Roadha Mihaaru
ނޭޝަންސް ލީގު ސެމީގައި އިޓަލީ އާއި ސްޕެއިން

ނޭޝަންސް ލީގު ސެމީގައި އިޓަލީ އާއި ސްޕެއިން

26 ޖެނުއަރީ 2023

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ޔޫރަޕުގެ ޗެމްޕިއަން އިޓަލީ އާއި ސްޕެއިން އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނެދަލެންޑްސް އާއި ކްރޮއޭޝިއާ ވާދަކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ޔޫރަޕުގެ ޗެމްޕިއަން އިޓަލީ އާއި ސްޕެއިން އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނެދަލެންޑްސް އާއި ކްރޮއޭޝިއާ ވާދަކުރަން ޖެހިއްޖެ އެވެ.

މި ހަތަރު ޓީމަކީ މިދިޔަ އަހަރު ބޭއްވި ނޭޝަންސް ލީގުގެ އެންމެ މަތީ ޑިވިޝަނުގެ ހަތަރު ގްރޫޕުން އެއް ވަނަ ހޯދި ހަތަރު ޓީމެވެ. ސެމީ އާއި ފައިނަލް އޮންނާނީ ޖޫން މަހު އެވެ.

އެގޮތުން ފުރަތަމަ ސެމީގައި ރޮޓެޑަމްގައި ނެދަލެންޑްސް އާއި ކްރޮއޭޝިއާ ވާދަކުރާނީ ޖޫން 14 ގަ އެވެ. އަދި އިޓަލީ އާއި ސްޕެއިން ބައްދަލުކުރާނީ ޖެހިގެން އަންނަ ދުވަހު އެންކްސްކަޑޭގަ އެވެ.

ފައިނަލް މެޗު އޮންނާނީ ޖޫން 18 ގައި ރޮޓެޑަމްގަ އެވެ. އަދި އެ ދުވަހު އެންކްސްކަޑޭގައި ތިން ވަނަ ހޮވާ މެޗު ވެސް ކުޅޭނެ އެވެ.

ޔުއެފާ އިން 2018 ގައި ތައާރަފުކުރި، އެކުވެރިކަމުގެ މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކުރީ 2019 ގައި ޕޯޗުގަލުންނެވެ. އަދި ދެ ވަނަ މުބާރާތް 2021 ގައި ކާމިޔާބުކުރީ ފްރާންސުންނެވެ.

މުބާރާތުގެ ފައިނަލް ބުރުން ކްރޮއޭޝިއާ ޖާގަ ހޯދީ ޑެންމާކް، ފްރާންސް އަދި އޮސްޓްރިއާ ހިމެނުނު ގްރޫޕުން އެއް ވަނަ ހޯދައިގެންނެވެ. ސްޕެއިން އެ ފުރުސަތު ހޯދީ ޕޯޗުގަލް، ސްވިޒަލެންޑް އަދި ޗެކް ރިޕަބްލިކް ފަހަތަށް ޖައްސާލައިގެންނެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ނުލިބުނު އިޓަލީ އެއް ވަނަ ހޯދީ ހަންގޭރީ އާއި ޖަރުމަނާއި އިންގްލެންށޑް ހިމެނުނު ގްރޫޕުންނެވެ. އަދި ނެދަލެންޑްސް ފުރުސަތު ހޯދީ ބެލްޖިއަމް އާއި ޕޮލެންޑް އަދި ވޭލްސްއާ ވާދަކޮށްގެންނެވެ.