Roadha Mihaaru

ހުކުރު ހުތުބާ އިނގިރޭސި ބަހުން ޝާއިއުކުރަން ފަށައިފި

ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ފަށައިފި އެވެ.

ހުކުރު ހުތުބާ އިނގިރޭސި ބަހުން ޝާއިއުކުރަން ފަށައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

16 ޖެނުއަރީ 2023

ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނެއްގައި މިއަދު ބުނީ މިއީ އިސްލާމްދީނަށް ލޯބިޖައްސައި ދީނީ މައުލޫމާތު ފެތުރުމުގެ ގޮތުން އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ދެ ހުކުރުގެ ހުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުން މިހާރު ޑައުންލޯޑްކުރެވެ އެވެ.

"ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިއުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ގައުމަކަށްވެފައި، އިސްލާމްދީނުގެ މައުލޫމާތު އެ ފަރާތްތަކަށް ވީހާ ވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެ ފަހުން ހުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުގައި ޝައިކުރާނެ ކަމަށެވެ.

ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ޝައިއުކުރަން ފެށިޔަސް، މިސްކިތްތަކުގައި ހުތުބާ ކިޔާނީ ދިވެހި ބަހުން އެކަންޏެވެ.