާމައެއް ނުކުރެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މި މައްސަލާގައި ހިމެނޭ ދޯނީގެ ދިގުމިނަކީ 40 ފޫޓު ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް، އެމްޕީއެލް އިން ބުނިގޮތުގައި އެއީ 65 ފޫޓުގެ ދޯންޏެކެވެ.

"އެ ދޯނި ތިލަފުށީގައި އޮންނަ އެމްޕީއެލް ސަރަހައްދަށް އަރުވާފައި ވަނީ ދޯނީގައި ޕަސެންޖަރުންނާއި މުދާ އުފުލުމަށް ގެންނަންޖެހޭ މޮޑިފިކޭޝަންތައް ގެނައުމަށެވެ،" އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.

އެމްޕީއެލް އިން ގަތް ދޯނި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރާ ފޮޓޯތަކުން ފެންނަ ގޮތުގައި އެއީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ލަކުޑި ދޯންޏެކެވެ.

އެމްޕީއެލް އިން ގަތް ކަމަށް ބުނާ ދޯނީގެ އެތެރެ.---ފޮޓޯ: ސޯޝަލް މީޑިއާ

އެމްޕީއެލް އިން ގަތް ކަމަށް ބުނާ ދޯނީގެ އެތެރެ.---ފޮޓޯ: ސޯޝަލް މީޑިއާ

އެމްޕީއެލް އިން ބުނީ އެ ކުންފުންޏާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކަނީ، މިދިޔަ ކުރު މާޒީގައި އެމްޕީއެލް އިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފަނޑުކޮށްލައި އެ ކުންފުންޏާއި ސަރުކާރުގެ އަގު ވައްޓައިލުމަށް ކަމަށެވެ. އެކަމުގެ އަޑީގައި ތިބީ މަދުބައެއް ކަމަށް ވެސް އެމްޕީއެލް އިން ބުނެ އެވެ.

"މި ކުންފުނީގެ ތެރެއަށް އަތް ބޭނުމަށް މަދު ވިޔަފާރިވެރިންތަކެއް ކުރަމުންދާ މަސައްކަތްތަކަށް މި ކުންފުނިން ފުރުސަތު ނުދޭނެ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

"މި ކުންފުންޏާއި ސަރުކާރުގެ އަގު ވައްޓާލުމަށް ބަޔަކު ގަސްދުގައި ކުރާ މަސައްކަތްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަމެވެ. މި ކުންފުނީގެ ތަރައްގީ އާއި ކުރިއެރުމަށް އަދި ދިވެހި ރައްޔިތުންނަށް ދުވަހުން ދުވަހަށް ދޭ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ގަންނަން ޖެހޭ ތަކެތި ކުރިމަގުގައި ވެސް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މި ކުންފުނިން ގަންނަމުން ދާނެ އެވެ."

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައެއްގެ އިތުރުން އެ ކުންފުންޏަށް ތެޔޮ ގަތުމަށް މެރީޑިއަމާ އެކު ހެދި އެއްބަސްވުމެއްގެ މައްސަލަ ވެސް އޭސީސީން އަންނަނީ ބަލަމުންނެވެ. މި އެއްބަސްވުން އެމްޕީއެލް އިން ބާތިލްކޮށްފައި ވަނިކޮށް ކޯޓުން ވަނީ އެއްބަސްވުމަށް އަމަލުކުރަން އަންގައިފަ އެވެ.