Roadha Mihaaru

އެއް ބިލިއަން ރުފިޔާގެ ޑްރަގްގެ މައްސަލާގައި ހައްޔަރުކުރި ލަންކާ މީހުންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 30 ދުވަސް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

26 ޑިސެމްބަރ 2024

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 30 ދުވަސް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

އެ ބޯޓުގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިއްބެވެ. އެއީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ދެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެއް އަދި 56 އަހަރުގެ ފިރިހެނެކެވެ.

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އެ އެންމެންގެ ބަންދަށް މިދިޔަ މަހު 26 ވަނަ ދުވަހު ވަނީ 30 ދުވަސް ދީފަ އެވެ.

އެ މުއްދަތު މިއަދަށް ހަމަވުމުން އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 30 ދުވަސް އިތުރުކޮށްފަ އެވެ.

އެމްއެންޑީއެފުން އެ ބޯޓު ހިފެހެއްޓީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ހދ. މަކުނުދޫގެ ބޭރުންނެވެ.

ކޯސްޓްގާޑާއި ފުލުހުންގެ ބެލުމުގެ ދަށުން އެ ބޯޓު ކުޅުދުއްފުށި ބަނދަރަށް ގެންގޮސް، ބަލައި ފާސްކުރުމުން ވަނީ ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފަ އެވެ. އެއީ ފަހުގެ ތާރީހެއްގައި ރާއްޖެ ސަރަހައްދުން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެކެވެ.

ފުލުހުން ކުރިން ބުނިގޮތުގައި، ފުރަތަމަ މަރުހަލާގައި ހެދި ޓެސްޓްތަކުން އެއީ 344 ކިލޯގެ މެތު ކަމާއި އަދި 124.6 ކިލޯގެ ކޮކެއިންކަން ވަނީ ދެނެގަނެވިފަ އެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.