Roadha Mihaaru

ބައިޑެންގެ ގެއަކުން ސަރުކާރުގެ އިތުރު ސިއްރު ލިޔުންތަކެއް

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަމިއްލަ ގެއަކުން އަނެއްކާ ވެސް، ސަރުކާރުގެ ސިއްރު ލިޔުންތަކެއް ފެނިއްޖެ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ބައިޑެންގެ ގެއަކުން އިތުރު ސިއްރު ލިޔުންތަކެއް ފެނިއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަމިއްލަ ގެއަކުން އަނެއްކާ ވެސް، ސަރުކާރުގެ ސިއްރު ލިޔުންތަކެއް ފެނިއްޖެ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އެކަމާ ބެހޭ ގޮތުން ބައިޑެންގެ އަމިއްލަ ގާނޫނީ ވަކީލު ބޮބް ބޯއާ ވިދާޅުވި ގޮތުގައި ޑެލްވެއާގައި ހުރި ބައިޑެންގެ އަމިއްލަ ގެއެއް ބަލައި ފާސްކުރުމަށް، މިދިޔަ ހުކުރު ދުވަހު 13 ގަޑިއިރު ވަންދެން ކުރި މަސައްކަތުން، އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތަކުގެ ތެރޭގައި ހިމެނޭ އިތުރު ހަ ލިޔުމެއް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން ބައެއް ލިޔުންތަކަކީ، އެމެރިކާގެ ސެނެޓްގައި ޑެލްވެއާ ތަމްސީލް ކުރައްވާ މެމްބަރެއްގެ ގޮތުގައި ހުންނެވި (1973-2009) ދުވަސްވަރުގެ ލިޔުންތަކެކެވެ.

އަދި އޭގެ އިތުރުން، އޮބާމާގެ ސަރުކާރުގައި އެމެރިކާގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި (2009-2017) ދުވަސްވަރުގެ ބައެއް ލިޔުންތައް ވެސް އެ ގެއިން ވަނީ ފެނިފަ އެވެ. އެހެން ނަމަވެސް، މިފަހަރު ފެނުނު ސިއްރު ލިޔުންތަކަކީ ކޮން ފެންވަރެއްގައި ސިއްރު ކޮށްފައިވާ ލިޔުންތަކެއް ކަމެއް އަދި އޭގައި ހިމެނެނީ ކޮން ކަމަކާ ގުޅޭ މައުލޫމާތެއް ކަމެއް ވެސް ނޭނގެ އެވެ.

ބައިޑެންގެ ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި ބައިޑެންގެ އަމިއްލަ ގެ ބަލައި ފާސްކުރީ، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ އޮފިޝަލުންނެވެ. ޑެލްވެއާގައި ހުރި ގެއިން ސިއްރު ލިޔުންތަކެއް މި ފެނުނީ، ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އަމިއްލަ ލައިބްރަރީއެއްގެ ގޮތުގައި ބޭނުންކުރެއްވި އޮފީހެއްގެ ތެރެއިން، ސިއްރު ހަ ލިޔުމެއް ފެނުނުތާ ދެ ހަފުތާ ވެސް ނުވަނީހެވެ.

އަދި އޭގެ ކުރިން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ވެސް، ވޮޝިންޓަންގައި ހުރި ބައިޑެންގެ އަމިއްލަ އޮފީހެއްގެ ތެރެއިން ވަނީ، ސަރުކާރުގެ ސިއްރު ލިޔުންތަކެއް ފެނިފަ އެވެ.

ރައީސް ބައިޑެންގެ އަމިއްލަ ގެއާއި އޮފީސްތަކުން ސަރުކާރުގެ ސިއްރު ލިޔުންތަކެއް ފެނިގެން އެމެރިކާ ސަރުކާރުން އެކަން ތަހުގީގު ކުރުމުގެ މަސައްކަތް މިފެށީ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ގެއެއްގެ ތެރޭގައި ފޮރުވާފައި ހުރި ސިއްރު ލިޔުންތަކެއް ފެނިގެން އެ މައްސަލަ ތަހުގީގު ކުރަމުން ދާ ދުވަސްވަރެއްގަ އެވެ.

ވޮޝިންޓަންގައި ހުރި އަމިއްލަ އޮފީހަކު ސިއްރު ލިޔުންތަކެއް ފެނުމާ ގުޅިގެން، ރައީސް ބައިޑެން ވަނީ އޭނާގެ އަމިއްލަ އޮފީސްތަކާއި ގެތަކާއި އެޕާޓްމަންޓްތައް ބަލައި ފާސްކުރުމުގެ ހުއްދަ، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް ދެއްވައިފަ އެވެ.

އެ ހުއްދައިގެ ދަށުން، އޮފިޝަލުން އެ ތަންތަން ބަލައި ފާސްކުރަމުން އަންނަނީ ބައިޑެން އާއި އަނބިކަނބަލުންގެ ޣައިރު ހާޒިރުގަ އެވެ. ނަމަވެސް އެ ތަންތަން ބަލައި ފާސްކުރާ އިރު، ބައިޑެންގެ އަމިއްލަ ވަކީލުންނާއި ރިއާސީ ގަނޑުވަރުގެ ވަކީލުން ވެސް ތިއްބަވަ އެވެ. ޑެލްވެއާގައި ހުރި ބައިޑެންގެ ގެއިން ސިއްރު ލިޔުންތަކެއް ފެނުނު އިރު، ބައިޑެން އާއި އަނބިކަނބަލުން އުޅުއްވީ ޑެލްވެއާގެ ރެހެބޮތު ބީޗްގައި ހުންނަ އަމިއްލަ ގެއެއްގައި ޗުއްޓީ ހޭދަކުރައްވާށެވެ.