Roadha Mihaaru

ބައިޑެންގެ އޮފީހަކުން އަނެއްކާވެސް ސިއްރު ފައިލްތަކެއް

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން، އެ ގައުމުގެ ނައިބު ރައީސް ކަމުގެ މަގާމު ފުރުއްވި ދުވަސްވަރު (2009-2017)ގެ ސިއްރު ލިޔުންތަކެއް، އޭނާގެ އަމިއްލަ އޮފީހެއްގައި ހުއްޓާ އަނެއްކާ ވެސް ފެނިއްޖެ އެވެ.

ބައިޑެންގެ އޮފީހަކުން އަނެއްކާވެސް ސިއްރު ފައިލްތަކެއް

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން، އެ ގައުމުގެ ނައިބު ރައީސް ކަމުގެ މަގާމު ފުރުއްވި ދުވަސްވަރު (2009-2017)ގެ ސިއްރު ލިޔުންތަކެއް، އޭނާގެ އަމިއްލަ އޮފީހެއްގައި ހުއްޓާ އަނެއްކާ ވެސް ފެނިއްޖެ އެވެ.

އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތަކެއް، ބައިޑެންގެ އަމިއްލަ އޮފީހަކުން އަނެއްކާ ވެސް ފެނުނުކަން އެމެރިކާގެ ބައެއް މީޑިއާތަކުން އާންމުކުރި އިރު، ބައިޑެންގެ އަމިއްލަ އޮފީހެއްގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅުވެސް ސިއްރު ލިޔުންތަކެއް ފެނުނުކަން ވަނީ ފަޅާއަރައިފަ އެވެ. އެ މައްސަލަ މިހާރު އަންނަނީ އެމެރިކާ ސަރުކާރުން ތަހުގީގުކުރަމުންނެވެ.

އެ ފަހަރު ސިއްރު ލިޔުންތައް ފެނުނު އޮފީހަކީ، ޔުނިވަސިޓީ އޮފް ޕެންސިލްވީނިއާގެ އޮނަރަރީ ޕްރޮފެސަރެއްގެ ގޮތުގައި 2017-2019 އަށް އުޅުއްވި ދުވަސްވަރު، "ޕޭން ބައިޑެން ސެންޓަރ ފޯ ޑިޕްލޮމެސީ އެންޑް ގްލޯބަލް އެންގޭޖްމަންޓް"ގެ ނަމުގައި ވޮޝިންޓަންގައި ގާއިމުކުރެއްވި އޮފީހެކެވެ. އެ ތަނުގެ ތެރެއިން ލިޔުންތައް ފެނުނީ، އެ އޮފީސް ހުސްކުރުމުގެ މަސައްކަތް، ބައިޑެންގެ ވަކީލުންގެ ޓީމުން ކުރަނިކޮށް، އެ އޮފީހުގައި ހުރި ތަޅުލާފައި ހުރި ވަތްގަނޑެއްގެ ތެރެއިންނެވެ.

ބައިޑެން އަށް ނިސްބަތްވާ އެހެން ތަނަކުން ވެސް، ސަރުކާރުގެ ސިއްރު ލިޔުންތަކެއް ފެނުނުކަން މީޑިއާތަކުގައި އާންމުކުރި ނަމަވެސް، މިފަހަރު ފެނުނު ލިޔުންތައް ހުރީ ކޮން ސަރަހަދެއްގައި ހުރި ކޮން ތަނެއްގައި ކަމެއް އަދި އެ ތަކެތި ފެނުނީ ކޮން ދުވަހެއްގައި ކަމެއް ވެސް އާންމެއް ނުކުރެ އެވެ. އަދި މިފަހަރު ފެނުނު ސިއްރު ލިޔުންތަކުގައި ހުރީ ކޮންކަހަލަ މައުލޫމާތުތަކެއް ކަމެއް ވެސް އާންމެއް ނުކުރެ އެވެ.

ސަރުކާރުގެ ލިޔުންތަކެއް ފެނުނު ވާހަކަ މީޑިއާގައި ރިޕޯޓް ކުރުމާ ގުޅިގެން، ރައީސް ބައިޑެން އިއްޔެ ވިދާޅުވީ އެ ފަދަ ލިޔުންތަކެއް އޭނާ އަށް ނިސްބަތްވާ ތަނަކުން ފެނުނު ވާހަކަ އިވުނުން ހައިރާންކަން ލިބުނު ކަމަށެވެ. އަދި އެއީ ކޮން ދުވަސްވަރެއްގައި ކޮން ބޭނުމަކު އެތަނަށް ގެންދިޔަ ކޮން ކަހަލަ ލިޔުންތަކެއް ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނި ގޮތުގައި އެ ލިޔުންތައް ފެނުމާއެކު، ގާނޫނުގައިވާ ގޮތުގެ މަތިން އެ ހުރިހާ ލިޔުންތަކެއް ވެސް މިހާރުވަނީ އެމެރިކާގެ ގައުމީ އަރުޝީފާ ހަވާލުކޮށްފަ އެވެ. އެމެރިކާގެ ގާނޫނު ބުނާ ގޮތުން، ވެރިކަމުގެ ކޮންމެ ދައުރެއް ނިމުމާއެކު، އެ ދައުރެއްގެ މުހިންމު ހުރިހާ ލިޔުމެއް އެމެރިކާގެ ގައުމީ އަރުޝީފާ ހަވާލުކުރަންޖެހޭނެ އެވެ.

މި މައްސަލަ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވައިޓް ހައުސް އިން ބުންޏެވެ. އަދި މި ކަމާ ގުޅޭ ގޮތުން ތަންފީޒީ އިދާރާތަކުން ކުރާ ތަހުގީގަށް ރައީސް ބައިޑެން އާއި އޭނާގެ ސަރުކާރުން ފުރިހަމަ އަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް ވައިޓް ހައުސް އިން ބުންޏެވެ.