Roadha Mihaaru
މިސްކިތްތައް ބެލެހެއްޓުން ކައުންސިލަތަކާ ހަވާލުކޮށްފި

މިސްކިތްތައް ބެލެހެއްޓުން ރަށު ކައުންސިލްތަކާ ހަވާލުކޮށްފި

18 މާޗް 2019

ކުރީ ސަރުކާރުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔަ މިސްކިތްތައް ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށަށް އަނެއްކާ ވެސް އިއްޔެ ބަދަލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކުރީ ސަރުކާރުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔަ މިސްކިތްތައް ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށަށް އަނެއްކާ ވެސް އިއްޔެ ބަދަލުކޮށްފި އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން މިސްކިތްތައް ބެލުމުގެ ޒިންމާ އޮތީ ކައުންސިލްތަކަށެވެ. ނަމަވެސް މިދިޔަ ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ހަނިކުރި އިރު، މިސްކިތްތައް ބެލުމުގެ ޒިންމާ ވަނީ އެތަނުން ނެގުމަށް ފަހު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ގާނޫނުގައިވާ ބާރުތައް ކައުންސިލްތަކާ އަނބުރާ ހަވާލުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އިސްލާމިކް މިނިސްޓްރީން ރަށު ކައުންސިލްތަކަށް ފޮނުވި ބަޔާނުގައި ބުނެފައި ވަނީ އެ ބަދަލު ގެނައީ، އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިސްކިތްތަކުގެ މުވައްޒަފުންގެ ކަންތަކާއި އެ މީހުންނަށް މުސާރަދިނުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހުން ފެށިގެން ކުރާނީ ރަށު ކައުންސިލުންނެވެ. އަދި ކައުންސިލްތަކަށް މުސާރައިގެ ބަޖެޓާއި މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް އެތަނުން ބުންޏެވެ.

މި ގެނައި ބަދަލާ އެކު މިސްކިތްތައް ސާފުކުރުމާއި މަރާމާތުކުރުމުގެ މަސައްކަތް ކުރާނީ ވެސް ކައުންސިލްތަކުންނެވެ.

މާލޭގެ މިސްކިތްތަކާއި ގަބުރުސްތާނާއި މޯޗަރީތައް ބެލެހެއްޓުން ވެސް މާލެ ސިޓީ ކައުންސިލާ މިދިޔަ ޖެނުއަރީ މަހު ވަނީ ހަވާލުކޮށްފަ އެވެ.