Roadha Mihaaru
އިތުރުވަގުތުގެ ލަނޑުން މިލާނާއި ފިއޮރެންޓީނާ ކުއާޓާއަށް

އިތުރު ވަގުތުގައި މޮޅުވެ މިލާނާއި ފިއޮރެންޓީނާ ކުއާޓާ ފައިނަލަށް

14 ޖެނުއަރީ 2022

މިލާން (ޖެނުއަރީ 14) - ކޮޕާ އިޓާލިއާ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ރޭ ކުޅުނު މެޗްތައް އިތުރު ވަގުތުގައި ކާމިޔާބުކޮށް އޭސީ މިލާނާއި ފިއޮރެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިލާން (ޖެނުއަރީ 14) - ކޮޕާ އިޓާލިއާ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ރޭ ކުޅުނު މެޗްތައް އިތުރު ވަގުތުގައި ކާމިޔާބުކޮށް އޭސީ މިލާނާއި ފިއޮރެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އޭސީ މިލާނުން ރޭ ވާދަކުރީ އިޓާލިއަން ސެރީ އޭގެ ތާވަލުގެ 19 ވަނައިގައި އޮތް ޖެނޮއާއާ ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން އޭސީ މިލާން މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިގެން 3-1 ގެ ނަތީޖާއަކުންނެވެ.

ޔޫކްރޭންގެ ކުރީގެ ކެޕްޓަން އަދި އޭސީ މިލާންގެ ކުރީގެ ސްޓްރައިކަރު އަންޑްރޭ ޝެވްޗެންކޯގެ އިރުޝާދުގެ ދަށުން ކުޅުނު ޖެނޮއާ ވަނީ ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. މެޗުގެ 17 ވަނަ މިނިޓުގައި އެޓީމަށް ލަނޑު ޖަހައިދިނީ، މިދިޔަ ހަފްތާގައި އިނގިރޭސި ކްލަބް ބްރައިޓަން އިން ލޯނު އުސޫލުން ގެނައި ނޯވޭގެ ޒުވާން ޑިފެންޑަރު ލިއޯ ސްކީރީ އޯސްޓިގާޑް އެވެ.

އޭސީ މިލާނުން އެއްވަރުކުރީ 74 ވަނަ މިނިޓުގައި ތިއޯ ހެނާންޑޭޒް ހުރަސްކޮށްލި ބޯޅައެއް، ޕެނަލްޓީ ސްޕޮޓް މަތީ ހުރެ ބޮލުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ. އަދި ފުރިހަމަ ވަގުތު ހަމަވުމުން ކުޅުވި އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި މިލާނުން ވަނީ ދެ ލަނޑު ޖަހައި މެޗު ކާމިޔާބު ކޮށްފަ އެވެ. މި ދެ ލަނޑު އެޓީމަށް ޖަހައިދިނީ ޒުވާން ދެ ފޯވާޑުން ކަމަށްވާ ރަފައެލް ލެއާއޯ އާއި އަލެކްސިސް ސޭލްމޭކާސް އެވެ.

ފިއޮރެންޓީނާ ރަށުން ބޭރުގައި ނަޕޯލީ ބަލިކުރީ ވެސް ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ކުޅުވި އިތުރު ވަގުތުގެ ދެ ހާފުގައި ތިން ލަނޑު ޖަހައިގެންނެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ފިއޮރެންޓީނާ އިންނެވެ. ފުރަތަމަ ހާފުގެ 41 ވަނަ މިނިޓުގައި ޑޫސަން ވްލަހޮވިޗް ގެ ލަނޑުން ލީޑް ނަގާފައި ވަނިކޮށް 44 ވަނަ މިނިޓުގައި ނަޕޯލީގެ ޑްރީސް މާޓެންސް ވަނީ ނަޕޯލީއަށް އެއްވަރު ކޮށްދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ފިއޮރެންޓީނާގެ ގޯލްކީޕަރު އޭރިއާ ބޭރުން ކުރި ފައުލަކަށް އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

އެއް ކުޅުންތެރިޔަކު މަދުން ކުޅެ ފިއޮރެންޓީނާ އަށް ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިދިނީ މެޗުގެ 57 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ބިރާގީ ޖެހި ގޯލުންނެވެ. އެޓީމު މޮޅުވާން ދަނިކޮށް މެޗުގެ 84 ވަނަ މިނިޓުގައި ނަޕޯލީގެ ހާވިން ލޮޒާނޯ ކުރި ފައުލަކަށް އޭނާއަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ރެފްރީ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ފަހުން ވީއޭއާރު ބެލުމަށް ފަހު ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

މެޗުގެ 90 މިނިޓު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ކުޅުން ކުރިޔަށް ދަނިކޮށް ނަޕޮލީގެ ފަބިއަން ރުއިޒް ފިއޮރެންޓީނާގެ ކުޅުންތެރިޔަކަށް ހަމަލާ ދީގެން އޭނާއަށް ވެސް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ދެ ކުޅުންތެރިން މަދުކޮށް ކުޅެ ވެސް ނަޕޯލީން ވަނީ އޭގެ ތިން މިނިޓު ފަހުން ނަތީޖާ އެއްވަރު ކޮށްފަ އެވެ.

ނުވަ ކުޅުންތެރިންނާ އެކު އެޑީޝަނަލް އެކްސްޓްރާ ޓައިމްގެ ދެ ހާފުގައި ނުވަ ކުޅުންތެރިންނާ އެކު ކުޅުނު ނަޕޯލީ ކޮޅަށް ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެނިކޮށް ފިއޮރެންޓީނާއަށް މެޗުގައި ތިންވަނަ ފަހަރަށް ލީޑު ނަގައިދިނީ ލޮރެންޒޯ ވެނޫޓީ އެވެ. އަދި ފަހު ހާފުގައި ޕިއާޓެކް އާއި ޔޫސުފް މޭލާ ވަނީ އެޓީމަށް އިތުރު ދެ ލަނޑު ޖަހައި، ކުއާޓާ ފައިނަލުން ޖާގަ ޔަގީން ކޮށްފަ އެވެ.

ކުއާޓާ ފައިނަލުގައި ފިއޮރެންޓީނާ ވާދަކުރާނީ، ގަދަ 16 ގައި 2-0 އިން ވެނީޒިއާ ބަލިކުރި އެޓަލާންޓާއާއެވެ. އޭސީ މިލާން ވާދަކުރާނީ އަންގާރަ ދުވަހުގެ ރޭ ލާޒިއޯ އާއި އުދިނޭޒީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. ކުއާޓާ ފައިނަލުގެ މެޗްތައް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގަ އެވެ.