Roadha Mihaaru
ނަޕޯލީ ބަލިކޮށް ފުލުގައި އޮތް ކްރެމޮނޭސޭ ކުއާޓާ އަށް

ނަޕޯލީ ބަލިކޮށް ފުލުގައި އޮތް ކްރެމޮނޭސޭ ކުއާޓާ އަށް

18 ޖެނުއަރީ 2023

އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ ހައިރާންކުރުވަނިތި ގޮތަކަށް ޕެނަލްޓީން 5-4 އިން ބަލިކޮށް ލީގުގެ ފުލުގައި އޮތް ކްރެމޮނޭސޭ އިން އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ ހައިރާންކުރުވަނިތި ގޮތަކަށް ޕެނަލްޓީން 5-4 އިން ބަލިކޮށް ލީގުގެ ފުލުގައި އޮތް ކްރެމޮނޭސޭ އިން އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.

ކުއާޓާ ފައިނަލުގައި ކްރެމޮނޭސޭ ބައްދަލުކުރާނީ ރޯމާއާ އެވެ. ކުއާޓާ އިން ދެން ޖާގަ ހޯދި އިންޓަ މިލާން ބައްދަލުކުރާނީ ދެ ވަނަ ބުރުގައި އެޓަލާންޓާ އާއި ސްޕީޒިއާ ކުޅެ މޮޅުވާ ޓީމަކާ އެވެ. ކުއާޓާގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ލާޒިއޯ އާއި ބޮލޯނިއާ ކުޅެ މޮޅުވާ ޓީމަކާއި ޔުވެންޓަސް އާއި މޮންޒާ ކުޅެ މޮޅުވާ ޓީމެކެވެ. ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ ފިއޮރެންޓީނާ އާއި ޓޮރިނޯ އެވެ.

ނަޕޯލީގެ ސްޓޭޑިއޯ މަރަޑޯނާގައި ކުޅުނު މެޗުގައި ލީޑު ނެގީ ކްރެމޮނޭސޭ އިންނެވެ. މި ގޯލް 18 ވަނަ މިނެޓުގައި ޖެހީ ޗާލްސް ޕިކެލް އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުއާން ޖީސަސް އާއި ޖިއޮވާނީ ސިމިއޯނީގެ ލަނޑުތަކުން ނަޕޯލީ ފަހަތުން އަރައި ކުރި ހޯދި އެވެ. ކްރެމޮނޭސޭ އިން އެއްވަރުކުރީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ފެލިކްސް އަފެނާ-ޖިޔާން ޖެހި ގޯލުންނެވެ.

އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ކްރެމޮނޭސޭގެ ލެއޮނާޑޯ ސެނިކޯލާ އަށް ރަތްކާޑެއް ދެއްކި އެވެ. އެކަމަކު އެކަކު މަދުކޮށް ކުޅެ އެ ޓީމުން ނަތީޖާ ހިފެހެއްޓި އެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ކްރެމޮނޭސޭ އިން ފަސް ޖެހުން ވެސް ކާމިޔާބުކުރި އެވެ. ނަޕޯލީގެ ފަސް ޕެނަލްޓީގެ ތެރެއިން ސްޓަންސިލަވް ލޮބޮޓްކާގެ ޕެނަލްޓީ ނާކާމިޔާބުވީ އެވެ.

އާދައިގެ ޓީމެއް އަތުން ނަޕޯލީ ބަލި މިވީ، އިޓަލީގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ޔުވެންޓަސް އަތުން ލީގުގައި މިދިޔަ ހަފުތާގައި 5-1 ގެ ބޮޑު ތަފާތަކުން މޮޅުވެފައި އޮއްވަ އެވެ. ނަޕޯލީ އޮތީ ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަކީ ޔޫރަޕުގައި ވެސް މި ވަގުތު އެންމެ ފޯމުގައި އޮތް އެއް ޓީމެވެ.