ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި "ފިކުރެއްގެ ދިރުން" ނަމުގައި ގޮފި ހެދުމަކީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅުވުމެއް ނޫން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
02 ފެބުރުއަރީ 2023
ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި "ފިކުރެއްގެ ދިރުން" ނަމުގައި ގޮފި ހެދުމަކީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅުވުމެއް ނޫން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާނުކުރަން ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒުވީ ވެސް، ނާކާމިޔާބީއަށް ފަހު ނަޝީދު މިހާރު ފައްޓަވާފައިވާ މަސައްކަތްތަކަށެވެ.
އެ މަނިކުފާނު ވަނީ، ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުނުކުރާނެކަން ހާމަކުރައްވައި، ރިޔާސީ ޕްރައިމަރީގައި ބޭނުންކުރެއްވި ސްލޯގަން، "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ހަރަކާތެއް ހިންގަވަމުންނެވެ. އެ ޕާޓީގެ ވަކި ގޮތްޕެއް ރަޖިސްޓްރީކުރުމަށް މީހުން އަންނަނީ ސޮއިކުރަމުންނެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާނެ ފޯމިއުލާއެއް ކަނޑައަޅާނީ އެ ގޮފީގައި 50،000 މީހުން ރަޖިސްޓްރީވެ، އަންނަ ޖުލައި މަހު ހިސާބުގަ އެވެ.
އެކަމާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން އިންތިހާބީ ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ ގޮތްޕެއް ހެދުމަކީ ކެންޑިޑޭޓާ އިދިކޮޅަށް ކަމެއް ކުރުން ކަމަށް ނުބަލާ ކަމަށެވެ.
ނަމަވެސް، ބަލަންޖެހޭ ކަމަކީ ގޮފި އުފައްދައިގެން ކުރާ ކަމެއް ކަމަށާއި ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތްކުރާ ތަން ނުފެންނަ ކަމަށް އިބްރޭ ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާނުކުރަން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި، ޕްރައިމަރީ އިލެކްޝަންގެ ކޮމިޓީގެ މުޣައްރިރު އަދި ޕާޓީގެ ޑެޕިއުޓީ ޗެއާ އިބްރޭ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރައީސް، އެ ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް އެއްވެސް ކަމެއް ކުރައްވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
"[ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް]ކުރައްވަންޏާ އަޅުގަނޑުމެން އެންމެންނަށް ފެންނާނެ. އެހެންވިއްޖެއްޔާ ގަވައިދުގެ ތެރެއިން އަޅުގަނޑުމެން އެކަމަށް ހައްލު ކުރާނަން." އިބްރޭ ވިދާޅުވި އެވެ.
ފިކުރެއްގެ ދިރުން ނަމުގައި މިހާރު ފުރަމުން އަންނަ ފޯމުތަކުގައި އެޑްރެހަކަށް ޖަހާފައި އޮތީ ނަޝީދުގެ އަމިއްލަފުޅު އެޑްރެސް، ގ. ކެނެރީގެ އެވެ.
އިބްރޭ ވިދާޅުވީ ކެނެރީގޭގެ ނަމުގައި ފޯމު ފުރައިގެން ގޮފި އުފައްދަން އޮންނަ ގޮތަށް ހުށަހެޅުމުން ޕާޓީގައި ރަޖިސްޓްރީ ކޮށްދޭނެ ކަަމަށެވެ. ޕާޓީގެ އަސާސީ ގަވައިދު އޮންނަ ގޮތުން، ގޮފިތަކުގެ ރައީސަކަށް ވާނީ އެ ގޮފި އުފައްދާ ބޭފުޅަކު ކަމަށެވެ.
ފިކުރެއްގެ ދިރުންގެ ގޮފި އުފައްދާ ފޯމުގައި އެޑްރެހަކަށް ޖަހާފައި އޮތީ ކެނެރީގެއަށް ވާތީ، ގަލޮޅު އުތުރުގެ ގޮތްޕެއްގެ ގޮތުގައި އެ ގޮފި ރަޖިސްޓްރީކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޮތްޕެއްގެ ގޮތުގައި ގެންނަންޏާ ރަޖިސްޓްރީކުރެވޭނެ. އެއީ އެއްވެސް މައްސަލައެއް ނޫން." އިބްރޭ ވިދާޅުވި އެވެ.
އެމްޑީޕީން ބޭއްވި ވާދަވެރި ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ 24،572 ވޯޓުންނެވެ. އެ މަނިކުފާނާ ވާދަކުރެއްވި ކުރީގެ ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ.
ޕާޓީއާ ނުބެހޭ މީހުން އިންތިހާބު ގަޑުބަޑުކުރަން އުޅުނު: އެމްޑީޕީ
ނަޝީދުގެ ކެމްޕޭން ޓީމުގެ ތުހުމަތު: ވަގު ވޯޓު އެޅި!
ފުލުފުލުން އިންޒާރު، ޕާޓީން ކަނޑާލަން ނުކެރޭ؟
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން ކޯޓަށް
ގޮތްޕަކުން ރިޔާސީ ކެންޑިޑޭޓް ބަދަލު ނުކުރެވޭނެ: ޝަރީފް
ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނުކުތުން ގަވާއިދާ ހިލާފު!
ނަޝީދު ބަލި ގަބޫލުކޮށްފި، ބޭނުމީ ސިޔާސީ ވަކިހަރަކާތެއް
ޝިފާޒް ލަވަޔަކުން ވިދާޅުވީ "މަރުފަލިޖަހަނީ" ކަމަށް!