Roadha Mihaaru
އެއާޕޯޓުން ޑްރަގް ގެއްލުން: މުހިންމު ތަންތާ ކެމެރާނެތް

އެއާޕޯޓުން ޑްރަގް ގެއްލުން: ފުލުހުން ބުނީ މުހިންމު ތަންތަނުގައި ކެމެރާ ނެތް ކަމަށް

17 ޖެނުއަރީ 2023

ރާއްޖެ އައި މީހެއްގެ ލަގެޖު 30 ކިލޯގެ މަސްތުވާތަކެއްޗާ އެކު އެއާޕޯޓުން "ގެއްލުނު" މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ ލަގެޖު ގެންދިޔަ މީހަކު ދެނަގަންނަން މިހާތަނަށް ކުރި މަސައްކަތުގައި، އެއާޕޯޓުގެ މުހިންމު ބައެއް ތަންތަނުގައި ކެމެރާ ނެތްކަން ފާހަގަވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރާއްޖެ އައި މީހެއްގެ ލަގެޖު 30 ކިލޯގެ މަސްތުވާތަކެއްޗާ އެކު އެއާޕޯޓުން "ގެއްލުނު" މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ ލަގެޖު ގެންދިޔަ މީހަކު ދެނަގަންނަން މިހާތަނަށް ކުރި މަސައްކަތުގައި، އެއާޕޯޓުގެ މުހިންމު ބައެއް ތަންތަނުގައި ކެމެރާ ނެތްކަން ފާހަގަވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ރާއްޖެ އައި ޕާކިސްތާނުގެ މީހެއް އޭނާގެ ލަގެޖުގައި ޑްރަގް އެތެރެ ކުރުމުގެ ތުހުމަތުގައި ފުލުހުންނާ ހަވާލުކުރީ ޖެނުއަރީ 8 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް، ފުލުހުން ބުނީ، ކަސްޓަމްސްއިން އެ މީހާ ފުލުހުންނާ ހަވާލު ކުރި އިރު ޑްރަގް ހުރި ލަގެޖު ހަވާލުކޮށްފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފޫޓޭޖުތަކުން އެ ލަގެޖު އަދި ދެނެނުގަނެވޭ ކަމަށެވެ. އަދި އެއާޕޯޓުގެ ބައެއް މުހިންމު ތަންތަނުގައި ކެމެރާ ބަހައްޓާފައި ނެތްކަން ފާހަގަކުރެވުނު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އެ މީހާ ފުލުހުންނަށް މައުލޫމާތު ދިނީ، އޭނާ ރާއްޖެ އައި އިރު އިތުރު 30 ކިލޯގެ ލަގެޖެއް ގެނައި ނަމަވެސް، އެ ލަގެޖު ގެންދިޔަ މީހެއް ނޭނގޭ ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތުކޮށް ބަންދު ކުރެވޭނެ ހެކި ނެތުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެެވެ.

"މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

މަސްތުވާތަކެތި ހުރި ލަގެޖެއް ގެއްލުނު މައްސަލައެއް ދިމާވެގެން އުޅޭތޯ ކަސްޓަމްސްގެ ކޮމިޝަނަ ޖެނެރަލް އަބްދުﷲ ޝަރީފާ އިއްޔެ ސުވާލުކުރުމުން ވިދާޅުވީ އެފަދަ ކަމެއް އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އަތުލައިގަންނަ ޑްރަގް ފުލުހުންނާ އަބަދުވެސް ހަވާލުކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، ތަކެތި ފާސް ކުރާ ތަންތަނުގައި އެކި އިދާރާތަކުގެ މީހުން ތިބޭ ކަމަށެވެ. އެކަމަކު، ކަސްޓަމްސްއިން ބޭނުންވަނީ އެތަނުގައި ކަސްޓަމްސްގެ މުވައްޒަފުން އެކަނި ތިބެވޭނެ ގޮތް ހަމަޖައްސަން ކަމަށާއި އޭރުން މައްސަލައެއް ޖެހިއްޖެ ނަމަ އެކަމުގެ ޒިންމާ ކަސްޓަމްސްއަށް އޮންނާނެ ކަމަށެވެ.

ޕާކިސްތާނު މީހާ ގެނައި 30 ކިލޯގެ ޑްރަގް ގެއްލުނު މައްސަލަ ބަލަމުން އަންނަނިކޮށް މަސްތުވާތަކެއްޗާ އެކު ރާއްޖެއަށް އައި ކަމަށް ބުނާ މީހަކާއި އޭނާގެ ލަގެޖު ވެސް ދެނެގަނެވޭ ގޮތް ނުވެ "ގެއްލުނު" މައްސަލައެއް ވަނީ ބަލަން ފަށައިފަ އެވެ.