Roadha Mihaaru
ރޭޕް ކޭސް ތަހުގީގުކުރި އޮފިސަރަށް ސީޕީގެ ތައުރީފު

ކުޑަކުއްޖާ ރޭޕްކުރި މައްސަލަ ތަހުގީގުކުރި އޮފިސަރަށް ސީޕީގެ ތައުރީފު

19 ޖެނުއަރީ 2023

ލ. އަތޮޅުގައި ކުޑަކުއްޖަކު ރޭޕްކުރި މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވުނީ އެ އަތޮޅު ގަމު، ސީނިއާ ސާޖެންޓް ހުސެއިން އާދިލް އިސްވެ ހުރެ ހިންގި ފެންވަރު ރަނގަޅު ތަހުގީގުގެ ސަބަބުން ކަމަށް ވިދާޅުވެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ތައުރީފު ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ލ. އަތޮޅުގައި ކުޑަކުއްޖަކު ރޭޕްކުރި މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވުނީ އެ އަތޮޅު ގަމު، ސީނިއާ ސާޖެންޓް ހުސެއިން އާދިލް އިސްވެ ހުރެ ހިންގި ފެންވަރު ރަނގަޅު ތަހުގީގުގެ ސަބަބުން ކަމަށް ވިދާޅުވެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ތައުރީފު ކުރައްވައިފި އެވެ.

ލ. ކަލައިދޫ މާކަރީލައިޓް މުހައްމަދު ޝަޒްލީފް މައްޗަށް 40 އަހަރުގެ ޖަލު ހުކުމް އައީ ޖެނުއަރީ 2018 ގައި އެ ރަށު ވަލުތެރެއަށް އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެންގޮސް އެ ކުއްޖާ ރޭޕްކޮށް އަދި އެ މަންޒަރު ވީޑިއޯ ރެކޯޑްކުރި މައްސަލައިގަ އެވެ.

ޝަފްލީޒްގެ މައްޗަށް އިއްޔެ ކުށް ސާބިތުވީ އޭނާގެ މައްޗަށް ކުރި ދެ ދައުވާ ވެސް ސާބިތުވުމުންނެވެ. އެއީ ރޭޕްގެ ދައުވާ އާއި ކުޑަކުއްޖަކު މެދުވެރިކޮށްގެން އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެވެ.

ކޮންމެ ދައުވާއެއްގައި ވެސް ކޯޓުން ކަނޑައެޅީ 20 އަހަރަށް ޖަލަށްލުމަށެވެ. އެކަމަކު ޝަޒްލީފް ބަންދުގައި ދެ އަހަރާއި 1 މަސް ހޭދަކޮށްފައިވާތީ ހުކުމުގެ މުއްދަތުގެ އެ ބައި އުނިކުރަން ޖެހޭނެ އެވެ.

ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުށް ސާބިތުވެ ކުރި ހުކުމަކީ ހުސެއިން އާދިލް އިސްވެ ހިންގި ރަނގަޅު ތަހުގީގުގެ ނަތީޖާ ކަމަށެވެ.

އޭނާ ވިދާޅުވީ މި މައްސަލައިން، ކުޑަކުދިންނާއި އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ފުލުހުން ކުރާ މުހިންމު މަސައްކަތް އަންގައިދޭ ކަމަށެވެ. އެފަދަ ކުށްތައް ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ކުޑަކުދިންނާ ގުޅުން ހުންނަ މިފަދަ މައްސަލަތައް ތަހުގީގު ކުރަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓާއި ހާދިސާ ހިނގި އަތޮޅުގެ ފުލުހުން ގުޅިގެންނެވެ.