Roadha Mihaaru
ފައްޔާޒުގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް!

އެމްޑީޕީގެ ކެމްޕެއިނަށް ހުރަސް އަޅާ ނަމަ އިދިކޮޅަށް ވެސް ހުރަސް އަޅާނެ ކަމުގެ އިންޒާރު!

31 ޖުލައި 2023

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ހުރަސް އަޅާ ނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅުގެ ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު އެ ޕާޓީގެ ޗެއާޕާސާން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ދެއްވައިފި އެވެ.

އައިޝަތު ނުޒުހާ ފުވައްމުލަކުން އައިޝަތު ނުޒުހާ

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ހުރަސް އަޅާ ނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅުގެ ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު އެ ޕާޓީގެ ޗެއާޕާސާން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ދެއްވައިފި އެވެ.

އޭނާ އެ އިންޒާރު ދެއްވީ ފުވައްމުލަކުގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގަ އެވެ.

އޭނާ ވިދާޅުވީ، 2018 ގައި ޕީޕީއެމްގެ ވެރިކަމުގައި އޮތް ފަދަ ބިރުވެރިކަމެއް މިއަދަކު ނެތް ކަމަށެވެ.

"މިއަދު އެ ބޭފުޅުން އެ ކަމެއް އެ ކުރައްވަނީ އެފަދަ އެއްވެސް ބިރުވެރިކަމެއް ނެތި. އެހެންވީމާ ކެމްޕެއިން ކުރައްވާ، އަޅުގަނޑުމެންގެ ކެމްޕެއިނަށް ހުރަސް ނާޅުއްވާ،" ފައްޔާޒް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހިތްތިރި ބޭފުޅެއް ނަމަވެސް ދެން ތިބީ "އެހާ ހިތްތިރި ބައެއް ނޫން" ކަމަށް ވިދާޅުވެ ފައްޔާޒް ދެން އިދިކޮޅަށް ދެއްވީ ވަރުގަދަ އިންޒާރެކެވެ.

"އަޅުގަނޑުމެންގެ ކެމްޕެއިނަށް އެ ގޮތަށް ތާ އަބަދު ހުރަސް އަޅާ ކަމަށް ވަންޏާމު ދިވެހިރާއްޖޭގެ އެއްވެސް ރަށެެއްގައި ވެސް އެ ބޭފުޅުންނަކަށް ކެމްޕެއިނެއް ނުކުރެއްވޭނެ. އެހެންވީމާ އެކަން ހުއްޓާލަން މިހާރުން މިހާރަށް މި ގޮވާލަނީ،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން އިދިކޮޅު މީހުން ނުކުމެ އެ މަނިކުފާނާ ދެކޮޅަށް އިހުތިޖާޖުކުރި އެވެ. އިހުތިޖާޖު ރޫޅާލައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

ފުވައްމުލަކުގައި އެމްޑީޕީގެ ޖަލްސާ ރޭ ކުރިއަށް ގެންދިޔަ ގަޑީގައި ވެސް އިދިކޮޅުން ނުކުމެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް މުޒާހަރާ ކުރި އެވެ.

ރޭގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީ ރޫޅައެއް ނުލެވޭނެ ކަމަށާއި އެ އޮޑިއެއް ނުފެތޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވެސް ރޫޅައެއް ނުލެވޭނެ. ރޫޅައެއް ނުލެވޭނެ. ރޫޅައެއް ނުލެވޭނެ،" އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް ޕާޓީއާ އެކު މިހާރު ހުންނެވި ނަޝީދު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށެވެ.