Roadha Mihaaru
އެހެން ޕާޓީތަކަށް ވިސްނައިދޭން އެދިވަޑައިގެންފި

އެހެން ޕާޓީތަކުގެ މީހުންނަށް ވެސް ވިސްނައިދޭން ރައީސް އެދިވަޑައިގެންފި

24 ޖެނުއަރީ 2023

މި ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީ އަށް ފަހު އެހެން ޕާޓީތަކުގެ މީހުންނަށް ވެސް ވިސްނައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީ އަށް ފަހު އެހެން ޕާޓީތަކުގެ މީހުންނަށް ވެސް ވިސްނައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

"... މި ނިންމާއިރުގައި، ޕާޓީގައި ހިމެނިވަޑައިނުގަންނަވާ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑު ބޭނުންވޭ. ތިޔަބޭފުޅުން ވިސްނައި ދެއްވާ، ތިޔަބޭފުޅުންގެ ގާތް އެކުވެރިންނަށް. މި ޕްރައިމަރީ ނިމިގެންދާ ގޮތަކުން އެނބުރި އަނެއްކާވެސް މަގުމަތިވާން ޖެހިދާނެ. އެއީކީއެއް ހަމަ ގައިމު ވެސް ރައްޔިތުން އެދޭނެ ގޮތެއް ނޫން،" ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އދ. ދަނގެއްޗަށް ވަޑައިގެން އެ ރަށުގައި ތިބޭ އެ ޕާޓީގެ މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު އިޝާރާތް ކުރައްވަނީ އެމްޑީޕީގެ ޕްރައިމަރީގައި، މި އަހަރުގެ ރިޔާސީ އިންތިހާބަށް އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ ފަދަ ބޭފުޅަކު ހޮވުމުގެ ވާހަކައަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލުފުޅު ކުރައްވާ ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ ކޯލިޝަނަކާ ގުޅިގެންނެވެ. ތަޖުރިބާގެ އަލީގައި ރައީސް ވިދާޅުވީ، ކޯލިޝަނެއް ގޮވައިގެން އުޅުއްވުމުގެ ގާބިލްކަން ހުރި ކެންޑިޑޭޓަކީ އެ މަނިކުފާނު ކަމަށެވެ.

ޕްރައިމަރީ ކެމްޕެއިނުގައި ރައީސް ދަނގެއްޗަށް މިއަދު ވަޑައިގެން އެ ރަށުގެ އެމްޑީޕީގެ މެމްބަރުންނާ ވާހަކަފުޅު ދައްކަވަނީ.

ޕްރައިމަރީ ކެމްޕެއިނުގައި ރައީސް ދަނގެއްޗަށް މިއަދު ވަޑައިގެން އެ ރަށުގެ އެމްޑީޕީގެ މެމްބަރުންނާ ވާހަކަފުޅު ދައްކަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ހަމަޖެހުމާއި ތަރައްގީ ގެނެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ވެރިކަމުން ގެނެސްދިނީ ހަމަޖެހުން ނަމަވެސް ކުރީގެ ވެރިކަމަކީ ބިރުވެރި އަދި ނާމާން ވެރިކަމެއް ކަމަށެވެ.

"ވަރަށް ސާފު. މި ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ރާއްޖެ އަށް މި ގެނެވުނު ހަމަޖެހުމާއި އާންމު ރައްޔިތުންނަށް މި ގެނެސް ދެވުނު ހިތްހަމަޖެހުމާއި މިނިވަންކަން މިއީ އޭގެ ކުރީގެ ފަސް އަހަރު ތިބޭފުޅުން ތަހައްމަލު ކުރި ދަތި އުނދަގޫތަކުން އަރައިގަތުމަށް ކުރެވުނު ކަމެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ދަނގެތީގެ ބިން ހިއްކުން ރިޔާސީ ވައުދަކަށް

މިއަދުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ދަނގެތީގެ ބިން ހިއްކުމުގެ މަސައްކަތް ލޭންޑްޔޫޒް ޕްލޭންގައި ހިމަނާފައި ވާތީ އެއީ އެ މަނިކުފާނުގެ ރިޔާސީ ވައުދަކަށް ހައްދަވާނެ ކަމަށެވެ. މި ޕްރައިމަރީގެ ކާމިޔާބީ އަށް ފަހު ދެން ދަނގެއްޗަށް ވަޑައިގަންނަވާއިރު އެއީ ވައުދެއްގެ ގޮތުގައި ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ދަނގެއްޗަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ކިޔަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ދަނގެއްޗަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ކިޔަނީ.

"ލޯކަލް ޓޫރިޒަމް މި ރަށުގައި އެބައޮތް. ހިދުމަތްތައް ރަނގަޅަށް ފޯރުކޮށްދޭން އެބަޖެހޭ. ޓޫރިސްޓުންނާއި ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މޫދަށް އެރޭނެ ސަރަހައްދެއް އޮތުމަކީ މުހިންމު ކަމެއް. އަޅުގަނޑުމެން ބަނދަރު ބޮޑުކުރާއިރުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކައުންސިލުން ތި އެދިވަޑައިގަންނަވާ ގޮތަށް މޫދަށް އެރޭ ސަރަހައްދެއް ގާއިމުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި ދަނގެއްޗަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބަނދަރުގެ މައްސަލައެވެ. އެހެންވެ، ބަނދަރު ހިއްކުމަށް ފަހު، ބަނދަރުން ބޮޑުކުރާ ސަރަހައްދަށް އިންޑަސްޓްރިއަލް ޒޯން ބަދަލުކުރުމަކީ ކައުންސިލްގެ ޕްލޭނުގައި އޮތް ކަމަކަށް ވާތީ އެ ކަން ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ދަނގެއްޗަށް ވަޑައިގަތުމުން އެ މަނިކުފާނުގެ ޝަރަފުގައި ހުށަހެޅި ސަގާފީ ހަރަކާތެއް ބައްލަވާލައްވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ދަނގެއްޗަށް ވަޑައިގަތުމުން އެ މަނިކުފާނުގެ ޝަރަފުގައި ހުށަހެޅި ސަގާފީ ހަރަކާތެއް ބައްލަވާލައްވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ބަނދަރު ބޮޑުކުރާއިރު އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބައި އިތުރު ކުރާނެ ކަމަށެވެ.

"އޭރުން މިހާރު އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި އެ އޮތް ބިން ކައުންސިލުން ރައްޔިތުން ބޭނުންވާ ގޮތަށް ގޯތި ދޫކުރަން ބޭނުންވާ ކަމަށް ވާ ނަމަ ފުރުސަތު ލިބިގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.