Roadha Mihaaru
އިޓަލީ އަށް ނުވި، ސްޕެއިން އަނެއްކާ ވެސް ފައިނަލަށް

އިޓަލީ އަށް ނުވި، ސްޕެއިން އަނެއްކާ ވެސް ފައިނަލަށް

16 ޖޫން 2023

ނެދަލެންޑްސް (ޖޫން 16) - ފަހު ވަގުތު ޖެހި ގޯލާ އެކު 1-2 އިން އިޓަލީ ބަލިކޮށް ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ ސްޕެއިން ހޯދައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ނެދަލެންޑްސް (ޖޫން 16) - ފަހު ވަގުތު ޖެހި ގޯލާ އެކު 1-2 އިން އިޓަލީ ބަލިކޮށް ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ ސްޕެއިން ހޯދައިފި އެވެ.

ފައިނަލުގައި ސްޕެއިން ނުކުންނާނީ ފުރަތަމަ ސެމީގައި ނެދަލެންޑްސް 2-4 އިން ބަލިކުރި ކްރޮއޭޝިއާއާ ދެކޮޅަށެވެ.

ސްޕެއިން ވަނީ 2021 ވަނަ އަހަރުގެ ނޭޝަންސް ލީގު ފައިނަލުގައި ފްރާންސާ ވާދަކޮށް ބަލިވެފަ އެވެ. މިއީ ނޭޝަންސް ލީގުގެ ފައިނަލަށް ސްޕެއިން ޖެހިޖެހިގެން ދަތުރުކުރި ދެ ވަނަ ފަހަރެވެ.

މެޗު ފަށައިގެން ތިން ވަނަ މިނިޓުގައި ސްޕެއިންގެ ޔެރެމީ ޕީނޯ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އިޓަލީ އިން ނަތީޖާ ހަމަހަމަކުރީ 11 ވަނަ މިނިޓުގައި ޗީރޯ އިމޯބިލޭ ވައްދާލި ޕެނަލްޓީއަކުންނެވެ. ރެފްރީ ޕެނަލްޓީ ދިނީ އޭރިޔާ ތެރެއިން ސްޕެއިންގެ ރޮބިން ލި ނޯމަންޑްގެ އަތުގައި ބޯޅަ ޖެހުމުންނެވެ. ރޭގެ މެޗަކީ ސްޕެއިނަށް ނޯމަންޑް ކުޅުނު ފުރަތަމަ މެޗެވެ.

އެއްވަރުވާން ދަނިކޮށް ސްޕެއިން މޮޅުވި ލަނޑު ޖެހީ ފޯވާޑް ހޮސެލޫ އެވެ. އެސްޕަނިޔޯލަށް ކުޅޭ 33 އަހަރުގެ ފޯވާޑަށް ސްޕެއިން ގައުމީ ޓީމުން ފުރުސަތު ލިބުނީ މި އަހަރު އެވެ. ފުރަތަމަ ތިން މެޗުގައި ހޮސެލޫ ވަނީ ސްޕެއިން ޓީމަށް ތިން ލަނޑު ޖަހައިފަ އެވެ.

"ސްޕެއިނަށް ތައްޓެއް ނުލިބޭތާ ގިނަ އަހަރުތަކެއް ވެއްޖެ. ދެން އޮތީ ނޭޝަންސް ލީގުގެ ތަށި ހޯދުން" މީގެ ފަސް ދުވަސް ކުރިން މެންޗެސްޓާ ސިޓީ އިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރި ގޯލު ޖެހި ސްޕެއިންގެ ރޮޑްރީ ބުންޏެވެ.

ސްޕެއިނަށް ބައިނަލްއަގްވާމީ ތައްޓެއް އެންމެ ފަހުން ލިބުނީ 2012 ވަނަ އަހަރު އެވެ. އެ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިފަހުން ބައިނަލްއަގްވާމީ މުބާރާތެއްގައި ސްޕެއިނަށް ކާމިޔާބީއެއް ނުލިބެ އެވެ. އޭގެފަހުން ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި އެޓީމަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ 2020 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލަށް ދަތުރުކުރުމެވެ.

ނޭޝަންސް ލީގުގެ ތިން ވަނަ ހޮވާ މެޗުގައި ވާދަކުރާނީ ނެދަލެންޑްސް އާއި އިޓަލީ އެވެ. ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު އެވެ.