Roadha Mihaaru
ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ މަހު ހުޅުވަނީ

ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ މަހު ހުޅުވަނީ

23 ޖެނުއަރީ 2023

ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް، އެ ރަށް ހިންގައި ބަލަހައްޓާ އެޗްޑީސީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް، އެ ރަށް ހިންގައި ބަލަހައްޓާ އެޗްޑީސީން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު ނިއުޝާދު ޝަރީފު "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އެ ހުރިހާ ކަމެއް ނިންމުމަށް ފަހު ދަތުރު ދިއުމަށް އަންނަ މަހުގެ ތެރޭގައި ކުޑަގިރި ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ އާއްމުން ދަތުރު ދިއުމަށް އަންނަ މަހުގެ ކުރީކޮޅު ނުވަތަ މެދު ތެރޭ ހިސާބުގައި އެ ރަށް ހުޅުވާލުމަށެވެ.

ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން އެ ތަން އާއްމުންނަށް ހުޅުވާލުމަށެވެ. އެ މުއްދަތަށް އެ މަސައްކަތް ނުނިމުމުން ދެން ހަމަޖެއްސީ މިދިޔަ ނޮވެމްބަރު 11 ވަނަ ދުވަހު އެތަން ހުޅުވާށެވެ. އެކަމަކު، އެ މުއްދަތުތައް ފާއިތުވެގެން ދިޔައިރު ވެސް ޕިކްނިކް އައިލެންޑު ނުހުޅުވުނެވެ.

ނިއުޝާދު ވިދާޅުވީ ކުޑަގިރިއަށް ދަތުރު ދެވޭނީ ކުރިން ބުކްކޮށްގެން ކަމަށެވެ. އެކަމަށް ހާއްސަ އެޕްލިކޭޝަން ވެސް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ލޯންޗުކުރާނެ އެވެ.

"އެ އެޕްލިކޭޝަނުން ފެންނާނެ ރަށުގައި އުޅެވޭނެ ގަވައިދުތައް. މުޅި ރަށުގައި ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެ. އެކަމަށް ހާއްސަ ސްމޯކިން އޭރިޔާ ހުންނާނެ. އެ ތަނުގައި އެކަނި ދުންފަތުގެ އިސްތިއުމާލު ކުރެވޭނީ. އާއިލާތަކަށް ހިތްފަސޭހަ، އުފާވެރި މާހައުލަކަށް ވެގެން ދާނީ." އޭނާ ވިދާޅުވި އެވެ.

ކުޑަގިރިއަށް ދަތުރުކުރުމަށް ފެރީ ހަމަޖެއްސުމުގެ މަސައްކަތް ވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އޭރުން މާލެ އަދި ހުޅުމާލެއިން ވެސް އެ ރަށަށް ދަތުރުކުރެވޭނެ އެވެ.

އެޗްޑީސީން ވަނީ ކުޑަގިރީގެ ތައްޔާރީތަކާ ގުޅޭ ވީޑިއޯއެއް މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ރަށުގައި މިހާރު ވަނީ ކުޅިވަރު ކުޅޭނެ ތަންތަން ހަދައި އަދި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް މޫދުގެ ކުޅިވަރުތަކާއި މަޖާ އެކި ހަރަކާތްތަކުގައި އުޅެވޭނެ ގޮތަށް ތަންތަން ހަދައި މަސައްކަތް ވަރަށް ފުރިހަމަކޮށްފަ އެވެ.

އެ ރަށުގައި ކައިވެނީގެ ހަފްލާތަކާއި އުފަންދުވަހުގެ ޕާޓީތަކާއި އެކި އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ވެސް ބޭއްވޭނެ އެވެ. އެހެންވެ، އާއްމުންގެ އަތުން ވީހާ ވެސް ކުޑަ ހަރަދެއް ނެގުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކުޑަގިރީގައި؛

- ޗޭންޖިން ރޫމް

- މިސްކިތް

- ކްލިނިކް

- ކެފޭ ހުންނާނެ އެވެ.

މާލެއާ 10.5 ކިލޯ މީޓަރު ދުރުގައިވާ ކުޑަގިރިއަށް ލޯންޗެއްގައި ގާތްގަނޑަކަށް 15 މިނެޓުން ދެވެ އެވެ. އެތަން ހިއްކަން ޕްލޭންކުރީ ދަތުރު ދާން ރަށަކާ އެކު 1.5 ހެކްޓަރުގެ ސޭންޑްބޭންކް ގޮތަށް ފިނޮޅެއް ވެސް ހަދާ ގޮތަށެވެ.