Roadha Mihaaru
"އައްޑުއަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް"

އައްޑު އަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް: އަސްލަމް

27 ސެޕްޓެމްބަރ 2023

އައްޑު އަށް ވަށައިޖެހޭ ތަރައްގީގެ މަޝްރޫއުއެއް ގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެކަން ބަލައިގަނެ މި ސަރުކާރު ދެ ދައުރަކަށް އިންތިހާބު ކުރުމަކީ އައްޑޫގެ މީހުންގެ މަސްއޫލިއްޔަތެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ސ. ހިތަދޫން ނާޒިމް ހަސަން

އައްޑު އަށް ވަށައިޖެހޭ ތަރައްގީގެ މަޝްރޫއުއެއް ގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެކަން ބަލައިގަނެ މި ސަރުކާރު ދެ ދައުރަކަށް އިންތިހާބު ކުރުމަކީ އައްޑޫގެ މީހުންގެ މަސްއޫލިއްޔަތެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރުމަށް ހިތަދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އައްޑު އަށް މިހާތަނަށް ކުރިއެރުމެއް ލިބުނީ އެމްޑީޕީގެ ދެ ސަރުކާރުގައި ކަމަށާއި އެ ނޫން ސަރުކާރަކުން އައްޑޫ ތަރައްގީ ނުކޮށްދޭ ކަމަށެވެ.

"މި އައްޑޫ އަށް ކަމަކަށްވާ ގޮތަށް ކަމެއް ކޮށްދެވުނީ އެމްޑީޕީގެ ސަރުކާރުތަކަށް. ވަށައިޖެހޭ ގޮތަށް ވަކިން ހާއްސަކޮށް ރައީސް، މި ސަރުކާރުން ވަށައިޖެހޭ ތަރައްގީގެ ރަނގަޅު ޕްރޮގްރާމެއް ފަށަައިގެން ކުރިއަށް މި ގެންދަނީ،" އަސްލަމް ވިދާޅުވި އެވެ.

"މިކަން ބަލައިގަތުމަކީ އަޅުގަނޑުމެންގެ ބޮޑުވެގެންވާ މަސްއޫލިއްޔަތެއް. އެއީ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި ކޮށްދޭ ހިދުމަތެއް. މިކަން ބަލައިގަނެ މިކަން ނިންމުން."

އަސްލަމް ވިދާޅުވި ދޮގުން އުފައްދާ ފިތުނައިގެ ފަސާދައެއްގެ ތެރެއަށް ދެވިދާނެ ކަމަށާއި ނަމަވެސް، އެ އިން އައްޑު އަށް ލިބޭނީ ގެއްލުން ކަމަށެވެ. އެ ފިތުނަތަކުން ރައްޔިތުން ސަލާމަތްކޮށް ކަންކަން ހިނގާ ގޮތް ރަނގަޅަށް ކިޔައިދިނުމަށް އަސްލަމް ވަނީ ކެމްޕެއިން ޓީމްތަކުގައި އެދިވަޑައިގެންފަ އެވެ.

"އެބަ ބުނޭ ކަނޑު ވިއްކާލީ ނޫންހޭ. ކާކަށް ކޮން ކަނޑެއްތޯ ވިއްކާލީ؟ ހަގީގަތުގައި މި ރާއްޖޭގެ މަސްކަނޑުގައި ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން އަދި ކިރިޔާ މި ކަނޑައެޅިގެން ދިޔައީ. އަޅުގަނޑުމެން ވެރިކަމަށް އައިި އރު ބޭރު މަސް ބޯޓް ފަހަރަށް މަސް ބާނާ ދިޔައީ. އެކަން ހުއްޓުވީ މި ސަރުކާރުން. އެއީ ކަނޑު ވިއްކާލުމަކީ، ޕީޕީއެމްއިން ކަނޑު ވިއްކާލީ ހަގީގަތުގައި،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ދިވެހިންގެ ބިން ދިވެހިންނަށް ހިމާޔަތްކޮށްދިން ސަރުކާރަކީ ވެސް މި ސަރުކާރު ކަމަށެވެ. އެހެންވީމާ، ހަގީގަތާއި އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގު ރައްޔިތުންނަށް މިހާރު އޮޅުންފިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ ވައްކަމާއި އަނިޔާވެރިކަމަށް ފުރުސަތު ދޭން ބޭނުން ނުވާ ކަމަށް ވާނަ އަދި އައްޑޫގެ ތަރައްގީ ހުއްޓުމެެއް ނެތި ކުރިއަށް ގެންދަން ބޭނުންވާ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމދު ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އެމްޑީޕީގެ ވެރިކަން ގެއްލިގެންދާ ކޮންމެ ފަހަރަކު ވެސް އެންމެ ބޮޑު ހިތްދަތިކަމެއް ތަހައްމަލު ކުރަން ޖެހޭ ބަޔަކީ މި އައްޑޫ ރައްޔިތުން. އެކަމަށް ފުރުސަތު ނުދެއްވާ ތިޔަބޭފުޅުން. އެބަ އޮތޭ އެ ފުރުސަތު ނުދެވެން، އެ މަސައްކަތް ކުރެވެން އެބަ އޮތޭ. މި މަހުގެ 30 ވަނަ ދުވަހު ތިނެއްގައި ފާހަގަ ޖައްސަވާ،" އަސްލަމް ވިދާޅުވި އެވެ.

"މެންދުރަކު ނޫން ހަވީރަކު ނޫން، ހެނދުނު ވަޑައިގެން ކިޔުތައް އޮންނަން ވާނެ، ވޯޓުލާން ވާނީ ހެނދުނު. ވޯޓުލާ ނިންމަވާ. އެއީ ގައުމާއި ދަރިންނަށްޓަކައި ކޮށްދެވޭ ބޮޑު ހިދުމަތެއް."