18 ޖެނުއަރީ 2017
މާބަނޑު ދުވަސްވަރު ވައިގެ ބޭސް ބޭނުންކުރާ މީހުންނަށް ލިބޭ ދަރިންނަށް ނޭވާ ހިއްލުމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ސައިންސްވެރިން ބުނެފި އެވެ.
މާބަނޑު ދުވަސްވަރު ވައިގެ ބޭސް ބޭނުންކުރާ މީހުންނަށް ލިބޭ ދަރިންނަށް ނޭވާ ހިއްލުމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ސައިންސްވެރިން ބުނެފި އެވެ.
ވަރަށް ފަހުން ކޮށްފައިވާ ދިރާސާތަކެއްގެ ނަތީޖާއިން ދައްކާފައިވާ ގޮތުގައި މޭ އެންދުމާއި ވައިގެ އުނދަގޫތަކަށް ޑޮކްޓަރުން ދޭ ބޭސްތައް ބޭނުންކުރާ އަންހެނުންނަށް ލިބޭ ދަރިންނަށް ނޭވާ ހިއްލާތީ ބޭސްކުރަން ޖެހުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ.
ތަޖުރިބާކާރުން ބުނަނީ މި ދިރާސާ އަދި އޮތީ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގައި ކަމަށާއި އެހެންވެ މީގައި ބުނާ ވާހަކަ ކަނޑައެޅިގެން އަދި ޔަގީންކުރެވެން ނެތް ކަމަށެވެ. ނަމަވެސް މާބަނޑު އަންހެނުންނަށް ތަޖުރިބާކާރުން އިރުޝާދު ދެނީ ޑޮކްޓަރަކު ލިޔެދެއްވާފައިވާ ބޭހެއް ނަމަ ޑޮކްޓަރުގެ ލަފާގެ މަތިން މެދުކަނޑާނުލައި އެ ބޭހެއް ކެއުމަށެވެ.
ދިރާސާ ކުރި ސައިންސްވެރިން ބުނަނީ މިގޮތަށް ދިމާވާ އިތުރު ސަބަބުތަކެއް ވެސް ހުރެދާނެ ކަމަށާއި ކަނޑައެޅިގެން އެކަން އެގޮތަށް ދިމާވާކަން ނިންމޭނީ އެކަމާ ގުޅުން ހުރި އެހެން ކަންތައްތައް ވެސް ދިރާސާކޮށް ބެލުމަށް ފަހުގައި ކަމަށެވެ.
މޭ އަންދާގޮތް ވަނީ ބަނޑުގައި ހުންނަ އެސިޑް، ކާއެއްޗެހި ދަތުރުކުރާ ހޮޅިއަށް އަރާގޮތް ވުމުންނެވެ. މި ހޮޅި އެއްކޮޅުން ބަނޑާ ގުޅިފައި ވާއިރު އަނެއްކޮޅުން ގުޅިފައި އިންނަނީ ކަރުތެރެއަށެވެ.
މާބަނޑު ދުވަސްވަރު މޭ އެންދުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. އެހެން ދިމާވަނީ ހޯމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ދަރިފުޅު ހެދިބޮޑުވަމުން އަންނަ ވަރަކަށް ބަނޑުގެ ޕްރެޝަރު ބޮޑުވާތީ އެވެ.
މޭ އެންދުމަށް ޑޮކްޓަރުން އާންމުކޮށް ލިޔެދެއްވަނީ އެޗް2-ރިސެޕްޓާ އެންޓަގޮނިސްޓްސް އާއި ޕްރޮޓޮން ޕަމްޕް އިންހިބިޓާޒް ކިޔާ ވައްތަރުތަކުގެ ބޭސްތަކެވެ. ބަނޑުގައި އުފެދޭ ގޭސްތައް މި ބޭސްތަކުން ބްލޮކް ކޮށްދެ އެވެ.
ކުޑަކުދިން ނޭވާ ހިއްލާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި
މި ވައްތަރުގެ ބޭހަކީ މާބަނޑު ދުވަސްވަރު ބޭނުންކުރުން ރައްކާތެރި ބޭހުގެ ގޮތުގައި ބެލެވިފައިވެ އެވެ. މިފަދަ ބޭހުން، ބަނޑުގައި އޮންނަ ދަރިފުޅުގެ ހެދިބޮޑުވުމަށް އެއްވެސް އަސަރެއް ނުކުރެ އެވެ.
ފިންލެންޑްގައި ހުންނަ ޔުނިވަސިޓީ އޮފް އެޑިންބަރާ އެންޑް ޓެމްޕެއާގައި ކޮށްފައިވާ މި ދިރާސާގައި މީގެ ކުރިން ކޮށްފައިވާ މިފަދަ އަށް ދިރާސާއެއް އަލުން ރިވިއުކޮށްފައިވެ އެވެ. އަދި 1.3 މިލިއަނަށް ވުރެ ގިނަ ކުދިންގެ ހެލްތު ރެކޯޑްތައް ވެސް ދިރާސާގައި ބޭނުންކުރި އެވެ.
މި ޓީމަށް ފާހަގަކުރެވިފައިވާ ގޮތުގައި އެސިޑް ބްލޮކްކުރާ ބޭސްތައް ބޭނުންކޮށްފައިވާ މައިންނަށް ލިބުނު ކުދިންގެ ތެރެއިން މަދުވެގެން ތިން ބައިކުޅަ އެއްބައި ކުދިން ނޭވާ ހިއްލާތީ ނުވަތަ އެފަދަ ނިޝާންތަކެއް ފެނިގެން ޑޮކްޓަރަށް ދައްކާފައިވެ އެވެ.
ސައިންޓިސްޓުން ބުނަނީ މި ދިރާސާއިން މިގޮތަށް ދެއްކި ނަމަވެސް މާބަނޑު މީހުންނަށް ދޭ އިރުޝާދަށް އަދި ބަދަލެއް ގެންނަން ނުޖެހޭނެ ކަމަށާއި މިކަމާ ގުޅޭ އިތުރު ދިރާސާތައް ކުރަން ބޭނުންވާ ކަމަށެވެ.
ޔުނިވަސިޓީ އޮފް އެޑިންބަރާގެ ކޯ-ޑައިރެކްޓާ އޮފް ދި އެސްމާ ޔޫކޭ ފޯ އެޕްލައިޑް ރިސާޗް ޕްރޮފެސާ އަޒީޒް ޝެއިޚް، ވިދާޅުވަނީ އެބޭފުޅުންގެ ދިރާސާއިން، ކުޑަކުދިން ނޭވާ ހިއްލުމާއި އެކުދިންނަށް ބަލިވެ އިނދެގެން އުޅުނު ދުވަސްވަރު އެ ކުދިންގެ މައިން ވައިގެ އުނދަގޫތަކަށް ބޭސް ކައިފައިވުމާ ގުޅުމެއްވާކަން ހާމަވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މި ދިރާސާ އަށް އެކަނި ބަލައިގެން މިކަމުގައި ގޮތެއް ނިންމައިގެން ނުވާނެ ކަމަށެވެ.
މި ދިރާސާ ރިޕޯޓު ޖާނަލް އޮފް އެލާޖީ އެންޑް ކްލިނިކަލް އިމިއުނޮލޮޖީގައި ވަނީ ޝާއިއުކޮށްފަ އެވެ.
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
މާބަނޑު މީހުންނަށް ކޮވިޑް ޖެހޭ ވަރު އިތުރުވެއްޖެ
އެއްމާބަނޑު ދެ ކުދިން ލިބުނީ ނާދިރު ގޮތަކަށް ބަލިވެއިނދެ
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
އެއްމާބަނޑު ދެކުދިންގެ ފަރުވާއަށް ވަގުތުން އެހީތެރިވި
ކުޑަހުވަދޫގައި ދުވަސްނުފުރާ ވިހޭ ދެ ކުދިން މަރުވެއްޖެ
އަލަތު ދަރިފުޅު އޭޑީކޭގައި މަރުވި މައްސަލަ ބަލަނީ
މާބަނޑުއިރު ފޮނިތަކެތި ބުއިމުން ދަރިން ނޭވާހިއްލަފާނެ
މާބަނޑުއިރު މަސް ކެއުމުން ދަރިފުޅު ނޭވާހިއްލުމާ ދުރުވޭ
އެއްމާބަނޑު ހަތަރު ކުދިންގެ ނަންތައް ހިތްގައިމު