Roadha Mihaaru
ޑިބާލާގެ ދެ ލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް

ޑިބާލާގެ ދެ ލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް

01 މާޗް 2017

ޓިއުރިން (މާޗް 1) – ޕައޮލޯ ޑިބާލާގެ ދެ ލަނޑާ އެކު އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ނަޕޯލީ އަތުން 3-1 އިން މޮޅުވެ ޔުވެންޓަސް އިން ފައިނަލާ ގާތަށް ޖެހިލައިފަ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓިއުރިން (މާޗް 1) – ޕައޮލޯ ޑިބާލާގެ ދެ ލަނޑާ އެކު އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ނަޕޯލީ އަތުން 3-1 އިން މޮޅުވެ ޔުވެންޓަސް އިން ފައިނަލާ ގާތަށް ޖެހިލައިފަ އެވެ.

އަމިއްލަ ދަނޑުގައި ޔުވެންޓަސް އިން ހޯދި މޮޅާ އެކު ނޭޕްލްސްގައި ދެ ވަނަ ލެގަށް ނުކުންނައިރު އެ ޓީމަށް ދެ ލަނޑުގެ އެޑްވާންޓޭޖެއް އޮންނާނެ އެވެ. ނަޕޯލީ އަށް ލިބުނު ހަމައެކަނި ހިތްހަމަޖެހުމަކީ ރަށުން ބޭރުގައި ޖެހި ގޯލެވެ. އެ ޓީމަށް އޮތް އެންމެ ފަސޭހަ މަގަކީ ދެ ވަނަ ލެގު 2-0 އިން ކާމިޔާބުކުރުމެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ސްޕެއިން ފޯވާޑް ހޯސޭ ކަލެޔޮންގެ ލަނޑުން ނަޕޯލީ ވަނީ ލީޑު ނަގައިފަ އެވެ. ޔުވެންޓަސް އަށް ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ޕެނަލްޓީއަކުން ޑިބާލާ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ 64 ވަނަ މިނެޓުގައި އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިންނެވެ. އަދި ތިން ވަނަ ލަނޑު 69 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޑިބާލާ ވައްދާލި އެވެ.

ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ރޯމާ އާއި ލާޒިއޯ އެވެ.