Roadha Mihaaru
މިސްކިތްތައް ބެހެލެއްޓުން މާދަޑު ކައުންސިލުން ހުއްޓާލަނީ

މިސްކިތްތައް ބެލެހެއްޓުން މާދަޑު ކައުންސިލުން ހުއްޓާލަނީ

17 ޖެނުއަރީ 2017

ފުވައްމުލަކުގެ މާދަޑު އަވަށުގައި ހުންނަ ހަތަރު މިސްކިތް ބަލަހައްޓަން އިސްލާމިކް މިނިސްޓްރީން އެއްބާރުލުން ނުދޭ ކަމަށް ބުނެ އެ މިސްކިތްތައް ބެލެހެއްޓުން އަންނަ މަހުން ފެށިގެން ހުއްޓާލަން އެ އަވަށު ކައުންސިލުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުވައްމުލަކުގެ މާދަޑު އަވަށުގައި ހުންނަ ހަތަރު މިސްކިތް ބަލަހައްޓަން އިސްލާމިކް މިނިސްޓްރީން އެއްބާރުލުން ނުދޭ ކަމަށް ބުނެ އެ މިސްކިތްތައް ބެލެހެއްޓުން އަންނަ މަހުން ފެށިގެން ހުއްޓާލަން އެ އަވަށު ކައުންސިލުން ނިންމައިފި އެވެ.

މާދަޑު ކައުންސިލާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އޮތް އެއްބަސްވުމެއްގެ ދަށުން އެ އަވަށުގެ ހަތަރު މިސްކިތް ބަލަހައްޓަމުން އައީ އެ ކައުންސިލުންނެވެ. އެ މިސްކިތްތަކުގެ މުވައްޒަފުންގެ މުސާރަ އަށް ބޭނުންވާ ފައިސާ މިނިސްޓްރީން ނުދޭ ކަމަށް ބުނެ އެ ކައުންސިލުން ކަންބޮޑުވުން ފާޅު ކޮށްފައިވާ އިރު، އިސްލާމިކް މިނިސްޓްރީން އެކަން ދޮގު ކުރެ އެވެ.

މާދަޑު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއްބަސްވުން އުވާލައި، މިސްކިތްތައް ބެލެހެއްޓުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ މުވައްޒަފުންގެ މުސާރައިގެ ފައިސާ މިނިސްޓްރީން ޖަމާކުރަނީ އެތައް ދުވަހެއް ފާއިތުވާ ފަހުން ކަމަށާއި ގިނަ ފަހަރު މުވައްޒަފުންނަށް މުސާރަ ދެނީ ކައުންސިލަށް ލިބޭ އާމްދަނީން ކަމަށެވެ.

ކައުންސިލްގެ އަމިއްލަ ބަޖެޓުން މުސާރަ ދިނުމުން އެ ފައިސާ ފަހުން މިނިސްޓްރީން ޖަމާކޮށްދޭ ކަމަށާއި އެކަމަކު މިދިޔަ މަހު މިނިސްޓްރީން އެ ފައިސާ ޖަމާކުރީ ލިބެންޖެހޭ އަދަދަށް ވުރެ 38،000ރ. މަދުން ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަން ހައްލުކުރަން މިނިސްޓްރީގައި އެދުމުން އެ ކައުންސިލް ބަދުނާމުކޮށް މީޑިއާގައި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ.

"އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންގެ މުސާރަ ދިނުމުގެ މައްސަލާގައި މި ކައުންސިލުން ކުރެވެމުންދާ މަސައްކަތްތައް ލިޔެކިޔުންތަކުން ފެންނަ އެބަހުއްޓެވެ،" އެ ބަޔާނުގައިވެ އެވެ.

މިސްކިތްތައް ބެލެހެއްޓުމަށް ފޮނުވާ ފައިސާ އިން، ކުރަން ނުޖެހޭ ޚަރަދުތައް ކުރާ ކަމަށް ބުނެ މީޑިއާގައި މިނިސްޓްރީން ދެއްކި ވާހަކަތަކަކީ ދޮގެއް ކަމަށާއި އެ ކައުންސިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާތީ އެ މައުލޫމާތު ލޯކަލް ގަވަރްމެންޓް އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަނާ ވެސް ހިއްސާކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން ގދ. ތިނަދޫ ކައުންސިލުން ވެސް ވަނީ އެ ރަށުގެ މިސްކިތްތައް ބެލެހެއްޓުމާ ބެހޭ ގޮތުން މިނިސްޓްރީއާ ދެމެދު ހެދި އެއްބަސްވުން އުވާލައި، އެ މަސައްކަތް ހުއްޓާލައިފަ އެވެ. މިހާރު އެ ރަށުގެ މިސްކިތްތައް ބަލަހައްޓަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.