Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ގެސްޓްހައުސް ހަދަން ފުރުސަތު ހޯދީ މަޖިލިހުން

ރަށްރަށުގައި ގެސްޓް ހައުސް ހަދަން ފުރުސަތު ހޯދީ މަޖިލިހުން

23 ޖެނުއަރީ 2023

މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ހަދަން ފުރުސަތު ހޯދީ ރައްޔިތުންގެ މަޖިލިހުން މީގެ 15 އަހަރު ކުރިން ފާސްކުރި ގަރާރަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ. ގުރައިދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ހަދަން ފުރުސަތު ހޯދީ ރައްޔިތުންގެ މަޖިލިހުން މީގެ 15 އަހަރު ކުރިން ފާސްކުރި ގަރާރަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ. ގުރައިދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އެ މަނިކުފާނު ގުރައިދު އަށް ވަޑައިގެން، އެ ޕާޓީގެ އާންމު މެމްބަރުންނާ ވާހަކަފުޅު ދައްވަމުން ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ގެސްޓް ހައުސްގެ ވިޔަފާރި ޕްރޮމޯޓް ކުރަން މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް އެ ފުރުސަތު ލިބުނީ 2008 ވަނަ އަހަރުގެ ކުރީ ކޮޅު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ގަރާރަކާ ގުޅިގެން ކަމަށެވެ.

"ސަރުކާރަށް ލާޒިމުކޮށް ރަށްރަށުގައި ގެސްޓް ހައުސްތައް ހަދަން ފުރުސަތު ދިނުމަށް އެ ގަރާރު ފާސްކުރިއިރު ތިއްބެވި ބޭފުޅުން މި ތިއްބެވީ،" އެ ދުވަސްވަރު ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ބައެއް މެމްބަރުން ކަމަށްވާ ރީކޯ މޫސާ މަނިކާއި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި އެ ބޭބޭފުޅުންގެ އިތުރުން އެ މަނިކުފާނު ވެސް އޭރު މަޖިލިހުގައި އުޅުއްވަ އެވެ.

"އެ ކަން ވެގެން ދިޔަ ގޮތް، އެތާނގެ ތެރޭގައި ބަހުސް ކުރެވިގެން ދިޔަ ގޮތް، އެއްފަހަރަށް ވުރެ ގިނަ ފަހަރު އެ މައްސަލަ މަޖިލިހަށް ހުށަހަޅައިގެން އަޅުގަނޑުމެން ފާސްކުރީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު އެ އިޝާރާތް ކުރައްވަނީ އދ. މާމިގިއްޔަށް އުފަން އަބްދުލް ހަންނާން އިބްރާހިމް އެ ރަށުގައި ހެދި ގެސްޓް ހައުސްއެއް ހުޅުވުމުގެ ހުއްދަ އަށް އޭރުގެ ސަރުކާރުގައި އެދިވަޑައިގަތުމުން ކަންތައް ވި ގޮތުގެ ވާހަކަ އަށެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ސިޓީ ހޮޓާ/ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ނުދޭ ސިޔާސަތެއް އޭރު އޮންނާތީ ވިލާގެ ޗެއާމަން ގާސިމް އިބްރާހިމަށް ބޮޑުބޭބެ ވިދާޅުވާ ހަންނާނަށް އެ މަގު ބަންދުވީ އެވެ. އެކަމަކު، އޭރުގެ މަދަނީ ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ހަންނާނަށް ކާމިޔާބު ލިބުނެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ސިޓީ ހޮޓާ/ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ނުދޭ އުސޫލު ދޫކޮށްލައި މާލެ ނޫން އެހެން ރަށްރަށުގައި ވެސް ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދިނުމަށް ސަރުކާރުގައި ދަންނަވަން ރައްޔިތުންގެ މަޖިލިހުން ފާސްކުރި ގަރާރަކުން ނިންމި އިރު، ހަންނާނުގެ މައްސަލަަ މަދަނީ ކޯޓުގައި އޮތް ކަން އޭނާއާ އެއްކޮޅަށް ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމުން އެނގެ އެވެ.

ގެސްޓް ހައުސް ވިޔަފާރީގެ ބާނީއަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު ނަޝީދު ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ގުޅިގެން މިދިޔަ އަހަރު ސަރުކާރުން ވަނީ އެ ކަމާ ގުޅުވައިގެން ޓޫރިޒަމް އެވޯޑް ވެސް ދީފަ އެވެ.

އޭރު ހިނގައި ދިޔަ އެ ކަންތައްތަކަށް އިޝާރާތް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ލޯކަލް ޓޫރިޒަަށް އެންމެ ބޮޑު ބަދަލު އައީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވަރަށް ގިނަ ފަހަރަށް އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ފާސް ކުރެއްވީ އެ މަނިކުފާނު ކަމަށެވެ.

މިއަދު ގުރައިދޫގައި ބޭއްވި ޖަލްސާގައި ރީކޯ މޫސާ މަނިކު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މިއަދު ގުރައިދޫގައި ބޭއްވި ޖަލްސާގައި ރީކޯ މޫސާ މަނިކު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ރީކޯ މޫސަ މިއަދު ވިދާޅުވީ އެ މައްސަލަ އެންމެ ފުރަތަމަ މަޖިލިހަށް ހުށަހެޅުއްވީ އޭނާ އާއި މަރަދޫ ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާ ގުޅިގެން ކަމަށެވެ.

"އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅިގެން ދިޔައީ އަޅުގަނޑާއި ޝަރީފާ ދޭތެރޭގައި ރައީސް [އިބްރާހިމް މުހައްމަދު ސޯލިހު] އަދި އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުގެ ލަފައާ އެއްކޮށް ރައީސް ވިދާޅުވީ މައްސަލަ ހުށަހެޅުމަށް. އެއީ ގެސްޓް ހައުސްގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް. ނަމަވެސް އޭރު އެ މައްސަލަ ބޭރުކޮށްލެއްވި، އަނެއްކާ ވެސް އެ މައްސަލަ މަޖިލީހަށް ހުށަހެޅި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ކެމްޕެއިންގައި އެ މަނިކުފާނުގެ އަރިހުގައި ރަށްރަށަށް ވަޑައިގަންނަވާ މޫސަ ވިދާޅުވި އެވެ.

އޭގެ ފަހުން އަނެއްކާ މަޖިލިހަށް އެ ގަރާރު ހުށަހެޅުމުން ފާސްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ގެސްޓް ހައުސްތައް ކުރިއަށް ގެންދިއުމާއި ދަތުރުފަތުކުރުމާއި އެހެނިހެން ލިބެންޖެހޭ ހިދުމަތްތަކާއި މި ސަރުކާރުން ފަށާފައި ހުރި ކަންކަން ނިންމާނެ ކަމަށާއި އިތުރު ކަންކަން ވެސް ހުށަހަޅަން ބޭނުންވާ ނަމަ އެ ކަން ވެސް ކުރެވޭނެ ކަމަށެވެ.