Roadha Mihaaru
ރައީސްގެ ރައްދު ނަޝީދަށް: ނިމިއްޖެ، ނިމިއްޖެ!

ރައީސްގެ ރައްދު ނަޝީދަށް: ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ!

15 ޖެނުއަރީ 2023

އެ މަނިކުފާނުގެ ސަރުކާރުން ހުޅުމީދޫގައި ފަށާފައިވާ ގިނަ ޕްރޮޖެކްތައް ނިންމާލާފައިވާތީ "ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ" ވިދާޅުވަމުން ރިޔާސީ ޕްރައިމަރީގެ ވާދަވެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.

އަހުމަދު ހަމްދޫން ސ. މީދޫން އަހުމަދު ހަމްދޫން

އެ މަނިކުފާނުގެ ސަރުކާރުން ހުޅުމީދޫގައި ފަށާފައިވާ ގިނަ ޕްރޮޖެކްތައް ނިންމާލާފައިވާތީ "ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ" ވިދާޅުވަމުން ރިޔާސީ ޕްރައިމަރީގެ ވާދަވެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.

މީދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވީ، މި ސަރުކާރުން ފަށާފައިވާ ބައެއް ކަންކަން އަދިވެސް ނުނިމި "ކުރިއަށް ދަނީ" ކަމަށް ވިދާޅުވެ، ވާދަވެރިޔާ ނަޝީދުގެ ކެމްޕެއިން ޓީމުން އެކި ޕްލެޓްފޯމުތަކުގައި "މަލާމާތް" ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، ހުޅުމީދޫ ދާއިރާގެ ގިނަ ކަންކަން ނިންމާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މީދު އާއި ހުޅުދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތާއި ހުޅުމީދޫ ބޮޑުމަގާއި ޓޫރިޒަމް ޒޯނާއި ބަނދަރުގެ މަސައްކަތެވެ.

"ބިން ހިއްކުން ކޮންޓްރެކްޓް ކުރެވިއްޖެ. އިޖުތިމާއީ މަރުކަޒު ޓެންޑަ ކުރެވިފައި. ފުޓުބޯޅަ ދަނޑު އަޕްގްރޭޑް ކުރެވިއްޖެ. ނިމިއްޖެ. ގޮނޑުދޮށް ހިމާޔަތްކޮށް ނިމިއްޖެ. ދެން އެހެން ގޮސް ނިމިއްޖެ ނިމިއްޖެ ކިޔަން ވެއްޖިއްޔާ އަޅުގަނޑަށް މިތާ ހުރެ ދިގު ލިސްޓެއް ކިއިދާނެ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިސްނަންވީ ދެން ހުރި ކަންތައްތަ އަނެއްކާވެސް ނިންމަން. އެ ކަންތައްތައް ވެސް ނިންމޭނެ އިރާދަކުރެއްވިއްޔާ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު މީދޫގެ ބައެއް މީހުންނާ ސަލާމް ކުރައްވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު މީދޫގެ ބައެއް މީހުންނާ ސަލާމް ކުރައްވަނީ.

ރައީސް ވިދާޅުވީ، ހުޅުމީދޫގެ ބައެއް މީހުންނާ ބައްދަލުވެ ހުށަހެޅި ކަންކަން ނިންމަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ހާއްސަކޮށް މީދޫން ހުށަހެޅި ބައެއް ކަންކަން މިހާރުން މިހާރަށް ވެސް ނިންމޭނެ ކަމަށް ވިދާޅުވި އެވެ. ހަމަ އެގޮތަށް ހުޅުދޫން ހުށަހެޅި ކަންކަން ވެސް ވަގުތުން ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ކަން ކުރަމުންދާ ތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މީދޫ ދާއިރާގެ މަސްވެރިންގެ އެއް ހުށަހެޅުމަކީ ސްޕޯޓްސް ފިޝިން ކަނދުފައްޗެއް އަޅައި ދިނުން ކަމަށް ވާތީ "ދާދި އަވަހަށް" އެ ކަން ވެސް ސަރުކާރުން ކޮށްދޭނެ ކަމަށެވެ. އަދި އިސްމަހެލެހެރަ އާއި މީދުއާ ދެމެދު އޮތް ތަން ފުންކޮށް، އެ ތަން ފަސޭހައިން ބޭނުންކުރެވޭނެ ގޮތެއް ހޯދައި ދޭން އެދިފައިވާތީ އެކަން ވެސް ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވި އެވެ.

ބިން ހިއްކުން ކޮންޓްރެކްޓް ކުރެވިއްޖެ. އިޖުތިމާއީ މަރުކަޒު ޓެންޑަ ކުރެވިފައި. ފުޓުބޯޅަ ދަނޑު އަޕްގްރޭޑް ކުރެވިއްޖެ. ނިމިއްޖެ. ގޮނޑުދޮށް ހިމާޔަތްކޮށް ނިމިއްޖެ. ދެން އެހެން ގޮސް ނިމިއްޖެ ނިމިއްޖެ ކިޔަން ވެއްޖިއްޔާ އަޅުގަނޑަށް މިތާ ހުރެ ދިގު ލިސްޓެއް ކިއިދާނެ،"--- ރައީސް

"މި ވަގުތަށް ބޮޑުމަގު ހެދިއްޖެ. އިތުރު މަގުތައް ހެދުމަށް އެ އޮތީ ކޮންޓްރެކްޓް ކުރެވިފައި. އަޅުގަނޑަށް ހުށަހެޅުނު އެއް ކަމަކީ ރަށުގެ ހުރަސް މަގު ހެދެމުން ދާއިރު އެކީގައި ހަދަން ނިންމަން. އަޅުގަނޑު ޔަގީންކޮށް އަރުވަނީ އެ ކަންކަން ނިންމާނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މިފްކޯގެ ބަނދަރާއި މަސް ފެކްޓަރީގެ ބައެއް މައްސަލަތަކުގެ ވާހަކަ ވެސް އިވިވަޑައިގެންނެވި ކަމަށާއި އެހެންވެ، މިފްކޯ އާއި އެސްޓީއޯއާ ވާހަކަ ދައްކަވައި، ހުޅުމީދޫގެ މީހުން ބޭނުންވާ ގޮތަށް ކެޕޭސިޓީ އިތުރު ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. އަދި މިފްކޯގެ ބަނދަރަށް ވަންނަން އޮންނަ ނެރުން ދަތުރުކުރުމުގައި ދިމާވާ މައްސަލަތައް ވެސް ހައްލުކޮށް ނިންމާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ދެވަނަ ބުރަށް ދާން ޖެހޭ ސަބަބެއް ނެތް

ރައީސް މިއަދު ވިދާޅުވިގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބުވުމާއެކު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ޖެހޭ ސަބަބެއް ނެތެވެ.

"އެއްބުރުން މިކަން އަޅުގަނޑުމެންނަށް ނިންމައިލެވޭނެ،" އެމްޑީޕީގެ އިސް ލީޑަރު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޮޑުތަނުން ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހު، މި މަހުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް ހޯއްދަވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެމްޑީޕީ އެކަނި ރިޔާސީ އިންތިހާބަށް ނުކުމެގެން ކާމިޔާބުވާނެ ގޮތެއް އަދިވެސް ނެތެވެ. އެހެންވެ، އެ މަނިކުފާނުގެ ވިސްނުންފުޅަކީ މިހާރެކޭ އެއްގޮތަށް އެހެން ބަޔަކާއެކު ކޯލިޝަނެއް ހަދައިގެން މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީ ނުކުތުމެވެ.