Roadha Mihaaru
އެހެން އިންތިހާބުތައް ކާމިޔާބުކުރަން 2023 މުހިންމު!

2023 ކާމިޔާބު ނުކޮށް އެހެން އިންތިހާބުތައް ދަތިވާނެ: ރައީސް

21 ޖެނުއަރީ 2023

މި އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ނުކޮށް، އެހެން އިންތިހާބުތައް ކާމިޔާބު ކުރުމަކީ ދަތިކަމެއް ކަމަށް ތަޖުރިބާގެ އަލީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ފުވައްމުލަކުގައި ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން ފުވައްމުލަކުން އަހުމަދު ހަމްދޫން

މި އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ނުކޮށް، އެހެން އިންތިހާބުތައް ކާމިޔާބު ކުރުމަކީ ދަތިކަމެއް ކަމަށް ތަޖުރިބާގެ އަލީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ފުވައްމުލަކުގައި ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ހަވީރު މި ސިޓީ އަށް ވަޑަައިގެން އެ މަނިކުފާނުގެ ކެމްޕެއިން ޖަގަހަ ފުވައްމުލަކުގައި ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، 2013 ގައި ވެރިކަމުގައި އޮތީ މިހާރުގެ އިދިކޮޅު ޕާޓީ ޕީޕީއެމް ކަމަށް ވާއިރު އޭރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޮޑުތަނުން ޕީޕީއެމް ނެގި ކަމަށެވެ. އެކަމަކު، އޭގެ ފަހުން 2018 ގައި އެމްޑީޕީ ވެރިކަމަށް އައިސް 2014 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާއި ކައުންސިލް އިންތިހާބު ބޮޑުތަނުން އެ ޕާޓީ ނެގި ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ ފުރަތަމަ ކުރަންވީ ކަމަކީ ފުރަތަމަ ކުރަންޖެހޭ ކަންތައް. ދެހާސް ތޭވީސް ކާމިޔާބު ނުކޮށެެއް ކުރިއަށް އޮތް ހުރި އިންތިހާބުތައް އަޅުގަނޑުމެންނަށް ކާމިޔާބު ވުމަކީ ދަތި، ދުރު ކަމެއް. އެހެންވީމާ 24 ބޭނުންވެގެން ކަމަށް ވިޔަސް 26 ބޭނުންވެގެން ކަމަށް ވިޔަސް ފުރަތަމަ ކުރަންވީ ކަމަކީ 23 ކާމިޔާބު ކުރުން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު އެދިވަޑައިގަތީ އެމްޑީޕީގެ ސީނިއާ ލީޑަޝިޕްގެ ބޭފުޅުން އެ ކަމަށް މަސައްކަތް ކޮށްދެއްވުމަށެވެ.

ފުވައްމުލަކަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޓީ

ރައީސް މިރޭ ވިދާޅުވިގޮތުގައި، ފުވައްމުލަކަކީ އެ މަނިކުފާނުގެ ސަރުކާރުގައި އެންމެ ބޮޑު އިސްކަމެއް ދޭ އެއް ސިޓީ ކަމަށެވެ. އެހެންވެ، މިހާތަނަށް ސަރުކާރުން ކޮށްދިން ކަންކަން ފާހަގަކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ފުވައްމުލަކަށް ކަމެއް ކޮށްދެވޭތޯ ކޮންމެ ސަރުކާރަކުން ވެސް މަސައްކަތްތައް ކޮށްފައިވާ ކަމަށާއި އެކަމަކު 2018 ގައި އެމްޑީޕީން ވެރިކަމަށް އައިސް ޖެހުނީ ކުރިން ކޮށްފައި ހުރި ކަންތައް ދެވަނަ ފަހަރަށް ކުރަން ކަމަށެވެ. އެއީ ރޭވުންތެރިކަމެއް ނެތި ކުރިން އެ ކަންތައް ކުރުމުން ކަމަށް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ ފުވައްމުލަކުގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތެވެ.

"ބޮޑު ހަރަދަކުން ކޮށްފައި އޮތް ކަމެއް. އެހެން ނަމަވެސް މަގުމަތިން އޭރު ކޯދުލާފައި އަރަނީ ކޯނޗެއްތޯ؟ ދިރިއުޅެވެން ނެތް. މީހަކަށް ހަމަނޭވާ ނުލެވޭ. ބޮޑު ހަރަދު ކޮށްގެން އިރާދަކުރެއްވިއްޔާ މިއަދު މި ވަނީ އެ ކަމުން ސަލާމަތް ވެފައި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހައެއް ފުވައްމުލަކުގައި ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހައެއް ފުވައްމުލަކުގައި ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ.

ރައީސް ވިދާޅުވިގޮތުގައި ފުވައްމުލަކުގައި ވަށައިގެން ހުރި މަގުތަކާއި އެތެރޭގެ މަގުތައް ވެސް ކައުންސިލްގެ ލަފާގެ މަތިން އަދި އާންމުން ބޭނުންވާ ގޮތަށް އަންނަނީ ހަދަމުންނެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުން ވެސް "އެ ދަނީ ބާރަށް ކުރިއަށް" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ އަށް ފަހު އޭގެ ބޭރުގައި ބޮޑު މަގެއް ހެދިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހައެއް ފުވައްމުލަކުގައި ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހައެއް ފުވައްމުލަކުގައި ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.

އެ މަނިކުފާނު ވިދާޅުވީ، ފުވައްމުލަކުގެ ހޮސްޕިޓަލަށް އިތުރުކުރާ ބައިގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށާއި ފުވައްމުލަކުގެ މީހުން ބޭނުންވާ ގޮތަށް އެ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ހިދުމަތް ލިބޭނެ ގޮތް ވެސް ހަދައިދޭނެ ކަމަށެވެ.

"އެ އަށް ފަހު ދެން އޮތީ މި ރަށުގައި އާ ހޮސްޕިޓަލެއް އަނެއްކާ އެޅުން. އެހާ ހިސާބަށް ވެސް މަޑުނުކޮށް، މި ދެންނެވިހެން މި ގެނެވުނު އެކްސްޓެންޝަނާއެކު ހިދުމަތްތައް އިރާދަކުރެއްވިއްޔާ މިނިސްޓަރު ނަސީމް ފުރިހަމަ ކޮށްދެއްވާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހައެއް ފުވައްމުލަކުގައި މިރޭ ހުޅުއްވައި ދެއްވުމަށް ފަހު، އެ މަނިކުފާނާއި ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގް ސަކާމް ކުރައްވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހައެއް ފުވައްމުލަކުގައި މިރޭ ހުޅުއްވައި ދެއްވުމަށް ފަހު، އެ މަނިކުފާނާއި ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގް ސަކާމް ކުރައްވަނީ.

ރައީސް ވިދާޅުވިގޮތުގައި ފުވައްމުލަކުގެ ބަނދަރުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ބަނދަރު ބޮޑުކުރެވޭނެ ގޮތްތަކެއް ވެސް ސަރުކާރުން ބަލާނެ އެވެ. އެއާއެކު، ފުވައްމުލަކުގެ މަސްވެރިން ބާނާ މަސް ރަށަށް ކިރޭނެ ގޮތެއް ހޯދުމަށް މަޝްވަރާ ކޮށްފައިވާތީ އެކަން މިހާރު އޮތީ އެސްޓީއޯއާ ހަވާލުކުރުމުގެ މަގުމަތީގައި ކަމަށް ވިދާޅުވި އެވެ.

"ފަހަރެއްގައި ދެން މި ވަގުތު ލަސްވެފައި އޮވެދާނެ. އެހެން ނަމަވެސް އެ ކަން އަވަސް ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެހެންވީމާ 24 ބޭނުންވެގެން ކަމަށް ވިޔަސް 26 ބޭނުންވެގެން ކަމަށް ވިޔަސް ފުރަތަމަ ކުރަންވީ ކަމަކީ 23 ކާމިޔާބު ކުރުން،"--- ރައީސް

ރައީސް ވިދާޅުވީ، ފުވައްމުލަކުގެ މީހުން ބޭނުންވާ ތަރައްގީ މި ސަރުކާރުން ގެންނާނެ ކަަމަށާއި އެ ކަން ކުރެވޭނީ ވެރިކަމުގައި ތިބެގެން ކަމަށެވެ.

"މަގުމަތީގައި ތިބެގެން އެ ކަމެއް ނުކުރެވޭނެ. އެހެންވީމާ ތިޔަބޭފުޅުން މި މަހުގެ 28 ވަނަ ދުވަހު މި ބާއްވާ ޕްރައިމަރީގައި ފުންކޮށް ވިސްނުމަށް ފަހުގައި، މަގުމަތި ނުވާ ގޮތަށް ތަރައްގީގެ މަޝްރޫއުތަކާއިގެން ކުރިއަށް ދެވޭ ގޮތަށް އެ ނިންމުން ނިންމުމަކީ އަޅުގަނޑުގެ އެދުމެއް. ތިޔަބޭފުޅުންގެ ވޯޓު ކެންޑިޑޭޓް ނަމްބަރު 2 އަކަށް ދެއްވުމަކީ އަޅުގަނޑު އެދޭ އެދުމެެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.