Roadha Mihaaru
މިއަދު 4 ޖަހާއިރު ކުޑަގިރި ބުކިންއަށް ހުޅުވާލަނީ

މިއަދު 4 ޖަހާއިރު ކުޑަގިރި ބުކިންއަށް ހުޅުވާލަނީ

09 ފެބުރުއަރީ 2023

އަންނަ ހޮނިހިރު ދުވަހު ހުޅުވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރު ދާން ބޭނުންވާ މީހުން، ބުކިން ހެދުމުގެ ފުރުސަތު މިއަދު ހަވީރު ހަތަރެއް ޖަހާއިރު ހުޅުވާލަން އެޗްޑީސީން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ ހޮނިހިރު ދުވަހު ހުޅުވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރު ދާން ބޭނުންވާ މީހުން، ބުކިން ހެދުމުގެ ފުރުސަތު މިއަދު ހަވީރު ހަތަރެއް ޖަހާއިރު ހުޅުވާލަން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޑިރެކްޓާ މާކެޓިން އެންޑް ސޭލްސް ނިއުޝާދު ޝަރީފް ވިދާޅުވީ މިއަދު ހަވީރު ހަތަރަކުން ފެށިގެން ކުޑަގިރި މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް ބުކިން ހެދޭނެ ކަމަށެވެ.

"ފުރަތަމަ ދުވަހު އެ ރަށަށް ދިއުމަށް 300 މީހުންނަށް ބުކިން ހެއްދޭނެ. އެހެން ދުވަސްތަކުގައި 500-600 މީހުންނަށް ބުކިން ހެދޭނެ،" އޭނާ ވިދާޅުވި އެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެޗްޑީސީން ބޭއްވި ޕްރެސްގައި ޑިރެކްޓާ މާކެޓިން އެންޑް ސޭލްސް ނިއުޝާދު ޝަރީފް ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނިއުޝާދު ވިދާޅުވި ގޮތުގައި، ބުކިން ނުހަދާ އެ ރަށަކަށް ނޭރޭނެ އެވެ. ބުކިން ހަދާއިރު ދަތުރު ދާ އެންމެންގެ އައިޑީކާޑް މައުލޫމާތު ދޭންޖެހޭނެ އެވެ. އަދި ބުކިން ހަދާއިރު، އޮންލައިންކޮށް ފައިސާ ވެސް ދެއްކޭނެ އެވެ.

ދިވެހިންނަށް ކަނޑައަޅާފައިވާ އަގުތައް

● ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް އެރުމާއި ފެރީ ހިލޭ.

● ބަންދު ނޫން ދުވަސްތަކުގައި ކުޑަގިރިއަށް އެރުމަށް 50ރ. އަދި ފެރީއަށް 50ރ.

● ދެ އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ ދުވަހަކު ވެސް ހިލޭ.

● ބަންދު ނޫން ދުވަސްތަކުގައި 2-11 އަހަރުގެ ކުދިންނަށް 25ރ. ގެ ފީއެއް.

ކުޑަގިރި ޕިކްނިކް އައިލެންޑްއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްގައި ދެއްކި ކުޑަގިރީގެ ޗާޓެއް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުޑަގިރި ޕިކްނިކް އައިލެންޑްއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްގައި ދެއްކި ކުޑަގިރީގެ ޗާޓެއް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބިދޭސީންނާއި ޓޫރިސްޓުންނަށް ކަނޑައަޅާފައިވާ އަގުތައް

● ބިދޭސީންނާއި ޓޫރިސްޓުންނަށް ކޮންމެ ދުވަހަކު ވެސް ކުޑަގިރިއަށް ދެވޭނީ ފީ ދައްކައިގެން.

● ވޯކް ޕާމިޓް އޮންނަ ބިދޭސީންނަށް ކުޑަގިރިއަށް އެރުމަށް 75ރ. އަދި ފެރީއަށް 100ރ.

● ޓޫރިސްޓުން ކުޑަގިރިއަށް އެރުމަށް 100ރ. އަދި ފެރީއަށް 150ރ.

ފެރީގެ އަގު ކަނޑައަޅާފައިވަނީ ދެކޮޅު ދަތުރު ހިމެނޭ ގޮތަށެވެ.

އެޗްޑީސީން ބުނީ ގޭސްފުޅި، އުނދުން، ވަޅި އަދި ކަޓްލަރީ ކުޑަގިރިއަށް ގެންދިއުން މަނާވާނެ ކަމަށެވެ. އެ އެއްޗެހި އެ ރަށުން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

އެ ކުންފުނިން ބުނީ ކުޑަގިރީގައި 13 ހަޓު ހުންނައިރު، އެ ތަންތަން ވެސް އެޕާއި ވެބްސައިޓް މެދުވެރިކޮށް ބުކް ކުރެވޭނެ ކަމަށެވެ. ކުޑަ ހަޓެއް މުޅި ދުވަހަށް ބުކް ކުރެވޭނީ 500ރ. އަށެވެ. އަދި ބޮޑު ހަޓެއް 1،200ރ. އަށެވެ. ހަޓުން ކަރަންޓު ލިބޭނެ އެވެ. އަދި ކައްކަން ބޭނުންވާ ގޭހާއި އުނދުން ވެސް ލިބޭނެ އެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް: މިއަދުން ފެށިގެން ބުކިންއަށް ހުޅުވާލާނެ -- ފޮޓޯ: އެޗްޑީސީ

ކުޑަގިރި ޕިކްނިކް އައިލެންޑް: މިއަދުން ފެށިގެން ބުކިންއަށް ހުޅުވާލާނެ -- ފޮޓޯ: އެޗްޑީސީ

ރަށުގައި ހަދާފައިވާ ޕްރައިވެޓް ރޫމްތައް ބުކް ކުރުމުގެ ފުރުސަތު ފަހުން ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ކުޑަގިރި ތަރައްގީކުރީ މާލެ ސަރަހައްދުގައި ދިވެހިން ދަތުރުދާން އެއްވެސް ރަށެއް ނެތުމުގެ ޝަކުވާ ބޮޑުވުމުންނެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް

ހަތް ބީޗާ އެކު ހަޓުތަކެއް

● ދޮންވެލި ތުނޑިއެއް

● ރެކްރިއޭޝަން ހަރަކާތްތައް

● މޫދު ކުޅިވަރަށް ހާއްސަ ވަސީލަތްތައް

● މިސްކިތަކާއި ކްލިނިކެއް

● ފިހާރަ

● ކެފޭ/ރެސްޓޯރަންޓް

● އަންހެން/ފިރިހެން ޗޭންޖިން ރޫމް

● ޕްރައިވެޓް ރޫމްސް

● ދަތުރުދާން ފީއެއް ނުނަގާނެ. ޗާޖުކުރާނީ ހަޓް ބުކިންއަށް

● ސީސީޓީވީ 40 އަށް ވުރެން ގިނަ ކެމެރާ

ކުޑަގިރި ބަލަހައްޓަން ހަވާލުކޮށްފައިވާ އެޗްޑީސީން ފެރީ ހަމަޖައްސާގޮތަށް އޮތީ މާލެ އާއި ހުޅުމާލެއިން ވެސް ދެވޭ ގޮތަށެވެ.

ހާހެއްހާ މީހުންނަށް އެއްފަހަރާ ދަތުރު ދެވޭ ޖާގައިގެ ބޮޑު އެ ރަށަށް ލޯންޗުގައި 15 މިނެޓުން ދެވޭނެ އެވެ. ފެރީ ދަތުރަށް ހޭދަވަނީ 40 މިނެޓެވެ.