Roadha Mihaaru
"ސެލްފީ" ގައި އަކްޝޭ އަކީ ހަމަ އޭނާ!

"ސެލްފީ" ގައި އަކްޝޭ އަކީ ހަމަ އޭނާ!

25 ޖެނުއަރީ 2023

ބޮލީވުޑްގެ ޑައިރެކްޓަރު ރާޖް މެހްތާގެ އާ ފިލްމު "ސެލްފީ" ގެ ޓްރެއިލާ ނެރެފައިވާ އިރު، އެ އަށް ވަނީ އޯޑިއަންސްގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބޮލީވުޑްގެ ޑައިރެކްޓަރު ރާޖް މެހްތާގެ އާ ފިލްމު "ސެލްފީ" ގެ ޓްރެއިލާ ނެރެފައިވާ އިރު، އެ އަށް ވަނީ އޯޑިއަންސްގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

އެ ފިލްމުގައި، އުމުރުން 55 އަހަރުގެ އަކްޝޭ ކުޅެނީ ބޮލީވުޑްގެ ސްޓާރެއް ކަމަށް ވާ ވިޖޭ ކުމާރުގެ ރޯލެވެ. އޯމް ޕްރަކޭޝްގެ ނަންދީފައިވާ އާރްޓީއޯ އޮފިސަރެއްގެ ރޯލުން އިމްރާން ހާޝިމީ އެ ފިލްމުގައި ފެންނާނީ ވިޖޭ ކުމާރްގެ ބޮޑު ފޭނެއްގެ ގޮތުގަ އެވެ.

އޭގައި އޯމް ޕްރަކޭޝްގެ ހުވަފެނަކީ އޭނާގެ ދަރިފުޅާ އެކު ވިޖޭއާ އެކު ސެލްފީއެއް ނެގުމެވެ. ނަމަވެސް، ވިޖޭ އާއި އޯމްގެ ފުރަތަމަ ބައްދަލުވުމުން ކަން ހިނގާގޮތުން، އެ ދެމީހުން ދުޝްމަނުންނަށްވެ އެވެ.

އަކްޝޭ ކުމާރް

އަކްޝޭ ކުމާރް

ފުރަތަމަ ނަން ބަދަލުވެފައި އޮތް ނަމަވެސް، އަކްޝޭ އެ ފިލްމުގައި އެ ކުޅެނީ އޭނާގެ "ރިއަލް ލައިފް" ކެރެކްޓާ ނުވަތަ އަމިއްލަ ނަފްސު ކަމަށް "ސެލްފީ" ފިލްމު ހެދި މީހުން ޔަގީންކޮށްދެ އެވެ.

އެކްޓަރަކު އެ މީހެއްގެ އަމިއްލަ ނަފްސު، ފިލްމެއްގެ ކެރެކްޓަރެއްގެ ގޮތުގައި، ހާއްސަކޮށް ބޮލީވުޑްގައި ފެންނަލެއް ވަރަށް މަދެވެ. ނަމަވެސް، މިއި އަކްޝޭގެ މީގެ ތިން ވަނަ ފިލްމެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ނިކުތް "ދަ ޝައުކީންސް" ފިލްމުގައި ވެސް އޭނާ ފެންނަނީ އަކްޝޭ ކުމާރްގެ ގޮތުގަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރުގެ "އެން އެކްޝަން ހީރޯ" ގައި ވެސް އޭނާ ކުޅުނީ ހަމަ އޭނާގެ ރޯލެވެ.

"ދަ ޝައުކީންސް" ގައި ވެސް މަޝްހޫރު ބޮލީވުޑް ތަރި އަކްޝޭގެ ގޮތުގައި ފެންނަ އޭނާ، "އެން އެކްޝަން ހީރޯ" ގެ ގެސްޓް ތަރިއެއްގެ ގޮތުގައި ފެނުމަކީ ފޭނުންނަށް ވެސް ބޮޑު ސަޕްރައިޒަކަށެވެ.