Roadha Mihaaru
އައްޑޫ، ފުވައްމުލަކުގައި ވެސް މިސްކިތްތައް "ބަންދު"

އައްޑު އާއި ފުވައްމުލަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރަން އަންގައިފި

18 އެޕްރީލް 2020

މިހާރު މާލޭގައި ފެތުރެން ފަށާފައިވާ ކޮވިޑް-19 އާ ގުޅިގެން އައްޑު އާއި ފުވައްމުލަކުގެ މިސްކިތްތަކުގައި ވެސް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިހާރު މާލޭގައި ފެތުރެން ފަށާފައިވާ ކޮވިޑް-19 އާ ގުޅިގެން އައްޑު އާއި ފުވައްމުލަކުގެ މިސްކިތްތަކުގައި ވެސް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ އައްޑު އާއި ފުވައްމުލަކުގައި މިއަދުގެ މަޣުރިބު ނަމާދުން ފެށިގެން ބުރާސްފަތި ދުވަހުގެ އަސްރު ނަމާދާ ހަމައަށް މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުނުކުރަން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް، މާލެ ސަރަހައްދާއި ރިސޯޓްތަކުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލައިފަ އެވެ. އެކަމަކު އައްޑު އާއި ފުވައްމުލަކަކީ، މާލެ ސަރަހައްދާއި ރިސޯޓްތައް ފިޔަވައި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދާއި ހުކުރު ކުރުން މެދުކަނޑާލި ފުރަތަމަ ދެ ސިޓީ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުނުކުރުމާއި މީހުން އަރައި ފޭބުން މަނާ ރިސޯޓުތަކާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރިސޯޓުތަކުގައި ވެސް މި މަހުގެ ނިޔަލަށް ޖަމާއަތުގައި ނަމާދުނުކުރަން ނިންމާފައިވާ ކަމަށެވެ. މި ހާލަތުގައި މިސްކިތުގައި އެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދުކުރައްވާ" ދެ ފަހަރު ގޮވަން އިމާމުންނަށް ވަނީ އަންގައިފަ އެވެ.

މި ހާލަތުގައި މިސްކިތުގައި ނަމާދުނުކުރި ކަމަށް ވިއަސް ފަރުޟު ފަސް ނަމާދު ބަރާބަރަށް ކުރުމާއި ސުންނަތް ނަމާދު ގިނަގިނައިން ކޮށް، ދުއާކުރަން ވެސް، އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މާލެއިން މިހާތަނަށް 13 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.