ދައުލަތަށް ދައްކަން ޖެހޭ ޕާކިން ޖޫރިމަނާ ނުދައްކާ ނަމަ އެއްގަމު އެހެން އުޅަނދެއް ރަޖިސްޓަރީ ކުރުން ފަދަ އެއްވެސް ހިދުމަތެއް ނުލިބެ އެވެ. ޓެކްސް ނުދައްކައިފި ނަމަ ބޮޑެތި ޖޫރިމަނާތަކާ އެކު، ދައުލަތުން އެ ފަރާތަކަށް ދޭ ހުރިހާ ހިދުމަތްތަކެއް ހުއްޓުވާލައި، ބޭންކް އެކައުންޓްތައް ފްރީޒް ކޮށްގެން ވެސް އެ ފައިސާތައް ހޯދާނެ އެވެ. ނަމަވެސް އެތައް މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ ކަޅު ވިޔަފާރީގައި ހިމެނޭ މީހުންނަކީ ދައުލަތުގެ ޖޫރިމަނާ ނިޒާމުން "އިސްތިސްނާ" ވެފައި ތިބި ބައެކެވެ.
15 ޖެނުއަރީ 2025
ދައުލަތަށް ދައްކަން ޖެހޭ ޕާކިން ޖޫރިމަނާ ނުދައްކާ ނަމަ އެއްގަމު އެހެން އުޅަނދެއް ރަޖިސްޓަރީ ކުރުން ފަދަ އެއްވެސް ހިދުމަތެއް ނުލިބެ އެވެ. ޓެކްސް ނުދައްކައިފި ނަމަ ބޮޑެތި ޖޫރިމަނާތަކާ އެކު، ދައުލަތުން އެ ފަރާތަކަށް ދޭ ހުރިހާ ހިދުމަތްތަކެއް ހުއްޓުވާލައި، ބޭންކް އެކައުންޓްތައް ފްރީޒް ކޮށްގެން ވެސް އެ ފައިސާތައް ހޯދާނެ އެވެ. ނަމަވެސް އެތައް މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ ކަޅު ވިޔަފާރީގައި ހިމެނޭ މީހުންނަކީ ދައުލަތުގެ ޖޫރިމަނާ ނިޒާމުން "އިސްތިސްނާ" ވެފައި ތިބި ބައެކެވެ.
ރާއްޖޭގައި އެއް ކުށަކަށް ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރަނީ މަސްތުވާތަކެތީގެ މައްސަލައަށެވެ. މަސްތުވާތަކެތި އެތެރެ ކުރުމާއި އޭގެ ވިޔަފާރި ހުއްޓުވަން އެތައް މުއައްސަސާއަކަށް އެތައް ވަސީލަތެއް ގާއިމްކުރަން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާއިރު، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދީ އަދި މުޖްތަމައަށް އަނބުރާ ގެންނަން ވެސް ބޮޑެތި ހަރަދުތަކެއް އެބަ ކުރެ އެވެ. ނަމަވެސް އެކަމުގެ އެދެވޭ ނަތީޖާއެއް ނުފެންނައިރު، އޭގެ މާލީ ބުރަ އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.
ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ރުފިޔާގެ އަގު ހުރި އަދި އެތައް ކިލޯއެއްގެ މަސްތުވާތަކެތި ރާއްޖެ އިން އަތުލައިގަންނައިރު، ދައުލަތުގެ މުއައްސަސާތަކަށް ނުފެނި އެތައް ސަތޭކަ މިލިއަން ރުފިޔާ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން އެބަ ދައުރު ކުރެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެންމެ މުއްސަނދި ކުށްވެރިންނަކީ ޑްރަގްގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުންނެވެ. އެކަމަކު، ކުށް ސާބިތުވާ މަދު އަދަދެއްގެ މީހުންނަށް އަދަބުގެ ގޮތުގައި އޮންނަ ޖޫރިމަނާގެ ތެރެއިން ދައުލަތަށް މަދު އަދަދެކެވެ.
ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ޖިނާއީ ކުށްތަކުގެ ޖޫރިމަނާ 2017 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަން ފެށި ފަހުން މިހާތަނަށް ޑްރަގް މައްސަލަތަކުގައި 16.5 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައުލަތަށް ނުލިބި އެބަހުއްޓެވެ. އޭގެ ކުރިން އެފަދަ ޖޫރިމަނާ ދައްކަން ޖެހެނީ ކޯޓުތަކަށް ކަމަށް ވާތީ، ޑްރަގް މައްސަލަތަކުގައި ކުށްވެރިން ނުދައްކާ ހުރި ޖޫރިމަނާގެ އަދަދު 30 ވަރަކަށް މިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް ބެލެވެ އެވެ.
"ބައިވަރު ހުންނާނެ މައްސަލަތައް ހުށަހަޅާފައި. އެކަމަކު ކުރިއަށް ނުދޭ އެ މީހުން ބަންދުގައި ތިބޭތީ."
ޖިނާއީ މައްސަލަތަކުގެ ތެރެއިން ގާނޫނުލްއުގޫބާތުގެ ދަށުން ކުރާ ޖޫރިމަނާތައް ނުދައްކައިފި ނަމަ އެ މީހެއްގެ އަދަބު ޖަލު އަދަބަކަށް ބަދަލު ކުރެވޭތީ އެ ބާވަތުގެ މައްސަލަތަކުގައި ޖޫރިމަނާ ފަސޭހައިން ހޯދެ އެވެ. ނަމަވެސް ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ގާނޫނު އޮންނަ ގޮތުން ޖޫރިމަނާ ނުދެއްކިޔަސް، އަދަބު އިތުރަށް ބޮޑެއް ނުވެ އެވެ. އަނެއްކޮޅުން ޖޫރިމަނާއާ އެކު، އުމުރު ދުވަހުގެ ޖަލު ހުކުމެއް އޮންނާތީ ޖޫރިމަނާގެ ފައިސާ ހޯދަން ދަތިތައް ކުރިމަތިވެ އެވެ.
ގިނަ އަދަދެއްގެ ފައިސާތަކެއް --- ފޮޓޯ/މިހާރު
ޑްރަގް މައްސަލަތަކުގައި މިގޮތަށް ނުދައްކާ ހުރި ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ކޯޓަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވީ ނަމަވެސް، ގިނަ މީހުން އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ޖަލުގައި ތިބޭތީ އެ ފައިސާ ދެއްކޭނެ ގޮތެއް ނެތުމުން އެ މީހުންގެ އަތުން ފައިސާ ހޯދޭނެ ގޮތެއް ނޯވެ އެވެ. މާނައަކީ އެ އިން ކޮންމެ މީހަކު ޖަލުގައި ބަލަހައްޓަން ދައުލަތުން މަހަކު 20،000 އެއްހާ ރުފިޔާ ހަރަދުކުރި ނަމަވެސް، އެ މީހުން ދައްކަން ޖެހޭ ޖޫރިމަނާތައް ހިތުން ރުހުމުން ދެއްކިއްޔާ ނޫނީ މިހާރު ހޯދެން ނެތް ކަމެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވެސް ވިދާޅުވި ގޮތުގައި ޖޫރިމަނާގެ ފައިސާ ހޯދަން ގިނަ މައްސަލަތަކެއް ދައުލަތުން ކޯޓުތަކަށް ހުށަހަޅާފައި ވިޔަސް ބަންދުގައި ތިބޭތީ އެ މީހުންގެ އަތުން ފައިސާ ހޯދޭނެ ގޮތެއް ނެތެވެ.
"ބައިވަރު ހުންނާނެ މައްސަލަތައް ހުށަހަޅާފައި. އެކަމަކު ކުރިއަކަށް ނުދޭ އެ މީހުން ބަންދުގައި ތިބޭތީ،" އޮފިޝަލް ވިދާޅުވި އެވެ.
މާނައަކީ ކުދި ކުށްތަކުގައި 3،000 އެއްހާ ރުފިޔާގެ ޖޫރިމަނާ ނުދައްކައިގެން ޖަލު އަދަބަކާ ކުރިމަތިވުމުގެ ބިރު އޮތަސް، އެތައް ކިލޯއެއްގެ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެފައިވާ މީހާއަށް އެތައް ލައްކަ ރުފިޔާގެ ޖޫރިމަނާއިން ރެކުމުގެ ފުރުސަތު މިހާރު އޮތްގޮތުން ލިބެ އެވެ.
މާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނު އޮންނަ ގޮތުން ޖިނާއީ ކުށްތަކުގައި އަދަބެއްގެ ގޮތުން ކުރާ ޖޫރިމަނާއަކީ ލުއި ކުރެވޭނެ ނުވަތަ މާފު ދެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް އިންތިހާބީ މޫސުމާ ދިމާކޮށް، ކުށްވެރިންނަށް މާފުދީ ނުވަތަ އަދަބު ލުއިކޮށްދީގެން އެ މީހުން މިނިވަން ކުރާއިރު، އެ ހުކުމުގެ ދަށުން ކޮށްފައިވާ ޖޫރިމަނާ ދެއްކިތޯ ބަލަން ހޭ ވެސް އަހާލުމެއް ނޯވެ އެވެ. އެހެންވެ، ޑްރަގް މައްސަލަތަކުގައި ލައްކައިން ކޮށްފައިވާ ޖޫރިމަނާ ނުދައްކާ މީހުން ވެސް މިނިވަން ކޮށްފައި އެބަހުއްޓެވެ.
"ފައިސާ ނުދައްކާ ތިއްބާ ދޫކޮށްލީމަ ދެން އެ މީހާ ފަހަތުން ފައިސާ ހޯދަން މީރާ އާއި އޭޖީ އޮފީހާއި އެހެން މުއައްސަސާތައް މި ޖެހެނީ ދުވަން."
ބައެއް މީހުން ޖަލުން މިނިވަން ކުރަނީ އުމުރު ދުވަހުގެ ޖަލު ހުކުމް އެންމެ ހަފުތާއެއްގެ ޖަލު ހުކުމަކަށް ކުޑަކޮށް ދިނުމަށް ފަހު އެވެ. ޖޫރިމަނާގެ އަދަދު ކުޑަ ނުކުރެވުނަސް، ފައިސާ ދައްކަން އެއްވެސް ޝަރުތެއް ވެސް ނުކުރެ އެވެ.
ޖޫރިމަނާ ނުދައްކާ މީހުންގެ މައުލޫމާތު ދައުލަތުގެ އިދާރާތަކުން ގަވާއިދު ބަލަހައްޓަމުން ދިޔަޔަސް، ކުށްވެރިން މިނިވަން ކުރާއިރު އެކަން ހިނގަނީ ދައުލަތުގެ އެހެން އިދާރާތަކަށް އެންގުމެއް ނެތި ކަމަށް ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
"މީރާ އަށް އެނގޭނެ ޖޫރިމަނާ ނުދައްކާ މީހުން. މީރާ އިން ނޯޓިސް އެބަ ފޮނުވާ އެ މީހުންނަށް. އެހެންވީމާ އަދަބު ލުއިކޮށްދޭއިރު ވެސް ޖޫރިމަނާ ދެއްކިތޯ ބެލޭނެ ނިޒާމެއް އެބައޮތް. އެކަމަކު އެހެނެއް ނޫން ކަން މި ހިނގަނީ. ފައިސާ ނުދައްކާ ތިއްބާ ދޫކޮށްލީމާ ދެން އެ މީހާ ފަހަތުން ފައިސާ ހޯދަން މީރާ އާއި އޭޖީ އޮފީހާއި އެހެން މުއައްސަސާތައް މި ޖެހެނީ ދުވަން،" ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
އަނެއްކޮޅުން މާފު ނުދިނަސް، ހުކުމުގެ މުއްދަތު ހަމަވެއްޖެ ނަމަ ޖޫރިމަނާގެ ބޭނުމެއް ވެސް ނެތެވެ. އެ މީހަކު މިނިވަންވުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު، ބައެއް ގައުމުތަކުގައި ޖޫރިމަނާގެ ފައިސާ ނުދެއްކުމަކީ ޖަލު ހުކުމުގެ މުއްދަތު އިތުރަށް ދިގުވާ ކަމެކެވެ. ނަމަވެސް މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި އެގޮތަށް ބަޔާން ކޮށްފައި ނޯންނާތީ އޭގެ ހުރިހާ ފައިދާއެއް ވެސް ލިބެނީ ކުށްވެރިންނަށެވެ.
އުމުރަށް ޖަލަށްލާފައި ތިބޭ ބައެއްގެ އަތުން ޖޫރިމަނާ ފައިސާ ހޯދަން އުޅުމަކީ އެއް ގޮތަކުން ބަލާއިރު ދެކޮޅު ނުޖެހޭ ކަމަކަށް ވިޔަސް، މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި އެ އަދަބު ހިމަނާފައި އޮތް އެއް ސަބަބަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަންޖެހޭ ބޮޑު ހޭދައަށް އޮތް މާލީ ބުރަ ކުޑަ ކުރުމެވެ. އެހެންވެ، 2011 ވަނަ އަހަރު ވުޖޫދަށް ގެނައި މަސްތުވާތަކެއްޗާބެހޭ ގާނޫނު އޮތީ އުމުރަށް ޖަލަށްލުމާ އެކު، އެއް ލައްކަ ރުފިޔާ އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރުމަށް ފަހު، ޖޫރިމަނާގެ ފައިސާ އިން ހާއްސަ ފަންޑެއް ގާއިމްކޮށް، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ހޭދަ ކުރަންޖެހޭ ގޮތަށެވެ.
"އުމުރަށް ޖަލަށްލާފައި އޮންނަ މީހަކު ފައިސާ ދައްކާނެ ގޮތެއް ގިނަ ފަހަރު ނޯވޭ."
މީހަކު ފައިސާތަކެއް ދެނީ --- ފޮޓޯ/މިހާރު
ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ޑްރަގް މައްސަލަތަކުގައި ޖޫރިމަނާ ފައިސާ ހޯދަން އުނދަގޫވާ ސަބަބަކީ ގާނޫނު އޮތްގޮތުން ޖޫރިމަނާ ނުދެއްކި ނަމަވެސް އިތުރު ފިޔަވަޅެއް އެޅުމުގެ ބާރު ނޯންނާތީ އެވެ. އެކަމަކު، އެހެން ކުށްތަކުގައި ޖޫރިމަނާ ނުދައްކައިފި ނަމަ ޖަލު އަދަބަކަށް ބަދަލު ކުރެވޭ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
"އެހެން ކުށްތަކުގައި މި ކުރާ ޖޫރިމަނާއަކީ ޖަލަށްލުމުގެ ބަދަލުގައި ދޭ އަދަބަކަށް ވާތީ ޖޫރިމަނާ ނުދައްކައިފި ނަމަ ޖަލަށް ލާނެތީ ޖޫރިމަނާ މި ހޯދެނީ. އެކަމަކު ޑްރަގް މައްސަލަތަކުގައި ޖޫރިމަނާއަކީ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެއްކޮށް އަންނަ އަދަބެއް ވީމާ މި އުނދަގޫ މި އޮންނަނީ،" ޖިނާއީ އަދުލުގެ ނިޒާމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.
އެ ބޭފުޅުން ވިދާޅުވި ގޮތުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނަ މީހަކަށް އެ ވަރުގެ ބޮޑު ޖޫރިމަނާއެއް ދެއްކޭނެ ގޮތެއް ގިނަ ފަހަރު ނޯވެ އެވެ. ޖޫރިމަނާ ނުދެއްކި ނަމަވެސް އިތުރު އަދަބެއް ނާންނާނެކަން އެނގޭތީ ފައިސާ ދައްކަން ގިނަ މީހުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުމުރަށް ޖަލަށްލާފައި އޮންނަ މީހަކު ފައިސާ ދައްކާނެ ގޮތެއް ގިނަ ފަހަރު ނޯވޭ. އަދި ގިނަ މީހުންނަކީ މަގުމަތީ ލެވެލްގައި ހަރަކާތްތެރިވާ އާދައިގެ މީހުން ވީމަ އެ މީހުންގެ އަތުގައި މުދަލެއް ނުވަތަ ފައިސާއެއް ވެސް ނުހުރޭ. އެހެންވީމަ ކޯޓު މެދުވެރިކޮށް ވެސް އެ ފައިސާ ހޯދަން ދަތިވަނީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޖޫރިމަނާ އާދައިގެ ކުދި ކުށްތަކެކޭ އެއްގޮތަށް ޖޫރިމަނާ ހޯދޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
ކިތަންމެ ހިތްހަމަނުޖެހުނަސް، ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ނަގަމުންދާ ޖޫރިމަނާތަކަކީ ދައްކަން ޖެހޭނެ އެއްޗެކެވެ. އެކަމަކު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށްވެރިން މި އުސޫލުން އިސްތިސްނާ ވެފައި އޮތްއޮތުން ނިމުމަކަށް ގެންނަން ޖެހެ އެވެ. އެހެން މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅޭ އުސޫލުން ޑްރަގް މައްސަލަތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން އެ ފައިސާ ދައުލަތަށް ހޯދޭނެ ނިޒާމެއް އޮންނަން ޖެހެ އެވެ.
12 ކިލޯ ޑްރަގް ގެނައި މީހުންގެ މައުލޫމާތު ހާމަކޮށްފި
ޑްރަގް ނެޓްވޯކްތައް ދޫވުމާއި އޭގެ އަނެއް ފަރާތް!
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
މެލޭޝިއާ ދެމީހުން އުޅުނީ ޔޫކޭއަށް ޑްރަގް އެތެރެކުރަން