Roadha Mihaaru
ކްރެޑިޓު ކާޑު ބޭނުންކުރަނީ އުސޫލާ އެއްގޮތަށް: ވަޖީހު

އެމްޕީއެލްގެ ކްރެޑިޓު ކާޑު ބޭނުންކުރަނީ އުސޫލާ އެއްގޮތަށް، އޭސީސީގެ ތަހުގީގަށް އެދުނީ އަޅުގަނޑު: ވަޖީހު

10 ޖުލައި 2024

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ހިންގާފައި ނޯންނާނެ ކަމަށާއި މިހާރު އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ވެސް އެދިވަޑައިގަތީ އަމިއްލަ އަށް ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ހިންގާފައި ނޯންނާނެ ކަމަށާއި މިހާރު އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ވެސް އެދިވަޑައިގަތީ އަމިއްލަ އަށް ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ބޭރަށް ކުރެއްވި ދަތުރެއްގައި އަމިއްލަ ބޭނުންތަކަށް އެމްޕީއެލްގެ ރަސްމީ ކްރެޑިޓު ކާޑު ނުވަތަ ކޯޕަރޭޓް ކާޑު ބޭނުންކުރުމާއި ކުންފުންޏަށް ބޭނުންވާ ބައެއް ވެހިކަލްތަކާއި އާލާތްތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ އެތައް ތުހުމަތެއް ވަޖީހު އަށް ވަނީ މި ފަހުން އަމާޒުވެފަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން "މިހާރު" އަށް ވަޖީހު ވިދާޅުވި ގޮތުގައި އެމްޕީއެލްގެ ސީއީއޯ އާއި ވެރިން އަމަލުކުރަން ެހޭ ގޮތްތައް ބޯޑުން ފާސްކޮށްގެން ޒަމާނުއްސުރެ ހަދާފައިވާ ހަރުދަނާ އުސޫލުތަކެއް އޮވެ އެވެ. އޭގެ ތެރޭގައި، ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި ކްރެޑިޓު ކާޑު ބޭނުންކުރެވޭނެ އުސޫލެއް ވެސް އޮންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަކީ މި މަގާމަށް އިހަށް ދުވަހު އައި މީހެއް. ކްރެޑިޓު ކާޑު ކަންތަކުގައި ވެސް އޮވޭ އުސޫލެއް. އެ އިން އަމިއްލަ ހަރަދެއް ކޮށްފިއްޔާ ރާއްޖެ އައިސްފައި ފުރަތަމަ ޕޭރޯލް [މުސާރަ] އިން އެ ބައި ކަނޑަން ޖެހޭނެ ކަމަށް ލިޔެފައި އޮންނާނެ. މިކަން ކުރަމުން އަންނަތާ އެތައް ޒަމާނެއް ވެއްޖެ. އެއީ އިއްޔެއަކު މިއަދަކު ހިނގި ކަމެއް ނޫން،" ވަޖީހު ވިދާޅުވި އެވެ.

އެކަމަކު ނަހަމަ ގޮތުގައި ކްރެޑިޓު ކާޑު ބޭނުންކުރި ކަމުގެ ތުހުމަތު އަމާޒުވުމާ އެކު، އަމިއްލައަށް އޭސީސީއަށް ގުޅުއްވައި، އެކަމުގެ ތަހުގީގެއް ހިންގައި ދިނުމަށް އެދިވަޑައިގެންނެވި ކަން އޭނާ ހާމަކުރެއްވި އެވެ. އަދި އެ ތަހުގީގު އޭސީސީން ކުރަމުން އަންނަ ކަމަށް ވަޖީހު ވިދާޅުވި އެވެ.

އަޅުގަނޑު އިންވޯލްވާ ގޮތަކަށް އެއްވެސް ގޯހެއް ހަދާފައެއް ނޯންނާނެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ،"--- ވަޖީހު

"އަޅުގަނޑަށް ޔަގީން އެއްވެސް މައްސަލައެއް ނޯންނާނެ. އަޅުގަނޑަށް އެ ޔަގީންކަން އެބައޮތް. އެ ޔަގީންކަން އޮތީމަތާ އަޅުގަނޑު އިސްނަގައިގެން އޭސީސީ އަށް ދާނީ. އަޅުގަނޑު ނަހަމަ ގޮތުގައި އެއްވެސް ކަމެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާލުވި ގޮތުގައި، މިހާތަނަށް ސީއީއޯގެ މަގާމު ފުރުއްވި ބައެއް ބޭފުޅުންގެ ނަން މައްޗަށް ވެސް ކްރެޑިޓް ކާޑު ބަދަލުކޮށް، ބޭނުންކޮށްފައި ވެ އެވެ. އެކަމަކު އަދި އޭނާގެ ނަން މަތީގައި ކާޑެއް ނުވެސް ނެތް ކަމަށް ވިދާލުވި އެވެ.

"އެކަމަކު، އެ ބަދުނާމު އަޅުގަނޑަށް އައީމާ އެ ކަން ބަލަން [އޭސީސީގައި] އެދުނީ. އަޅުގަނޑު ދަންނަވާ ވާހަކައަކީ އެއީ މި ތަނުގެ ޕޮލިސީ ހުއްދަ ކުރާ ކަމެކޭ. ކުރީގެ ސީއީއޯ އިން ވެސް އެބަހުއްޓޭ [ކުންފުނީގެ ކްރެޑިޓް ކާޑު] ބޭނުކޮށްފައި. އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައި އައިސް ލާރި ދައްކަން ޖެހޭނީ،" ވަޖީހު ވިދާޅުވި އެވެ.

އެމްޕީއެލްގެ ޕްރޮކިޔުމަންޓްގެ އެއްވެސް ކަމެއްގެ ތެރޭގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"އަޅުގަނޑު އިންވޯލްވާ ގޮތަކަށް އެއްވެސް ގޯހެއް ހަދާފައެއް ނޯންނާނެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ،" ވަޖީހު ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު މިދިޔަ ހޯމަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެމްޕީއެލްގެ ސީއީއޯ ވަޖީހު މިދިޔަ ހޯމަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ކުންފުންޏަށް ތަކެތި ހޯދުމުގައި ކޮރަޕްޝަން ހިންގާ ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތު ކުރެވޭތީ، އެކަން ބެލުމަށް ކުންފުނީގެ އިންޓާނަލް އޮޑިޓަށް ވެސް ވަނީ ވަގުތުން އަންގަވައިފަ އެވެ. ކްރެޑިޓު ކާޑުގެ ތަހުގީގު ނިމުމުން، ޕްރޮކިޔުމަންޓުގެ ތަހުގީގެއް ކޮށްދޭނެ ކަމަށް އޭސީސީން ބުނެފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

އަޅުގަނޑު މިދެނީ ޔަގީންކަން އަޅުގަނޑު އިންވޯލްވާ ގޮތަށް މިތާނގައި ނޯންނާނެ އެއްވެސް ގޯހެއް ހަދާފައެއް. އެއްވެސް މީހަކަށް ނުބުނެވޭނެ ސީއީއޯ މި ތަނުގައި ގޯހެއް ހެދިއޭ. އަޅުގަނޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާތަނަށް އެއްވެސް ކޮރަޕްޝަނެއް ހިންގާފައި ނޯންނާނެ،"--- ވަޖީހު

އޭނާ ވިދާޅުވީ، ކުންފުނި ހިންގުމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، އެމްޕީއެލް އަށް ތަކެތި ގަތުމުގައި މާކެޓުގައި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު ތަކެތި، ލިބެން ހުރި އެންމެ ރަނގަޅު އަގެއްގައި ހޯދުމަށް އަންގަވާފައި ވާނެ ކަމަށެވެ. އެކަމަކު، ޕްރޮކިއުމަންޓާ ގުޅޭ ކަންކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.

ނަމަވެސް، އެކަން ކުރަން ވެސް އަންގަވާފައިވާނީ، ކުންފުނީގެ އެތެރޭގެ އުސޫލުތަކާއި އެސްއޯޕީތަކާ ހިލާފުނުވާނެ ގޮތެއްގެ މަތިން ކަމަށް ވަޖީހު ވިދާޅުވި އެވެ. އެއީ އަބަދުވެސް ލިޔެފައި ހުންނަ އުސޫލުތަކެއް ކަމަށާއި އެއާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"އަޅުގަނޑު މިދެނީ ޔަގީންކަން އަޅުގަނޑު އިންވޯލްވާ ގޮތަށް މިތާނގައި ނޯންނާނެ އެއްވެސް ގޯހެއް ހަދާފައެއް. އެއްވެސް މީހަކަށް ނުބުނެވޭނެ ސީއީއޯ މި ތަނުގައި ގޯހެއް ހެދިއޭ. އަޅުގަނޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާތަނަށް އެއްވެސް ކޮރަޕްޝަނެއް ހިންގާފައި ނޯންނާނެ،" ވަޖީހު ވިދާޅުވި އެވެ.