Roadha Mihaaru
ފުލުފުލުން އިންޒާރު، ޕާޓީން ކަނޑާލަން ނުކެރޭ؟

"ފިކުރެއްގެ ދިރުން" އަށް މުޅިން ވެސް އިންޒާރު، ޕާޓީން ވަކިކުރާކަށް ނުކެރޭ؟

15 މެއި 2023

އެމްޑީޕީގެ އަސާސީ ގަވައިދުގެ 19 ވަނަ މާއްދާ ބުނާ ގޮތުން ދެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ޕާޓީގެ މެންބަރުކަމުން ވަކި ކުރެވޭނެ އެވެ. ފުރަތަމަ ކަމަކަށް ބުނެފައި ވަނީ އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީގެ އަސާސީ ގަވައިދުގެ 19 ވަނަ މާއްދާ ބުނާ ގޮތުން ދެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ޕާޓީގެ މެންބަރުކަމުން ވަކި ކުރެވޭނެ އެވެ. ފުރަތަމަ ކަމަކަށް ބުނެފައި ވަނީ އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމެވެ.

އަސާސީ ގަވައިދުގެ 20 ވަނަ މާއްދާ ބުނާ ގޮތުން މެންބަރެއްގެ ސަބަބުން ޕާޓީގެ މަސްލަހަތުތަކަށް އެކަށީގެން ނުވާ ގެއްލުން ލިބޭ ކަމަށް ފެނިގެން ނުވަތަ ޕާޓީގެ އުސޫލުތަކާ ހިލާފަށް މެންބަރަކު މަސައްކަތް ކުރާ ނަމަ ފިޔަވަޅު އަޅާ ކޮމިޓީން މައްސަލަ ބަލައި ޕާޓީން ވަކި ކުރެވިދާނެ އެވެ.

އެކަމަކު، އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ބޮޑު ނާކާމިޔާބީގެ ފަހަތުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު "ފިކުރެއްގެ ދިރުން" ގެ ނަމުގައި ފެކްޝަނެއް އުފެއްދިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ޕާޓީގެ ގައުމީ މަޖިލީހުން އެންޑޯޒް ކޮށްފައިވާ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅު ހަރަކާތްތައް ފާޅުގައި ދަނީ ހިންގަމުންނެވެ. މިހާރުގެ އެމްޑީޕީގެ ލީޑާޝިޕް ފެއިލް ކޮށްލައި އެހެން ޕާޓީއެއްގެ ލީޑަރަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން ފާޅުގައި ގެންދަނީ މަސައްކަތް ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި މަދު މެންބަރުން ކޮޅެއް އެމްޑީޕީގެ ބިޔަ މެޖޯރިޓީ ޕްރެޝަރަށް ވައްޓާލައި ވަކި ޕާލިމެންޓަރީ ގްރޫޕެއް ހަދައިގެން މަސައްކަތް ކުރެ އެވެ.

އެންމެ ފަހުން މިހާރު އިދިކޮޅު ހުރިހާ ޕާޓީއަކާ އެކު "ކަނޑު ކޯލިޝަނެއް" ހައްދަވައި އެމްޑީޕީގެ މިނިސްޓަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަޒުލު ކުރުމުގެ މަސައްކަތުގައި ބައިވެރިވެއްޖެ އެވެ.

ކަނޑު ވިއްކުމާ ދެކޮޅަށް އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަތުން -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކަނޑު ވިއްކުމާ ދެކޮޅަށް އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަތުން -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްޑީޕީގެ ތެރޭގައި ތިބެގެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހުރިހާ އިންތަކާއި ރޮނގުތަކެއް ހުރަސް ކުރަމުން ދާއިރު އެ ޕާޓީގެ ލީޑަޝިޕް އޮތީ އަސާސީ ގަވައިދުގެ އެ ދެ މާއްދާ މަތީ އަތް އަޅާލައިގެންނެވެ. އެއްވެސް ފިޔަވަޅެއް އަޅާކަށް ބޭނުމެއް ނުވެ އެވެ. ޕާޓީގެ ތެރެއިން އަންނަ ފިއްތުންތަކާ ހެދި ދޭތެރެއަކުން ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދެ އެވެ. ފިޔަވަޅު އަޅަން ނިންމަ އެވެ. ނަމަވެސް އެއްވެސް ކަމެއް ތަންފީޒެއް ނުކޮށް ކޮންމެ ފަހަރަކު ޕާކް ކޮށްލަނީ އެވެ. ކޮންމެ ފަހަރަކު ވެސް މީޑިއާ އަށް ދޫކޮށްލަނީ ސުރުހީއެކެވެ. ނަތީޖާއެއް ނުފެންނަ ބޭކާރު ސުރުހީތަކެކެވެ.

ކުރިން ދިން އިންޒާރުތަކަށް ނަތީޖާއެއް ނުނެރެވި އުޅެނިކޮށް އަނެއްކާ އެފަދަ އިންޒާރެއް ދީފި އެވެ. އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އޭނާއާ ދެކޮޅަށް ވޯޓު ދެއްވާ އެމްޑީޕީގެ މެންބަރުން ވަކި ކުރާނެ ކަމަށެވެ. އެކަމަކު މިފަހަރު ދާނީ ކިހާ ވަރަކުންތޯ މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

"ފިޔަވަޅު ނާޅަނީ ސިޔާސީ ގޮތުން ގެއްލުން ވެދާނެތީ"

އެމްޑީޕީގެ ތާރީހަށް ބަލާއިރު އެންމެ ކުޑަމިނުން އެ ޕާޓީގެ ވިޕާ ހިލާފުވި މެންބަރުންނާ މެދު އަމަލު ކޮށްފައި ވަނީ ވަރަށް ހަރުކަށި އުސޫލުންނެވެ. މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) 2017 ވަނަ އަހަރު އެ ޕާޓީގެ ވިޕާ ތަކުރާރުކޮށް ހިލާފުވަމުން ދާތީ ވަކި ޕާޓީން ކަނޑާލި އެވެ.

އެ ފިޔަވަޅު އެޅީ އެމްޑީޕީއާ އަލުން ގުޅޭ ނަމަ އިތުރު 50 މެންބަރުންގެ ސޮޔާ އެކު ފޯމު ހުށަހަޅަން ޖެހޭ ގޮތަށެވެ. ޕާޓީގެ މެމްބަރުންގެ ކިބައިން މާފަށް އެދެން ޖެހުނެވެ. އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ތާރީހުން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް އެ ޕާޓީގެ އެއްވެސް މަގާމަކަށް ވާދަ ނުކުރެވޭނެ ކަމަށް ވެސް އޭރު ނިންމި އެވެ.

އެކަމާ މޫސަ ކިތަންމެ ޝަކުވާއެއް ކުރި ނަމަވެސް މިހާރު އެ ދުވަސްވަރު "ފިކުރެއްގެ ދިރުން" ގެ މެންބަރުންގެ ބާރު އެމްޑީޕީގެ ތެރޭގައި އޮވެ، އެ ފިޔަވަޅު އަޅައި ވަކި ކުރީ އެވެ.

ގައުމީ މަޖިލީހުގައި ޗެއާޕާސަން ފައްޔާޒް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގައުމީ މަޖިލީހުގައި ޗެއާޕާސަން ފައްޔާޒް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިހާރު ވެސް ޕާޓީގެ އަސާސީ ގަވައިދާ ހިލާފުވުމާއި އެމްޑީޕީގައި ތިބެގެން އެ ޕާޓީއާ ދެކޮޅުވުމަކީ މެންބަރުންނަށް ދިމާވެފައިވާ އެންމެ ބޮޑު އުނދަގުލެވެ. މަޖިލީހުގައި ފިކުރެއްގެ ދިރުމުގެ މެންބަރުންގެ ކަންކަން ބޮޑުވެގެން ސަރުކާރު ފަޅީގެ ގިނަ މެންބަރުންތަކެއް މީގެ ކުރިން ވަނީ މަޖިލިސް ނިންމި ގޮތަށް ސީދާ މުލިއާގެއަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފަ އެވެ.

އެ ފަހަރު ވެސް މެންބަރުން އެދިވަޑައިގަތީ މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހުގެ ހަ ފޮޅުން އެތެރެ ކުރާށެވެ. އެކަމަށްޓަކައި ސޮއި ހޯދުމުގެ މަސައްކަތް ވެސް ފެށި އެވެ. ނަމަވެސް ލީޑާޝިޕްގެ އެދިވަޑައިގަތުމަށް ޖެހުނީ އެ މަސައްކަތް ވެސް ފަހަށް ބާއްވާށެވެ.

އޭގެ ފަހުން އެތައް ފަހަރެއްގެ މަތިން ބައެއް މެންބަރުން ވަނީ ނަޝީދުގެ ފެކްޝަންގެ ވަކިވަކި މެންބަރުންނަށް ފިޔަވަޅު އެޅުމަށް ވެސް އެދިފަ އެވެ. ނަމަވެސް ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ލީޑާޝިޕްގައި ތިއްބަވާ އެހެން ބޭފުޅުންގެ ވިސްނުމަކަށްވީ މިވަގުތު އެ މެންބަރުންނަށް ފިޔަވަޅު އަޅައިގެން ލިބޭ ގެއްލުން ބޮޑުވާނެ އެވެ.

"އެ މެންބަރުންނަށް ފިޔަވަޅު އަޅައި ޕާޓީން ވަކި ނުކޮށްގެން އެ ތިބެނީ. ސިމްޕަތީ ހޯދައި ޕާޓީ މިހާރު އޮތް ވަރަށް ވުރެ ދެބައި ކޮށްލުން ބޭނުމަކީ. ގިނަ އަދަދެއްގެ މެންބަރުން ޕާޓީން ވަކިވެ ގެއްލުން ބޮޑު ވެދާނެ،" ނަން ނުޖަހާ ގޮތަށް "މިހާރު" އާ ވާހަކަ ދެއްކެވި މެންބަރަކު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކާއެކު ކޯލިޝަން ހެދުމާއި އެމްޑީޕީގެ މިނިސްޓަރުން ވަކި ކުރަން މަސައްކަތް ކުރުމަކީ ޕާޓީގެ ތެރޭގައި އޮތް ދެބަސްވުން "ހައްދުން ނެއްޓުން" ކަމަށް އެމްޑީޕީގެ މެންބަރުން ދެކެ އެވެ. މި ފަހަރު ވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލައިފި ނަމަ އެތެރޭގެ ދެބައިވުމާއި ޖެއްސުން އިތުރަށް ބޮޑު ވާނެ ކަމަށް ވެސް އެ މެންބަރުން ގަބޫލު ކުރެ އެވެ.

މާލެ: ފެބްރުއަރީ 11، 2020: އެމްޑީޕީގެ ގައުމީ މަޖިލީހުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯތައް: ހުސެން ވަހީދު/ މިހާރު

މާލެ: ފެބްރުއަރީ 11، 2020: އެމްޑީޕީގެ ގައުމީ މަޖިލީހުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯތައް: ހުސެން ވަހީދު/ މިހާރު

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެހެނިހެން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެ ޕާޓީގެ އަސާސީ ގަވައިދުން ޖާގަ ދޭ ކަމެއް ނޫނެވެ.

މިހާރު އެ ކުރާ މަސައްކަތްތަކާއި އެމްޑީޕީގެ މިނިސްޓަރުން ވަކި ކުރަން ވޯޓު ދޭ ހިސާބުން އެ މެންބަރުން ވަކިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިއްފަތުގެ މައްސަލާގައި ޕާޓީން ނެރޭ ތްރީލައިން ވިޕާ ހިލާފުވާ މެންބަރުންނަށް ފާހަގަ ކުރުމަށް ފަހު އެ މެންބަރުންނާ މެދު ފިޔަވަޅު އަޅަން އަސާސީ ގަވައިދުގައި އޮންނަ ގޮތަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ އަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކި ކުރާނީތޯ ނޫނީ ނަސޭހަތްތެރިވާނީތޯ ނުވަތަ އަޅާނެ އެހެން ފިޔަވަޅެއް ވެސް ނިންމާނީ އެ ކޮމިޓީން. އަޅުގަނޑުމެންނަށް ފާހަގަވާ މެންބަރުންގެ ނަންތައް ފިޔަވަޅު އަޅާ ކޮމިޓީ އަށް ފޮނުވާނަން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ވެސް ބައެއް މެންބަރުން ކޮމިޓީތަކުން ބަދަލު ކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެ ބައްދަލު ގެންނައިރު އޭގެ ތެރެއިން ބައެއް މުގައްރިރުން ބަދަލުވުން ވެސް އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިކުރެއްގެ ދިރުމުން ކަންބޮޑެއް ނުވޭ!

މި ހުރިހާ މައްސަލައެއް ހިނގާއިރު އެމްޑީޕީގެ ވަރަށް ސީނިއާ މެންބަރުން ހިމެނޭ ފިކުރެއްގެ ދިރުމުގެ އަޒުމެއް ވެސް އަދި ފިކުރެއް ވެސް ގުޑުވައެއް ނުލެވެ އެވެ. ހުރިހާ އިންޒާރަކާއެކު ވެސް އެ މެންބަރުންނަށް ޔަގީންވާ އެއް ކަމެއް އޮވެ އެވެ. ކޮންމެ ކަމެއް ވިޔަސް އަލުން އަނބުރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތަށް ނާރާނެ ކަމެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގައި ފިކުރެއްގެ ދިރުން ފެކްޝަންގެ މެންބަރުން-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްޑީޕީ ގައުމީ މަޖިލީހުގައި ފިކުރެއްގެ ދިރުން ފެކްޝަންގެ މެންބަރުން-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ސުވާލު އަމާޒު ކުރުމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން އާއި ގާނޫނުތަކުން ރާއްޖޭގެ ސަރަހައްދާ ބެހޭ ހުރިހާ ކަމެއް ކަނޑައެޅުމުގެ ބޭރު ދީފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންވެ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން އަދި އެމްޑީޕީ މެންބަރެއްގެ ހައިސިއްޔަތުން އެ މައްސަލަ އަށް އެއްވެސް ބަހެއް ވިދާޅުނުވެ ހުރުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އަދި އެމްއެންޕީ އާއި ޖޭޕީއާ އެކު ކޯލިޝަނެއް ހައްދަވައިގެން މަސައްކަތް ކުރަން ނިންމީ ވެސް އެމްޑީޕީގެ ތެރެއިން އަތުވެދާނެ ޕްރެޝަރަކަށް ފަސް ނުޖެހޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. ޕާޓީން ވަކި ކޮށްފާނެތޯ ނުވަތަ މާދަމާ މި ސަރުކާރުން އޭނާ ޖަލަށް ލާފާނެތޯ އެ ދައްކާ އިންޒާރަކަށް އެއްވެސް ގޮތަކަށް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ޕާޓިން ކަނޑާލަފާނެތީ ނުވަތަ ޖަލަށް ލައި އަދި އެހެންވެސް ކަމެއް ވެދާނެތީ ކަންބޮޑެއް ނުވާތީ މި ތަނުގައި މި ބޭފުޅުންނާއެކީ މި ހުންނެވީ،" އާޒިމް ވިދާޅުވި އެވެ.

މި ހުރިހާ ކަމަކާ ގުޅޭ ސާފު ޖަވާބެއް ރިފްއަތުގެ ވޯޓަށް ފަހު ލިބޭނެ އެވެ. އެމްޑީޕީން އެ ޕާޓީގެ މެންބަރުން ވަކި ކުރިޔަސް ހެޔޮ ކަމަށް ވޯޓު ދެއްވަން ކެރިވަޑައިގަންނަވާނެތޯ އަދި ޕާޓީން ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ތޯ އެވެ. ޔަގީންވާ ކަމަކީ ރީކޯ މޫސަ އާއި އަލްހާން ފަހުމީ މެން ފަދަ ބޭފުޅުންނާ މެދު އަމަލުކުރި ގޮތަށް ފިޔަވަޅު އަޅަން ކެރޭ ލީޑަޝިޕެއް މި ވަގުތު ފެންނަން ނެތް ކަމެވެ. އެ ކަމުގައި އަދި ދައްކަނީ ހުސް ވާހަތަކެކެވެ.